Roadha Mihaaru
ގިނަ އެސްއޯއީތައް ޓްރާންސްޕޭރެންޓެއް ނޫން

މިދިޔަ އަހަރު ނިމުނު އިރު ގިނަ އެސްއޯއީތައް ޓްރާންސްޕޭރެންޓެއް ނޫން

02 ޖޫން 2024

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ގިނަ ކުންފުނިތައް މައުލޫމާތު ހާމަކުރުމުގައި ޓްރާންސްޕޭރެންޓް ނޫން ކަމަށް ކޯޕަރޭޓް ގަވަނަންސް ޓްރާންސްޕޭރެންސީ އިންޑެކްސް (ސީޖީޓީ) އިން ދައްކައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ގިނަ ކުންފުނިތައް މައުލޫމާތު ހާމަކުރުމުގައި ޓްރާންސްޕޭރެންޓް ނޫން ކަމަށް ކޯޕަރޭޓް ގަވަނަންސް ޓްރާންސްޕޭރެންސީ އިންޑެކްސް (ސީޖީޓީ) އިން ދައްކައިފި އެވެ.

މި ރިޕޯޓަކީ މިދިޔަ އަހަރުގެ އޮގަސްޓާއި ސެޕްޓެމްބަރުގެ ތެރޭގައި ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ކޮށްފައިވާ ސާވޭއެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ސީޖީޓީ އިންޑެކްސްގައި ވަނީ ރާއްޖޭގެ 32 ކުންފުނިން މައުލޫމާތު އާންމު ކުރުމުގައި ދެފުށްފެންނަ ނިޒާމެއް ގެންގުޅޭ ގޮތްތައް ރޭޓުކޮށްފަ އެވެ. އެ ކުންފުނިތައް ރޭޓުކޮށްފައި ވަނީ ހަ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އޭގެ ތެރެއިން 20 ކުންފުނި ރޭޓުކޮށްފައި ވަނީ 40 ޕަސެންޓަށް ވުރެ ދަށުންނެވެ.

ޓްރާންސްޕޭރެންސީ އިން ކުންފުނިތައް ރޭޓުކޮށްފައި ވަނީ ޕީސީބީގެ ކޯޕަރޭޓް ގަވަނަންސް ގައިޑްލައިނާއި މައުލޫމަތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުންގައި ކަނޑައަޅާފައިވާ މިންގަނޑުތައް ބަލައިގެންނެވެ. ކުންފުނިތައް ރޭޓުކޮށްފައި ވަނީ ސޯޝަލް މީޑިއާ އާއި މީޑިއާ އާއި ވެބްސައިޓުގައި އެ ކުންފުނިތަކުން އާންމު ކުރާ މައުލޫމާތުތަކަށް ބަލައިގެންނެވެ.

ޓްރާންސްޕޭރެންސީގެ ރޭޓިން ތަފްސީލު

- ފުލީ އޮބްޒާވްޑް: 100 ޕަސެންޓް

- އެކްސެލެންޓް: 80-99 ޕަސެންޓް

- ގުޑް: 60-79 ޕަސެންޓް

- އިމްޕްރޫވަބަލް: 40-59 ޕަސެންޓް

- އިންސަފިޝަންޓް: 1-39 ޕަސެންޓް

- ނޮޓް އޮބްޒާވްޑް: 0 ޕަސެންޓް

އޭގެ ތެރެއިން "އެކްސެލެންޓް" އައި "ފުލީ އޮބްޒާވްޑް" ނުވަތަ 80 ޕަސެންޓުން މަތީގައި ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏެއް ނުހިމެނެ އެވެ. އަދި "ގުޑް" ލިބުނީ ސަރުކާރު ހިއްސާވާ ހަ ކުންފުންޏަށެވެ. އިމްޕްރޫވަބަލް ނުވަތަ 40-59 ޕަސެންޓާ ދެމެދުގައި ފަސް ކުންފުންޏެއް ހިމެނެ އެވެ. އަދި 21 ކުންފުނި ހިމެނެނީ "އިންސަފިޝަންޓް" ގަ އެވެ.

ކުންފުނިތައް ރޭޓު ކުރުމުގައި އޮނާޝިޕް ޕޮލިސީ އާއި ކުންފުނީގެ މަގްސަދާއި ކުންފުނީގެ ހިންގުމުގެ ކަންކަން އާންމުކުރުމުގައި އަމަލު ކުރާ ގޮތްތަކާއި ސަރުކާރަށް މާލީ ރިޕޯޓުތައް ހާމަ ކުރުމާއި އާންމުންނަށް ފެންނާނެ ގޮތަށް މާލީ ރިޕޯޓުތައް އާންމުކުރުމުގެ އިތުރުން ސީއެސްއާރް ހަރަކާތްތައް ހިންގުމުގައި އަމަލުކުރާ ގޮތްތަކަށް ވެސް ބަލާފައިވެ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން "ގުޑް" ކެޓަގަރީގައި ހިމެނުނީ ހަ ކުންފުންޏެވެ. އެންމެ ގިނަ ޕޮއިންޓް ލިބުނީ އެސްޓީއޯއަށެވެ. ދެވަނައަށް ދިރާގު ހިމެނޭ އިރު ބީއެމްއެލް އާއި އެޗްޑީއެފްސީ އާއި އެމްޓީސީސީ އާއި އެމްއައިބީ ހިމެނެ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން 22 ކުންފުނި ހިމެނެނީ "އިންސަޕިޝަންޓް" ކެޓަގަރީ އެވެ. އެއީ އެ އިންޑެކްސް އިން އެއް ޕަސެންޓާއި 39 ޕަސެންޓާ ދެމެދުގެ އަދަދެއް ލިބުނު ކުންފުނިތަކެވެ.

އިންޑެކްސްގައި އެންމެ ދަށުން ލިބުނު ކުންފުނިތަކުގެ ތެރޭގައި އެމްއޭސީއެލް އާއި ފެނަކަ އާއި ސްޓެލްކޯ އާއި އައިލެންޑް އޭވިއޭޝަނާއި އާރްއޭސީއެލް އާއި ވެމްކޯ އާއި އާސަންދަ އާއި އެސްޑީއެފްސީ އާއި ޕީއެސްއެމް ފަދަ ކުންފުނިތައް ހިމެނެ އެވެ.

ޓްރާންސްޕޭރެންސީ އާންމު ކުރި މައުލޫމާތުގައިވާ ގޮތުން މޯލްޑިވްސް ސެންޓަ ފޯ އިސްލާމިކް ފައިނޭންސް ކޯޕަރޭޝަން (އެމްސީއައިފް) އަށް ލިބުނީ ސުމެކެވެ. އޭގެ ސަބަބަކީ އެކުންފުނީގެ ވެބްސައިޓެއް ވެސް ހަދާފައި ނުވުމެވެ.