Roadha Mihaaru
"ވައްޓަފާޅި ބަދަލުނުކުރަންޏާ ސިއްހީ ނިޒާމް ފުނޑިދާނެ"

ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުނުކޮށްފިއްޔާ ސިއްހީ ނިޒާމް ފުނޑިދާނެ: މިނިސްޓްރީ

03 ޖޫން 2024

ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުނުކޮށްފިއްޔާ ސިއްހީ ނިޒާމު ފުނޑިގެން ހިނގައިދާނެ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުނުކޮށްފިއްޔާ ސިއްހީ ނިޒާމު ފުނޑިގެން ހިނގައިދާނެ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.

ޔުނިސެފުން އިސް ނަގައިގެން ފަށާފައިވާ ސިލްސިލާ މަޝްވަރާތަކުގެ ތެރެއިން، "ދުޅަހެޔޮ ދިރިއުޅުމަކަށް ޖިސްމާނީ ހަރަކާތްތައް ހިންގުމުން"ގެ މައުލޫއަށް މިއަދު ބޭއްވި ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި، ހެލްތުގެ ޕާމަނަންޓް ސެކްރެޓަރީ އައިޝަތު ސާމިޔާ ވިދާޅުވީ ހުންނަން ޖެހޭ ވަރަށް ވުރެ ރާއްޖޭގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން ބަރު ކަމަށެވެ.

އެއާއެކު، މި ސަރަހައްދުގައި އެންމެ ބަރު މީހުން އުޅެނީ ރާއްޖޭގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ސާމިޔާ ވިދާޅުވި ގޮތުގައި ދިވެހިން ބަރުވުމުގެ ސަބަބުތަކުގެ ތެރޭގައި ސިއްހަތަށް ނުރަނގަޅު އާދަތައް ގެންގުޅުމާއި ހަރަކާތްތެރިވެ ނޫޅުން ހިމެނެ އެވެ. އޭގެ ސަބަބުން މަސައްކަތް ކުރާ އުމުރުގެ މީހުން މަރުވެ ނުވަތަ އެތައް ވޭނެއް ތަހައްމަލުކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހިތުގެ ބައްޔާއި ކެންސަރާއި ހަކުރު ބަލި އަދި ފުއްޕާމޭގެ ބަލި އިތުރުވަމުން ދަނީ ކަންބޮޑުވާ މިންވަރަކަށް ކަމަށާއި އާސަންދަ ބަޖެޓުގެ ބޮޑު ބައެއް ހަރަދުކުރަނީ، އެފަދަ ގައިންގަޔަށް ނާރާ ބަލިތައް (އެންސީޑީ) އަށް ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

"މި މަގުން ކުރިއަށް ދާނަމަ އަޅުގަނޑުމެންގެ ސިއްހީ ނިޒާމު ފުނޑުފުނޑުވެގެންދާނެ. މި ބަދަލު ގެންނަން މިހާރު ދިރިއުޅުމުގެ ވައްޓަފާޅި ހުރި ގޮތް ވަރަށް ބޮޑަށް ބަދަލުކުރަންޖެހޭ. އެކަމަކީ، މި ތަނުގައި ތިބި ކޮންމެ ފަރުދެއްގެ ހިސާބުން ފަށަން ޖެހޭ ކަމެއް،" ސާމިޔާ ވިދާޅުވި އެވެ.

ޕްރައިމަރީ ހެލްތު ކެއާއަށް އިންވެސްޓުކުރުމަކީ ފަރުދުންނާއި މުޖުތަމައުއަށް ރަނގަޅު އަދި ފައިދާ ނުކުންނާނެ ކަމެއްކަން ފާހަގަކުރައްވައި، ސާމިޔާ ވިދާޅުވީ، ރަނގަޅު ސިއްހަތުގެ މުހިއްމުކަން އެނގޭނީ އެ ނިއުމަތް ގެއްލުމުން ކަމަށެވެ. އެއީ އަމިއްލަ ނަފްސާއި ދަރިން އަދި އާއިލާގެ ހައްގުގައި ކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.

އެހެންވެ، ދުޅަހެޔޮ ދިރިއުޅުމެއް އިހުތިޔާރުކުރުމަކީ ޗޮއިސެއް އޮތް ކަމެއް ނޫން ކަމަށާއި އެއީ ހަމައެކަނި އޮތް ފުރުސަތު ކަމަށް އޭނާ ވިދާޅުވި އެވެ.

ސްޕޯޓްސް، ފިޓްނެސް އަދި ރެކްރިއޭޝަން މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވީ އެންސީޑީ އިތުރުވުމުގެ އެއް ކަމަކީ ހަރަކާތްތެރިވެ ނޫޅުމާއި ދިރިއުޅުމުގެ ވައްޓަފާޅި ހުރި ގޮތް ކަމަށެވެ. ޓެކްނޮލޮޖީގެ ކުރިއެރުންތަކާއި ވަޒީފާގެ ބިޒީވުމުން އިށީނދެ ގިނަ ވަގުތު އިނުމުން ބަރުދަން އިތުރުވުމާއި އެންސީޑީ އިތުރުވަމުން އަންނަ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޔުނިސެފުން އިސްނަގައިގެން މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި އެ ޖަމާއަތުން ރާއްޖެ ކަނޑައަޅާފައިވާ މަންދޫބު ޑރ. އެޑްވާޑް، އަދި ސްޕޯޓްސް މިނިސްޓަރު ރާފިއު ވާހަކަދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޔުނިސެފުން އިސްނަގައިގެން މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި އެ ޖަމާއަތުން ރާއްޖެ ކަނޑައަޅާފައިވާ މަންދޫބު ޑރ. އެޑްވާޑް، އަދި ސްޕޯޓްސް މިނިސްޓަރު ރާފިއު ވާހަކަދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެހެންވެ، އެކަން ބަދަލުކޮށް ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރަން ފިޓްނެސް މިނިސްޓްރީން އޮތީ ތައްޔާރަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ޔުނިސެފުން ރާއްޖެ ކަނޑައަޅާފައިވާ ޑރ. އެޑްވާޑް އަޑާއި ވިދާޅުވީ ހަށިގަނޑާ މެދު ފަރުވާ ކުޑަކޮށްގެން ނުވާނެ ކަމަށެވެ. ނަމަވެސް، ގައިންގަޔަށް ނާރާ ބަލިތައް އިތުރުވެ، ސިއްހީ ކަންކަމަށް ކުރާ ހޭދަ އިތުރުވަމުން ދާތީ އެޑްވާޑް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހިނގައި ކަސްރަތުކުރަން ދެ ފައި ދެއްވާފައިވިއަސް އެގޮތަށް ކަންތައް ނުކުރާ ކަމަށެވެ. އޭގެ ބަދަލުގައި، މީހުން ގިނައިން ކަނީ ޕްރޮސެސްކޮށްފައި ހުންނަ އެއްޗިއްސާއި ހަކުރު ގިނަ އެއްޗެހި ކަމަށް ވިދާޅުވި އެވެ.

ޔުނިސެފުން އިސްނަގައިގެން މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ސްޕޯޓްސް ކޮމިޝަނަރު ތޮލާލު (ވ) އަދި އޮލިމްޕިކް ކޮމިޓީގެ ރައީސް ސައްތާރު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޔުނިސެފުން އިސްނަގައިގެން މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ސްޕޯޓްސް ކޮމިޝަނަރު ތޮލާލު (ވ) އަދި އޮލިމްޕިކް ކޮމިޓީގެ ރައީސް ސައްތާރު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަކީ މާ އުނދަގޫ ކަމެއް ނޫން. އެކަމަކު، ދިވެހިންނަކީ ދުންފަތުގެ އިސްތިއުމާލުކުރަން ބޭނުންވާ ބައެއް. އޭގެ ސަބަބުން ދިރިއުޅުމުގެ މުއްދަތު ކުރުވެގެން ދޭ،" އެޑްވާޑް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖިމްތަކާއި ކަސްރަތުކުރާ ތަންތަން ބަންދުކޮށްފި ނަމަ އިތުރު ހޮސްޕިޓަލެއް އަޅަންޖެހޭނެ އެވެ. އެހެންވެ، ހަށިގަނޑު ހަރަކާތް ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި އޭގެ ސަބަބުން ނަފްސާނީ ގޮތުން ހިތްހަމަޖެހުން ލިބި، ނިދި ރަނގަޅުވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީ، އެޗްޕީއޭ އަދި ސްޕޯޓްސް، ފިޓްނެސް އަދި ރެކްރިއޭޝަން މިނިސްޓްރީއާ ގުޅިގެން ޔުނިސެފުން ވަނީ މީގެ ކުރިން މަޝްވަރާ ދެ ބައްދަލުވުމެއް ބާއްވައިފަ އެވެ. އެއީ ނިއުޓްރިޝަން އަދި އޮބޯސިޓީ އާއި ބަރުދަން އިތުރުވުމާ ގުޅޭގޮތުންނެވެ. ދުޅަހެޔޮ ދިރިއުޅުމަށް އަމާޒުކޮށް އަދި އިތުރު ދެ ބައްދަލުވުމެއް ބާއްވައި، އެ މަޝްވަރާތަކުން ފާހަގަވާ ކަންކަމަށް ކަރުދާހެއް ތައްޔާރުކުރާނެ ކަމަށް ޔުނިސެފުން ބުންޏެވެ.