Roadha Mihaaru
ޕްރޮޖެކްޓުތައް މިނިސްޓްރީއަށް ދިނީ މެނޭޖުކުރަން:އާޒިމް

ސިޓީ ކައުންސިލްގެ ޕްރޮޖެކްޓުތައް މިނިސްޓްރީއާ ހަވާލުކުރީ މެނޭޖުކުރަން އެކަނި: މޭޔަރު އާޒިމް

24 ޖެނުއަރީ 2024

މާލޭ ސިޓީ ކައުންސިލުގެ ބޮޑެތި މަޝްރޫއުތަކެއް ކޮންސްޓްރަކްޝަން އެންޑް އިންފްރާންސްޓްރަކްޗާ މިނިސްޓްރީއާ ހަވާލުކޮށްފައި ވަނީ މެނޭޖުކުރަން އެކަނި ކަމަށް މާލޭގެ އާ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭ ސިޓީ ކައުންސިލުގެ ބޮޑެތި މަޝްރޫއުތަކެއް ކޮންސްޓްރަކްޝަން އެންޑް އިންފްރާންސްޓްރަކްޗާ މިނިސްޓްރީއާ ހަވާލުކޮށްފައި ވަނީ މެނޭޖުކުރަން އެކަނި ކަމަށް މާލޭގެ އާ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، އާޒިމް ބައިވެރިވެވަޑައިގެން، ބޭއްވި މާލޭ ސިޓީ ކައުންސިލުގެ ފުރަތަމަ އާންމު ޖަލްސާގަ އެވެ.

އެ ޖަލްސާގައި އެމްޓީސީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާޒިމް ވިދާޅުވީ، ސިޓީ ކައުންސިލުގެ އެއްވެސް މަޝްރޫއެއް ހިންގަން ކޮންސްޓްރަކްޝަން އެންޑް އިންފްރާންސްޓްރަކްޗާ މިނިސްޓްރީއާ ހަވާލުކޮށްފައި ނުވާ ކަމަށެވެ. އެ މަޝްރޫއުތައް ހަވާލުކުރީ ހަމައެކަނި މިނިސްޓްރީން މެނޭޖު ކޮށްދޭ ގޮތަށް އެކަނި ކަމަށް އޭނާ ވިދާޅުވި އެވެ.

"ސިޓީ ކައުންސިލްގެ ޒިންމާތައް އެއްވެސް ވަރަކަށް އެ މީހުންނަށް [މިނިސްޓްރީއަށް] ޕާސްވެފައެއް ނެތް. ކޮންޓްރެކްޓް މި އޮތީ ސިޓީ ކައުންސިލާއި ޑިވެލޮޕްކުރާ ފަރާތާ. މުޅި ހުރިހާ ޒިންމާއެއް އޮތީ ސިޓީ ކައުންސިލުގެ އަތްމަތީގައި، މި ޕްރޮޖެކްޓުތައް ކުރިއަށް ގެންދިއުމަށް،" އޭނާ ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ އެއީ މާލޭގެ މީހުންނަށް މުހިންމު މަޝްރޫއުތަކެއް ކަމަށް ވާތީ، އެ މަޝްރޫއުތައް ކުރިއަށް ގެންދާ ގޮތަށް ބެލުމުގެ ހުރިހާ ޒިންމާއެއް އޮންނާނީ މާލޭ ސިޓީ ކައުންސިލަށް ކަމަށެވެ.

ނަމަވެސް އާޒިމް ވިދާޅުވި ގޮތުގައި، އެ މަޝްރޫއުތަކުގެ އެއްބަސްވުންތަކުގެ ކޮޕީއެއް އަދި އޭނާ އަށް ލިބިވަޑައެއް ނުގަންނަވަ އެވެ. އެކަމަށް ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ އަރިހުގައި އެދިވަޑައިގެންފައިވީ ނަމަވެސް މިހާތަނަށް ނުދެއްވާކަން އާޒިމް ފާހަގަކުރެއްވި އެވެ.

މާލޭ ސިޓީ ކައުންސިލުން މި މަހު 17 ގައި ބޭއްވި އާންމު ޖަލްސާގައި ވަނީ އެ ކައުންސިލުން ހިންގަމުން އަންނަ ބޮޑެތި މަޝްރޫއުތަކެއް ސަރުކާރާ ހަވާލުކުރަން ނިންމައިފަ އެވެ.

ސަރުކާރާ ހަވާލުކުރި މަޝްރޫއުތައް:

- ވިލިމާލޭގެ ކޮމާޝަލް ބިލްޑިން.

- މާލޭ ހޯލްސޭލް ސެންޓަރު.

- މާލެ މިކްސްޑް ލޯކަލް މާރުކޭޓް.

- 14 ޕާކިން ބިލްޑިންގް.

- މާލެ ސިޓީ ކައުންސިލް އޮފީސް ބިލްޑިން.

- ވިލިމާލެ އައުޓްޑޯ ކުޑަކުދިންގެ ޕާކް.

- ވިލިމާލޭގައި 500 ހައުސިން ޔުނިޓް.

- ސިނަމާލެ ފްލެޓްތަކުގެ ރީޑިވެލޮޕްމެންޓް މަޝްރޫއު.

- ވިލިމާލޭގެ އަންހެނުންގެ މާރުކޭޓް އަދި ފުޓްސަލް ކޯޓު.

- މާލެ ފެސިލިޓީސް އަޕްގްރޭޑް ޕްރޮޖެކްޓް.

އެ ޕްރޮޖެކްޓްތަކުގައި ކައުންސިލްގެ ފަރާތުން އޭރު މަސައްކަތް ކުރެއްވި މުހައްމަދު ޝާހިދު ވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ. މިހާރު ރައީސް އޮފީހުގެ ކޯޕަރޭޓް ޑިވެލޮޕްމަންޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޝާހިދު ވަނީ އެ ބައްދަލުވުމުގައި ސިޓީ ކައުންސިލްގެ މަޝްރޫއުތައް ޕްލޭނިންގް މިނިސްޓްރީއާ ހަވާލުކުރަން ހުށަހަޅުއްވައިފަ އެވެ.

ސިޓީ ކައުންސިލުން ހުށަހެޅީ 100 މިލިއަން ރުފިޔާ އަށް ވުރެ އަގު ބޮޑު ބައެއް މަޝްރޫއުތައް ސަރުކާރަށް ދިނުމަށެވެ. ނަމަވެސް ހަ މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނުފެށިއްޖެ ނަމަ އަލުން އެ ޕްރޮޖެކްޓުތައް ކައުންސިލަށް ބަދަލުވާ ގޮތަށް ވަނީ ނިންމައިފަ އެވެ.

ސިޓީ ކައުންސިލުން އެގޮތަށް ފާސްކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވި އެވެ. ކައުންސިލުން އެގޮތަށް ނިންމީ މާލޭގެ މޭޔަރުކަމުގެ މަގާމު ހުސްވުމުން އެ މަގާމަށް އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް އިންތިހާބުވުމުން ކަމަށް ބައެއް މީހުން ތުހުމަތުކުރި އެވެ.

ނަމަވެސް، ސަރުކާރުން ވަނީ އެ ތުހުމަތުތައް ދޮގުކޮށް، ކައުންސިލުގެ މަސައްކަތްތަކަށް ސަރުކާރު އަތްނުބާނާނެ ކަމަށް ބުނެފަ އެވެ.