Roadha Mihaaru

އެންމެ ބޮޑު އެއް ޑްރެޖަރު ގެނެސް، ރަސްމާލެ ހިއްކުން ތިން ގުނަ ހަލުވި ކޮށްފިން: ރައީސް

ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ގެނެސް، ރަސްމާލެ ހިއްކުމުގެ މަސައްކަތް ތިން ގުނަ މިހާރު ހަލުވި ކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ބޮޑު ޑްރެޖަރާ އެކު ރަސްމާލެ ހިއްކުން ހަލުވިކޮށްފި
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

01 ޑިސެމްބަރ 2025

ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ގެނެސް، ރަސްމާލެ ހިއްކުމުގެ މަސައްކަތް ތިން ގުނަ މިހާރު ހަލުވި ކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މި ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫއު، ރަސްމާލެއާ ގުޅިގެން ރައީސް ވިދާޅުވީ ދުނިޔޭގެ އެންމެ ބޮޑު ދެ ޓްރެއިލާ ސަކްޝަން ހޮޕާ ޑްރެޖަރުގެ ތެރެއިން އެއް ޑްރެޖަރު ރާއްޖެ ގެނެސް، ރަސްމާލޭ ހިއްކުމުގެ މަސައްކަތުގައި ބޭނުން ކުރަމުން އަންނަ ކަމަށެވެ.

ރައީސް ވިދާޅުވީ ކްރިސްޓަބަލް ކޮލޯންގެ ނަން ދީފައިވާ މި ޑްރެޖަރު ބޭނުންކޮށްގެން ރަސްމާލެ ހިއްކުމުގެ މަސައްކަތް ފެށީ ރޭގެ ފަތިހު ފަހެއް ޖެހިއިރު ކަމަށެވެ. އަދި ހިއްކާ ސަރަހައްދަށް މިއަދުގެ މެންދުރު ކުރިން ވެލި އަޅަން ފަށާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ގޯތިގެދޮރުގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ހިންގާ އެ މަނިކުފާނުގެ އެންމެ "ޑްރީމް ޕްރޮޖެކްޓް" ރަސްމާލެ ތަރައްގީ ކުރަމުން ދަނީ ސަތޭކަ ޕަސެންޓު ނެޓް ޒީރޯ ކާބަން، ސްްމާޓް އިކޯ ސިޓީއެއްގެ ގޮތުގަ އެވެ. އެ މަޝްރޫއުއަކީ ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު ކްލައިމެޓް އެޑެޕްޓޭޝަން މަޝްރޫއު ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެެ.

ބޮޑު ޑްރެޖަރު ގެނެސް މަސައްކަތް ހަލުވި ކުރިއިރު ރަސްމާލޭގެ ގާތްގަނޑަކަށް 100 ހެކްޓަރުގެ ބިން އޮތީ ހިއްކައިފަ އެވެ. އެއީ މަޝްރޫއުގެ 10 ޕަސެންޓެވެ. ނުވަތަ ހުޅުމާލެ 1 ގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ސަރަހައްދެކެވެ.

ރަސްމާލެ އިން 25،000 ގޯތި ދޭން މި ސަރުކާރުން ނިންމާފައިވެ އެވެ. އޭގެ ތެރެއިން 15،000 ގޯއްޗާއި 7،500 ފްލެޓު ދޫކުރަން ނިންމައި އެކަމުގެ އުސޫލު ވެސް ވަނީ އިއުލާނު ކޮށްފަ އެެވެ. އެ މަޝްރޫއުއަށް ކުރިމަތިލާން ހުޅުވާލާނީ އަންނަ އަހަރުގެ ޖެނުއަރީ 4 ގަ އެވެ.

މާލޭ ސަރަހައްދުގައި އުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ވަނީ ހުޅުމާލޭ 3 ހިއްކުމުގެ މަސައްކަތް ވެސް ހަލުވި ކުރުމަށް މިދިޔަ ހަފުތާގައި ބޮޑު ޑްރެޖަރެއް ގެނެސް ބިން ހިއްކަން ފަށައިފަ އެވެ. އެ މަސައްކަތުގެ ސްޕީޑު އަވަސް ކުރުމުން މި ޑިސެމްބަރު މަހުގެ ނިޔަލަށް އެތަން ހިއްކައި ނިމޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވެ އެވެ.

ހުޅުމާލޭ 3 ހިއްކާ ނިމުމުން، އެ ޑްރެޖަރު ބޭނުންކުރަނީ ގިރާވަރު ފަރު ހިއްކުމުގެ މަސައްކަތަށް ކަމަށާއި އެ ތަން ހިއްކުމުގެ މަސައްކަތް 2-3 މަސް ތެރޭގައި ނިމޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވެ އެވެ.