Roadha Mihaaru
ބީއެމްއެލްއިން ފަސް ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި

ބީއެމްއެލްއިން މިދިޔަ އަހަރު ފަސް ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި

26 މެއި 2024

މިދިޔަ އަހަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފަސް ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިދިޔަ އަހަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފަސް ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.

އެ ބޭންކްގެ ޑިރެކްޓަ އޮފް ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިން މޫސާ ނިމާލް ވިދާޅުވީ އެކުންފުނިން ދޫކުރި ލޯނުތަކުގެ ތެރެއިން 1.4 ބިލިއަން ދީފައިވަނީ އާންމު ފަރުދުންނާއި ކުދި ވިޔަފާރިތަކަށް ކަމަށެވެ. އެއީ މިދިޔަ ފަސް އަހަރު ތެރޭ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެންމެ ގިނަ އަދަދަކަށް ލޯނު ދޫކުރި ފަހަރު ކަމަށް އޭނާ ވިދާޅުވި އެވެ.

ބޭންކުން ގިނަ އަދަދެއްގެ ލޯނު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިންއިރު، މިދިޔަ އަހަރު އެ ބޭންކްގެ ސްޓާޓްއަޕް ގްރާންޓްގެ ދަށުން އެހީވި ތިން ވިޔަފާރިއެއް ވަނީ ހިނގަން ފަށައިފަ އެވެ. އެ ބޭންކުން ވަނީ އެ ތިން ވިޔަފާރީގެ އިތުރުން އިތުރު ދެ ވިޔަފާރިއެއް ފެށުމަށް ވެސް އެހީ ފޯރުކޮށްދީފަ އެވެ.

"ގެދޮރު ގަތުމަށް އެދޭ ލޯނަށް ގިނަ ބަޔަކު ކޮލިފައި ކުރުމުގެ ބޭނުމުގައި ހޯމް ޕާޗޭސް ލޯނާއި ފައިނޭންސިންގެ މުއްދަތު 25 އަހަރާ ހަމަޔަށް އިތުރު ކުރިން. މީގެ އިތުރުން ފަރުދުންގެ އެންމެހާ ބޭނުންތަކަށް ފަހިވާނެހެން، ރަހުނަކާ ނުލައި ނެގޭ އަދަދު 1.2 މިލިއަން ރުފިޔާއާ ހަމައަށް އިތުރު ވެސް ކުރިން. މި ބަދަލުތަކަކީ ކަސްޓަމަރުން ބަލައިގެންފައިވާ ބަދަލުތަކެއް." އޭނާ ވިދާޅުވި އެވެ.

ބޭންކުން ބުނީ މިދިޔަ އަހަރު ޕާސަނަލް ބޭންކިން ކަސްޓަމަރުންނަށް ދެމުންދާ އުފެއްދުންތަކާއި ހިދުމަތްތަކަށް ވެސް ހެޔޮ ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

"ވިޔަފާރިތަކަށް ބޭނުންވާ އެކިއެކި ބޭންކިންގ ހިދުމަތްތައް ފަސޭހައިން ލިބޭނެ ގޮތްވުމަކީ ވެސް ވިޔަފާރިވެރިތަކަށް ވަރަށް މުހިންމު ކަމެއް. މި ބޭނުމުގައި ވިޔަފާރިތަކުގެ އެންމެހާ ހިދުމަތްތައް މާލޭ ބިޒްނަސް ސެންޓަރުގައި، އެއް ފުރާޅެއްގެ ދަށަށް ގެނައުމުގެ މަސައްކަތް މިދިޔަ އަހަރު ތެރޭގައި ނިންމާލެވުނު،" އޭނާ ވިދާޅުވި އެވެ.

ނިމާލް ވިދާޅުވީ އެ ކުންފުނިން ލޯނު ދިނުމުގައި ތައުލީމަށް ހާއްސަ އިސްކަމެއް ދޭއިރު، ލޯނުގެ އިންޓްރެސްޓް ރޭޓު ނުވަ ޕަސެންޓުން ފަސް ޕަސެންޓަށް ކުޑަ ކުރީ ވެސް ތައުލީމު ހާސިލު ކުރަން ބޭނުންވާ ފަރާތްތަކަށް ލޯނު ނެގުން ލުއިކޮށް ދިނުމުގެ ގޮތުން ކަމަށެވެ.

މިދިޔަ އަހަރު ބީއެމްއެލްއާ އަލަށް ގުޅުނު 23,000 އަށް ވުރެ ގިނަ ކަސްޓަމަރުންނާ އެކު ޖުމްލަ މިހާރު ބޭންކުގެ ކަސްޓަމަރުންގެ އަދަދުވަނީ 345,000 އަރައިފަ އެވެ. މިދިޔަ އަހަރަކީ ބީއެމްއެލްއަށް މާލީ ގޮތުން ވެސް އެންމެ ބޮޑު ކާމިޔާބީއެއް ލިބުނު އަހަރެވެ. މިދިޔަ އަހަރު އެކުންފުންޏަށް ވަނީ ދެ ބިލިއަން ރުފިޔާގެ ފައިދާއެއް ލިބިފަ އެވެ. މިއީ ރާއްޖޭގެ ކުންފުންޏަކަށް ދެ ބިލިއަން ރުފިޔާގެ ފައިދާއެއް ލިބުނު ފުރަތަމަ ފަހަރެވެ. އެ ބޭންކްގެ ޖުމްލަ އެސެޓުގެ އަދަދު މިހާރު ވަނީ 45 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ.