Roadha Mihaaru

ބީއެމްއެލްއިން ވިޔަފާރިތަކަށް ދޫކުރާ ލޯނުތަކަށް ބޮޑު ބަދަލެއް

ބޭންކް އޮފް މޯލްޑިވްސްއިން ވިޔަފާރިތަކަށް ދޫކުރާ ފައިނޭންސިން ޕްރޮޑަކްޓްތަކަށް ބަދަލުތަކެއް ގެނެސްފި އެވެ.

ވިޔަފާރިތަކަށް ދޫކުރާ ލޯނުތަކަށް ބޮޑު ބަދަލެއް
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

12 ފެބުރުއަރީ 2025

ބޭންކް އޮފް މޯލްޑިވްސްއިން ވިޔަފާރިތަކަށް ދޫކުރާ ފައިނޭންސިން ޕްރޮޑަކްޓްތަކަށް ބަދަލުތަކެއް ގެނެސްފި އެވެ.

ބޭންކުން ބަދަލުތައް ގެނައި ފައިނޭންސިން ޕްރޮޑަކްޓުތަކުގެ ތެރޭގައި ހިމެނެނީ ރިއަލް އެސްޓޭޓް ފައިނޭންސިން އާއި ގެސްޓްހައުސް ފައިނޭންސިން އަދި ވާކިން ކެޕިޓަލް ފައިނޭންސިން އެވެ.

ބީއެމްއެލްއިން ރިއަލްއެސްޓޭޓް ފައިނޭންސިންއަށް ގެނައި ބަދަލުތަކުގެ ތެރޭގައި ހިމެނެނީ އިކުއިޓީ ( އަމިއްލަ އަށް ދައްކަންޖެހޭ އަދަދު) 30 ޕަސެންޓުން 20 ޕަސެންޓަށް ދަށް ކުރުމާއި ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު 15 އަހަރުން 20 އަހަރަށް އިތުރު ކުރުމެވެ. އަދި ކޮންޓްރެކްޓަރުންނާއި ރިއަލް އެސްޓޭޓް ޑިވެލޮޕަރުންނާއި ކުންފުނިތަކާއި މުއައްސަސާތަކާއި ރަޖިސްޓްރީ ކޮށްގެން ހިންގާ އެހެނިހެން އިދާރާތަކަށް ވެސް ދިގު މުއްދަތުގެ ކުލީ އެގްރީމެންޓާއެކު މިހާރު ފައިނޭންސިންއަށް ހުށަހެޅޭނެ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

ބީއެމްއެލްއިން ގެސްޓް ހައުސް ފައިނޭންސިންއަށް ގެނައި ބަދަލުތަކުގެ ތެރޭގައި ހިމެނެނީ ފައިނޭންސިންއަށް ހުށަހަޅާ ގެސްޓްހައުސް ރަހުނުގެ ގޮތުގައި ބެހެއްޓޭ ގޮތަށް ގެނައި ބަދަލާއި ގެސްޓްހައުސް ހިންގާތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާނަމަ 11 ޕަސެންޓުގެ ރޭޓުން ލޯނު ދިނުމަށް ގެނައި ބަދަލެވެ. އޭގެ އިތުރުން އަލަށް ފަށާ ގެސްޓްހައުސްތަކަށް 12 ޕަސެންޓުގެ ރޭޓުން ލޯނު ދޭ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.

ބީއެމްއެލްއިން ވޯކިން ކެޕިޓަލް ފައިނޭންސިންއަށް ގެނައި ބަދަލުތަކުގެ ތެރޭގައި ވިޔަފާރިއަށް މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ 2.5 ގުނަ އިތުރަށް ލޯނު ނެގޭ ގޮތަށް ހަމަޖެއްސުމާއި ގިނަ ވިޔަފާރިތަކަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން ލޯނުތަކުގެ ޝަރުތުތައް ލުއިކުރުން ހިމެނެ އެވެ.

މި ބަދަލުތަކާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ އެ ބަދަލުތަކަކީ ދިވެހި ވިޔަފާރިތަކަށް އެ ބޭންކުން ދޭ އަހައްމިއްޔަތު ހާމަވާ މުހިންމު ބަދަލުތަކެއް ކަމަށެވެ.

"ވިޔަފާރިތަކަށް ބޭނުންވާ ފައިނޭންސިންގް ހޯދަން ފަސޭހަ ކޮށްދިނުމަށް ގިނަ ޝަރުތުތަކެއް ލުއިކޮށް، ބޭންކުން މިދަނީ ވިޔަފާރިތައް ކުރިއަރުވައި، ވާދަވެރި މާކެޓެއްގައި ވިޔަފާރިތަކަށް ދެމި ތިބެވޭނެ ފުރުސަތު ފަހިކޮށްދެމުން." އޭނާ ވިދާޅުވި އެވެ.

ބީއެމްއެލްއިން ވަނީ މިދިޔަ އާދިއްތަ ދުވަހު ހައުސިން ފައިނޭންސިން ފެސިލިޓީތަކަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެސް، އިއުލާނުކޮށްފަ އެވެ.