Roadha Mihaaru
ރަސްމާލެ ކުރިއަށް ގެންދާނީ އެހެން މޮޑެލްއަކަށް

ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދާނީ އެހެން މޮޑެލްއަކަށް

30 މެއި 2024

މި ސަރުކާރުން ބޯހިޔާވަހިކަމުގެ ބޮޑު ހައްލަކަށް ފެށި ރަސްމާލެ މަޝްރޫއު ހިއްކަން ހަވާލުކުރި ކުންފުންޏަށް، ސަރުކާރަށް ދިން ޝެޑިއުލާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުގެންދެވޭތީ އެ މަޝްރޫއު ދެން ކުރިއަށް ގެންދާނީ އެހެން މޮޑެލްއަކަށް ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

މި ސަރުކާރުން ބޯހިޔާވަހިކަމުގެ ބޮޑު ހައްލަކަށް ފެށި ރަސްމާލެ މަޝްރޫއު ހިއްކަން ހަވާލުކުރި ކުންފުންޏަށް، ސަރުކާރަށް ދިން ޝެޑިއުލާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުގެންދެވޭތީ އެ މަޝްރޫއު ދެން ކުރިއަށް ގެންދާނީ އެހެން މޮޑެލްއަކަށް ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.

ރަސްމާލެ މަޝްރޫއު ހިއްކަން ހަވާލުކޮށްފައި ވަނީ ކެޕިޓަލް މެރިން އެންޑް އިންވެސްޓްމަންޓް (ސީއެމްސީ) އަށެވެ. އެއީ ބިން ހިއްކުމުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި މާލެ ސަރަހައްދުން 70 ހެކްޓަރުގެ ބިން 99 އަހަރަށް ދިނުމަށެވެ. ފުށިދިއްގަރުން 60 ހެކްޓަރުގެ ބިމާއި ހުޅުމާލެ އިން 10 ހެކްޓަރުގެ ބިން ދިނުމަށް އޮތީ ނިންމައިފަ އެވެ.

ދައުލަތުން ހަރަދެއް ކުރުމުގެ ބަދަލުގައި ބިންތަކެއް ދޭ ގޮތަށް 8 މަސް ތެރޭ މަސައްކަތް ނިންމަން މިދިޔަ އަހަރުގެ ޑިސެމްބަރު 18 ގައި ހަވާލުކުރި ނަމަވެސް މިހާރު އެ މަސައްކަތް ހުއްޓިފައި އޮންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ. އޭރުގެ ތާވަލަށް ބަލާ ނަމަ އެ މަސައްކަތް ކުރިއަށް އޮތް ދެ މަސް ތެރޭގައި ނިންމަން ޖެހެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަމާ ގުޅޭ ގޮތުން މިނިސްޓަރު މުއްތޮލިބާ ސުވާލު ކުރުމުން އޭނާ ވިދާޅުވީ ފުށިދިއްގަރުފަޅު ހިއްކަން ފެށި ފަހުން އެކަމަށް ބޭނުންވާ ފައިސާ ސީއެމްސީ އަށް ނުހޯދިގެން މަޝްރޫއު މަޑުޖެހިފައިވާ ކަމަށެވެ. ސަރުކާރުން މިހާރު މަސައްކަތް ކުރަމުން އަންނަނީ އަލުން އެ މަޝްރޫއު އަވަހަށް ފެށޭނެ ގޮތެއް ހޯދުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އަޅުގަނޑުމެންނަށް މި އަހަރުގެ ނިޔަލަށް އެއްކޮށް ހިއްކައި ނިންމޭ ވަރަށް ތަފާތު އެކި ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމަށް. އޭގަ ވަރަށް ގިނަ ކާމިޔާބީތަކެއް ވެސް ލިބިފައި ހުރީ. އޭގެ ތަފުސީލް އަމަލީ މަސައްކަތް ފެށޭ ހިސާބަށް ދިއުމުން ހާމަކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

މުއްތަލިބު ވިދާޅުވި ގޮތުގައި، ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދިއުމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، އެ މަޝްރޫއުގެ ހަރަދުތައް ދައުލަތުގެ މި އަހަރުގެ ބަޖެޓްގައި ޖެހުމުން ވެސް އޭރު ރައްޔިތުންގެ މަޖިލިހުގައި އޮތް އިދިކޮޅު އެމްޑީޕީގެ އަޣުލަބިއްޔަތުގެ ބޭނުން ހިފައި ކަނޑާލާފައި އޮތުމެވެ. އެހެންވެ އެ މަޝްރޫއު ސީދާ މިނިސްޓްރީގެ ދަށުން ކުރިއަށް ގެންދެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުރިން ރާވާފައި އޮތް ގޮތަށް ކުރިއަށް ނުދިޔައީމާ މިނިސްޓްރީން ނަގާފައި މިނިސްޓްރީ އަށް ކުރިއަށް ގެންދެވޭ ގޮތަކަށް ނޫން އޮތީ ބަޖެޓްގައި ނެތް މަޝްރޫއުއަކަށް ވާތީ. އެހެންވެ ދެން އަޅުގަނޑުމެން މި ޖެހެނީ އެހެން ކަހަލަ ފައިނޭންސިން މޮޑެލްއެއްގެ ތެރެއިން ކުރިއަށް ދާން، އޭގެ މަސައްކަތް އެބަ ކުރިއަށްދޭ. އޭގެ ތަފުސީލް މާލަސްތަކެއް ނުވެ ހާމަ ކުރެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަމާޒަކީ ރަސްމާލެ އަށް ބޭނުންވާ ހުރިހާ ބިމެއް މި އަހަރު ނިމުމުގެ ކުރިން ހިއްކައި ނިންމުމެވެ.

ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރަނީ: މިހާރު އެކަން އޮތީ ހުއްޓިފައި

ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރަނީ: މިހާރު އެކަން އޮތީ ހުއްޓިފައި

އޭނާ ވަނީ ރަސްމާލޭގައި އެންމެ ފުރަތަމަ އަޅާ 15،000 ހައުސިން ޔުނިޓް މަޝްރޫއާ ގުޅޭ މައުލޫމާތު ވެސް މިއަދު މީޑިއާއާ ހިއްސާ ކުރައްވައިފަ އެވެ.

ޗައިނާގެ ކުންފުންޏަކުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ އެ މަޝްރޫއުގައި ހައުސިން ޔުނިޓްތައް އިމާރާތް ކުރާނީ ވަރަށް ބާރު ސްޕީޑްގައި ކުރިއަށް ގެންދެވޭ ގޮތަށް ވަރަށް ފެންވަރު ރަނގަޅުކޮށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ މަޝްރޫއަށް ބޭނުންވާ ސާމާނު ވެސް އުފައްދާނީ ރާއްޖޭގައި ކަމާއި އެކަމަށް ބޭނުންވާ ފެކްޓްރީ ރަސްމާލެ އިން ހިއްކޭ އެންމެ ފުރަތަމަ ބިމުގައި އަޅާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ރަސްމާލެ މަޝްރޫއު ހުއްޓި، އެހެން ގޮތްތަކެއް ސަރުކާރުން ހޯދަމުން އަންނައިރު، އެ މަޝްރޫއު ހަވާލުކުރި ގޮތުން ވެސް އޭރު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ. ސީއެމްސީ އަށް ބިން ހިއްކުމުގެ ބަދަލަށް ހުޅުމާލެ އަދި ރަސްމާލެ އިން ބޮޑު ބިމެއް ހިލޭ ދޫކޮށްލުމަކީ ބޮޑު ގެއްލުމެއް ދައުލަތަށް ލިބޭނެ ކަމަށް ބުނެ ފާޑުކިޔާފައި ވެ އެވެ. މަޝްރޫއު ހަވާލުކުރި ގޮތް ތަހުގީގު ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަނަށް މައްސަލަ ހުށަހަޅާފައިވާއިރު، އެ މައްސަލަ އެ ކޮމިޝަނުން ދަނީ ބަލަމުންނެވެ.

ފުށިދިއްގަރު ފަޅަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބޯހިޔާވަހިކަމުގެ "ޓޯޓަލް ސޮލިއުޝަން"ގެ ސިޔާސަތުގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދީގެން ތަރައްގީކުރަން ނިންމާފައިވާ ތަނެކެވެ. ހިއްކާ ބިމުގެ ބަދަލުގައި ބިން ދޭ މޮޑަލަށް މި ސަރުކާރުން އެއްބަސްވީ، އެ ފަޅު ހިއްކަން މި އަހަރުގެ ބަޖެޓުގައި ހިމެނި 400 މިލިއަން ރުފިޔާ، އިދިކޮޅުގެ މެޖޯރިޓީ އޮތް މަޖިލީހުން އެ ބައި އެކީގައި އުނިކުރުމުންނެވެ.

ސީއެމްސީ އަކީ ރާއްޖޭގައި އެހެން ބޮޑެތި ބިން ހިއްކުމުގެ މަޝްރޫއުތައް ވެސް ކުރިއަށް ގެންގޮސްފައިވާ ކުންފުންޏެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ބިންވެރިޔާ ސްކީމްގައި ހިމެނޭ ހުޅުމާލެ 3 އަދި ތިލަފުށީގެ ހަތަރު ވަނަ ބަޔާއި ދިޔަނެރު ފަޅު ހިއްކައި ރިވެޓްމެންޓް ޖެހުމާއި މަގުތައް ހެދުމާއި ފާލަން ހެދުމާއި ޖެޓީ ހެދުމަށް ސީއެމްސީސީއާ އެޗްޑީސީ އިން ހަވާލުކުރީ އެ ވެރިކަމުގެ ފަހު ދުވަސްކޮޅެވެ.