Roadha Mihaaru

ވާދަވެރިންނަށް ފްލިކްގެ މެސެޖެއް: ބާސާގެ އެނބުރި އައުން "ތަފާތުވާނެ"

ބާސާގެ އެނބުރި އަންނާނީ މުޅިން ތަފާތު ޓީމަކާ އެކު ކަމަށް ކޯޗު ހަންސް ޑީޓާ ފްލިކް ބުނެފި އެވެ.

ފްލިކްގެ މެސެޖް: ބާސާގެ އެނބުރި އައުން "ތަފާތުވާނެ"
ހުސެއިން ހަބީބް
ހުސެއިން ހަބީބް

26 ނޮވެމްބަރ 2025

ބާސާގެ އެނބުރި އަންނާނީ މުޅިން ތަފާތު ޓީމަކާ އެކު ކަމަށް ކޯޗު ހަންސް ޑީޓާ ފްލިކް ބުނެފި އެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ސްޓެމްފޯޑްބްރިޖްގައި ޗެލްސީ އަތުން ބާސެލޯނާ ބަލިވީ 3-0 ންނެވެ. ފުރަތަމަ ލަނޑު ބާސާގެ ޑިފެންޑަރު ޖޫލް ކޫންޑޭ އަތުން ބައިކޅަށް ވަދެ ފުރަތަމަ ހާފު ވެސް ޗެލްސީން ނިންމާލީ ލީޑްގަ އެވެ. ދެވަނަ ހާފުގައި އެސްޓެވާއޯ ވިލިއަން އާއި ލިއަމް ޑިލަޕްގެ ލަނޑުތަކުން ޗެލްސީން ލީޑް ފުޅާ ކުރި އެވެ. މެޗުގެ ފުރަތަމަ ހާފު ބާސާއިން ނިންމާލީ އެއްކުޅުންތެރިޔަކު މަދުކޮށެވެ އެއީ އެ ޓީމުގެ ޑިފެންޑަރު ރޮނަލްޑް އަރައުހޯ އަށް ރަތްކާޑް ދެއްކުމުންނެވެ.

މެޗަށް ފަހު ފްލިކް ބުނި ގޮތުގައި އޭނާ އަށް ވެވޭނީ އެންމެ ވައުދެކެވެ.

"ކުރިއަށް އޮތް މެޗުތަކުގައި ތަފާތު ބާސެލޯނާއެއް ފެންނާނެ. އެއީ އަހަންނަށް ވޭވެނެ ވައުދަކީ،" ފްލިކް ބުންޏެވެ.

އޭނާ އެ އިޝާރާތް ކުރީ އަނިޔާގައި ތިބި ކުޅުންތެރިން އަލުން ކުޅެން ނުކުންނަ ވާހަކަ އަށެވެ. އޭނާ ބުނި ގޮތުގައި އަނިޔާއިން ރަނގަޅު ވެގެން ޕްރެކްޓިހަށް ކުޅުންތެރިން ނުކުންނަން ފެށުމުން ޓީމުގެ ޕްރެކްޓިހުގައި ވެސް ވަނީ ތަފާތު ފެންނަން ފަށައިފި އެވެ.

ޗެލްސީގެ ކުޅުންތެރިން އުފާފާލު ކުރަނީ --- ފޮޓޯ: އޭއެޕްފ÷

ޗެލްސީގެ ކުޅުންތެރިން އުފާފާލު ކުރަނީ --- ފޮޓޯ: އޭއެޕްފ÷

"މީގެ ހަ ހަފުތާކުރިން އޮތް ގޮތަކަށް ނޫން މިހާރު އޮތީކީ،" އޭނާ ބުންޏެވެ.

"ކުޅުންތެރިން އަނިޔާއިން ރަނގަޅުވެގެން ކުޅެން ނުކުންނަން ފަށައިފި. ތަމްރީނުތަކުގެ ފެންވަރު މައްޗަށް ޖެހިލައިފި. އަހަންނަށް ވަރަށް ރަނގަޅު އިހްސާސެއް ކުރެވޭ. އެހެންވެ އަހަރެން މިހުރީ ވަރަށް ޕޮޒިޓިވްކޮށް.

"ކަލޭމެންނަށް ފެންނާނެ އަހަރެން މިހުރީ އުފަލުން. (އަނިޔާ އަށް ފަހު) ރަފީނިއާ ވެސް މެޗުގެ ދެވަނަ ހާފުގައި ކުޅެން އެނުކުތީ. ހުމުގެ ރޯގާ އަށް ފަހު މޯކޮސް [ރަޝްފޯޑް] ވެސް އޭނާގެ ފެންވަރަށް އެނބުރި އަތުވެއްޖެ. ޕެޑްރީ ވެސް ވަރަށް އަވަހަށް އެނބުރި އަންނާނެ. ބުރަކޮށް މަސައްކަތްކޮށް އަހަރެމެން ތިބެންޖެހޭނީ ޕޮޒިޓިވްކޮށް."

މި ބައްޔާ އެކު ބާސާ އޮތީ ޗެމްޕިއަންސް ލީގުގެ 15 ވަނައިގައި އެވެ. ކުޅުނު ފަސް މެޗުން ހޯދުނީ ހަތް ޕޮއިންޓެވެ. ގަދަ އަށަކަށް ނުވަދެވިދާނެކަމުގެ ބިރު އެބައޮތެވެ. އެހެންވެޖެނަމަ އަނެއް ބުރަށް ކޮލިފައިވާންޖެހޭނީ ޕްލޭއޮފް ކުޅެ މޮޅުވެގެންނެވެ.