Roadha Mihaaru
ތަޅާލަން ޖެހޭ 15 ތަން، ބަޖެޓެއް ނެތް!

މާލޭގައި ބާވެ ތަޅާލަން ޖެހިފައި ހުރި 15 އިމާރާތް، ބަޖެޓެއް ނެތް!

22 މެއި 2024

މާލޭގައި ވިރާނާ ވެގެން ތަޅާލަން ޖެހިފައި ހުރި 15 ވަރަކަށް ތަން ފާހަގަ ވެފައިވާ ކަމަށާއި ނަމަވެސް އެކަން ކައުންސިލުން ކުރާނެ ބަޖެޓު ނެތް ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މާލޭގައި ވިރާނާ ވެގެން ތަޅާލަން ޖެހިފައި ހުރި 15 ވަރަކަށް ތަން ފާހަގަ ވެފައިވާ ކަމަށާއި ނަމަވެސް އެކަން ކައުންސިލުން ކުރާނެ ބަޖެޓު ނެތް ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

މާލޭގައި ވީރާނާވެފައިވާ އިމާރާތްތަކުން ގަލާއި އެ އިމާރާތްތަކުގެ ފާރުތައް މަގުމައްޗަށް ވެއްޓި އާންމުންނަށް އެކި ވަރުގެ އަނިޔާތައް ދަނީ ލިބެމުންނެވެ. އަދި އެކަހަލަ ގެތައް ހުންނަ ސަރަހައްދުތަކުގައި ޕާކް ކޮށްފައި ހުންނަ ވެހިކަލްތަކަށް ވެސް ދަނީ ގެއްލުން ލިބެމުންނެވެ.

އެ ހިސާބުތަކުގައި ދިރިއުޅޭ މީހުން ޝަކުވާކޮށް، އާންމުންނަށް ނުރައްކާވާތީ ކަމާ ބެހޭ އިދާރާތަކުގައި މައްސަލަ ވެސް ޖައްސަ އެވެ. ނަމަވެސް އެކަމަށް އެއްވެސް ހައްލެއް ނުލިބެ އެވެ.

މ. ސުންބުލާގެ: ވަރަށް ބާވެފައި ހުރި އެ އިމާރާތުގެ ބައެއް މީގެ ކުރިން ވަނީ ވެއްޓިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މ. ސުންބުލާގެ: ވަރަށް ބާވެފައި ހުރި އެ އިމާރާތުގެ ބައެއް މީގެ ކުރިން ވަނީ ވެއްޓިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެކަމާ ގުޅޭގޮތުން މާލެ މޭޔަރު އާޒިމް ވިދާޅުވީ ވީރާނާ ވެފައިވާ އިމާރާތްތައް ތަޅާލުމަކީ ގޭގެ ވެރިފަރާތުގެ ޒިންމާއެއް ކަމަށެވެ. ވެރިފަރާތުން އެކަން ނުކޮށް، އާންމުންނަށް އުނދަގޫ ވާނަމަ އެއީ ދައުލަތުން ކުރަން ޖެހޭ މަސައްކަތެއް ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

"އިމާރާތް ތަޅާލުމަކީ ވެރިފަރާތުން ކުރަން ޖެހޭ ކަމެއް އެއީ. ގާނޫނުގައި ބުނާ ގޮތުން މީހުންނަށް ގެއްލުން ނުވާ ގޮތަށް ކަންތައް ކުރަން ޖެހެނީ ގޭގެ ވެރިފަރާތުން. ނުކޮށްފި ނަމަ އެކަމެއް ކުރަން ޖެހޭނީ އަޅުގަނޑުމެން، ދެން އެކަމަށް ހޭދަވި ހަރަދުގެ ބިލް ގޭގެ ވެރިފަރާތަށް އަޅުގަނޑުމެން ފޮނުވަން ޖެހޭނީ. އެކަމަކު އެކަމަށް ބޭނުންވާ ބަޖެޓެއް އަޅުގަނޑުމެންގެ ނެތް. ދައުލަތުގެ ބަޖެޓްގައި ވެސް ވެސް އެކަމަށް ކަނޑައަޅާފައި ހުރި ފައިސާއެއް ނެތް،" އާޒިމް ވިދާޅުވި އެވެ.

"ކައުންސިލްގައި ވެސް ނުހުރޭ އެ ހުރިހާ ކަމެއް ކުރކަށް (ތަޅާފައި އުކާލާކަށް) ފައިސާއެއް. އެހެންވެ ޕަބްލިކް ވޯކާސް އާ ވެސް ވާހަކަ ދެއްކިން، އެ މީހުންގެ ވެސް ނެތް އެކަމަށް ފައިސާއެއް."

މއ. ގޮމަށިގެ: އެ ގޭގައި މީހުން ދިރިނޫޅޭތާ މިހާރު 9 ވަރަކަށް އަހަރު ވެދާނެ ކަމަށް އެ ހިސާބުގައި ދިރިއުޅޭ މީހުން ބުނޭ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

މއ. ގޮމަށިގެ: އެ ގޭގައި މީހުން ދިރިނޫޅޭތާ މިހާރު 9 ވަރަކަށް އަހަރު ވެދާނެ ކަމަށް އެ ހިސާބުގައި ދިރިއުޅޭ މީހުން ބުނޭ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

އާޒިމް ވިދާޅުވީ މާލޭގައި ވީރާނާވެ ތަޅާލަން ޖެހިފައިވާ ކަމަށް ފާހަގަވެފައިވާ 15 ވަރަކަށް އިމާރާތުގެ ތެރޭގައި އާންމުންގެ އިމާރާތްތަކާއި ދައުލަތުގެ ބައެއް އިމާރާތްތައް ވެސް ހިމެނޭ ކަމަށެވެ. ނަމަވެސް އެކަމަށް ބޭނުންވާ ބަޖެޓާއި އެ އިމާރާތްތައް ތަޅާލުމަށް ފަހު ކުނި އަޅާނެ ޖާގަ ވެމްކޯގައި ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު (މާލޭގައި) އެބަހުރި އެކަހަލަ ބައިވަރު ތަންތަން. އެ ހުރިހާ ތަންތަނެއް ފާހަގަ ކޮށްފައި މިހާރު ހުރީ. ވަރަށް ބޮޑު އަގެއް އެބަދޭ އެ އެއްޗެހި އުކާލަން. މިސާލަކަށް ބަލަމާ، ބޮޑު ލޮރީގެ އެންމެ ލޮރީއެއްގެ ކުނި އުކާލަން އެއީ 27،000ރ. އަޅުގަނޑުމެން ވަރަށް ފަހުން ގެއެއް ތަޅާލަން ބެލި އިރު، ހުރިހާ ކަމަކަށް އެބަ ހޭދަވޭ ގާތްގަނޑަކަށް ތިން މިލިއަން ރުފިޔާވަރު،" އާޒިމް ވިދާޅުވި އެވެ.

"އަނެއް ކަމަކަށް ވެމްކޯގެ ކެޕޭސިޓީ ވެސް އެބަ ހުންނަން ޖެހޭ. އެ އެއްޗެހި ބަހައްޓާނެ ތަނެއް ވެސް ނެތް."

މއ. ގޮމަށިގޭގެ ބެލްކަނި ވެއްޓިފައި .-- ފޮޓޯ: ނިޝާން އަލީ / މިހާރު

މއ. ގޮމަށިގޭގެ ބެލްކަނި ވެއްޓިފައި .-- ފޮޓޯ: ނިޝާން އަލީ / މިހާރު

މާލޭގެ އިތުރުން ވިލިނގިލީގައި ވެސް އެފަދަ އިމާރާތްތައް ހުރިކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"ބަޖެޓް ހަމަޖެހޭތޯ ސިޓީސް މިނިސްޓްރީ އާއި ސިޓީ ކައުންސިލާއި ވެމްކޯ ގުޅިގެން ވާހަކަ ދައްކަމުން މި ގެންދަނީ،" އާޒިމް ވިދާޅުވި އެވެ.

އެކަމަށް ހައްލެއް ގެންނަން މިދިޔަ ހަފުތާގައި ވެސް ބައްދަލުވުމެއް ބޭއްވި ކަމަށް އާޒިމް ވިދާޅުވި އެވެ.