ދުންފަތުގެ އިސްތިއުމާލު ކުރުމާ ދެކޮޅަށް ރާއްޖެ އިން މިހާތަނަށް އަޅާ އެންމެ ބޮޑު ފިޔަވަޅު ކަމަށްވާ "ޖެނެރޭޝަނަލް ބޭން" އަށް މިއަދުން ފެށިގެން އަމަލުކުރަން ފަށައިފި އެވެ.
01 ނޮވެމްބަރ 2025
ދުންފަތުގެ އިސްތިއުމާލު ކުރުމާ ދެކޮޅަށް ރާއްޖެ އިން މިހާތަނަށް އަޅާ އެންމެ ބޮޑު ފިޔަވަޅު ކަމަށްވާ "ޖެނެރޭޝަނަލް ބޭން" އަށް މިއަދުން ފެށިގެން އަމަލުކުރަން ފަށައިފި އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް މިދިޔަ މެއި މަހު ގެނައި ބަދަލުގައިވާ ގޮތުން 2007 ވަނަ އަހަރުން ފެށިގެން އުފަން ވެފައިވާ ކުދިންނަށް އަދި އުފަން ވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާވާނެ އެވެ. އެހެންވެ، މިއަދުން ފެށިގެން އެ އުސޫލަށް އަމަކުރަން މަޖުބޫރުވާނެ އެވެ.
އެ ގާނޫނަށް މިދިޔަ އަހަރުގެ ފަހުކޮޅު ގެނައި ބަދަލުގައިވާ ގޮތުން، ދުންފަތުގެ ބާވަތްތައް ވިއްކޭނެ އެންމެ ހަގު އުމުރު ވެސް ވަނީ 18 އަހަރުން 21 އަހަރަށް މަތިކޮށްފަ އެވެ. އަދި އެ އުމުރާ މެދު ޝައްކުވާ ނަމަ ދުންފަތުގެ ބާވަތްތައް ވިއްކޭނީ އުމުރު ކަށަވަރު ކުރުމަށް ފަހުގަ އެވެ.
ނަމަވެސް، މީގެ ހަ މަސް ދުވަސް ކުރިން ތަސްދީގުކުރި ޖެނެރޭޝަނަލް ބޭންގެ އިސްލާހުގައިވާ ގޮތުން 2007 ގައި އުފަންވެފައިވާ ކުއްޖެއްގެ އުމުރުން 21 އަހަރު ފުރުނަސް ދުންފަތުގެ އެއްވެސް ބާވަތެއް އެ ކުއްޖާ އަށް ވިއްކުމަކީ މަނާކަމެކެވެ.
ޖެނެރޭޝަނަލް ބޭން އަށް ރާއްޖެ އިން އަމަލުރުމަށްޓަކައި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހު މި އަހަރުގެ މޭ 31 ވަނަ ދުވަހު ރައީސް މުއިއްޒު ތަސްދީގު ކުރެއްވުމަށް ފަހު، ތަސްދީގާ ގުޅޭ ލިޔުމާ އެކު އެ މަނިކުފާނު ފޮޓޯއަކަށް ހުއްޓިވަޑައިގެން.---ފައިލް ފޮޓޯ: ރައީސް އޮފީސް
އެ ބިލް ތަސްދީގު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެ މަނިކުފާނުގެ ސިޔާސަތަކީ ދިވެހި މުޖުތަމައަކީ ސިއްހަތު ރަނގަޅު، ދުޅަހެޔޮ ބަޔަކު ދިރިއުޅޭ ގައުމަކަށް ހެދުން ކަމަށެވެ. އެންމެން ގުޅިގެން މަސައްކަތް ކޮށްގެން މުޖުތަމައުގައި ހުރި މި ކަހަލަ ނުރަނގަޅު އާދަތައް ނައްތާލެވިދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ކަސްޓަމްސް އިން މީގެ ކުރިން ހިއްސާކުރި މައުލޫމާތުތައް ދައްކާ ގޮތުން، ރާއްޖެ އަށް އެވްރެޖުކޮށް އަހަރަކު 500 މިލިއަނެއްހާ ސިނގިރޭޓް އެތެރެކުރުމަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހޭދަކުރެ އެވެ. އަދި ނޭޝަނަލް ހެލްތު އެކައުންޓްސްގެ ހިސާބުތައް ދައްކާ ގޮތުން، ސިއްހީ ހިދުމަތްތައް ދެމެހެއްޓުމަށް އެވްރެޖު ގޮތެއްގައި ޖީޑީޕީގެ 9.7 ޕަސެންޓު ނުވަތަ ބަޖެޓުގެ 19 ޕަސެންޓް ހޭދަކުރެ އެވެ.
ނަމަވެސް، އެކަށީގެންވާ ގޮތެއްގައި ދުންފަތުން މީހުން ރައްކާތެރިކޮށް ދުންފަތާ ދުރު ޖީލެއް ބިނާކުރެވިއްޖެ ނަމަ ބަލިތަކަށް ސަރުކާރުން މިހާރު ކުރާ ބޮޑު ހޭދަ އެތައް ތަނުން ކުޑަވެ އަދި އާއްމުންގެ ދުޅަހެޔޮކަން އިތުރުވެގެންދާނެ ކަން ހެލްތު މިނިސްޓްރީން ފާހަގަކުރެ އެވެ.
މީގެ ހަތަރު އަހަރު ކުރިން އާއްމުކުރި ސްޓެޕްސް ސާވޭ ދައްކާ ގޮތުން ވެސް ރާއްޖޭގެ ކޮންމެ ހަތަރު މީހަކުން އެކަކު ދުންފަތުގެ އިސްތިއުމާލް ކުރެ އެވެ. ސްކޫލު އުމުރުގެ ކުދިންގެ ގާތްގަނޑަކަށް 45 ޕަސެންޓް ކުދިން ދުންފަތުގެ ކޮންމެ ވެސް ބާވަތެއް ބޭނުން ކުރާ ކަމަށް 2019 ގައި ހެދި ގްލޯބަލް ޔޫތު ޓޮބޭކޯ ސާވޭއިން ދައްކަ އެވެ.
ދުޅަހެޔޮ ޖީލެއް ބިނާކުރަން ކުރާ މަސައްކަތުގައި ރާއްޖެ އަށް ވޭޕާއި އީ-ސިނގިރޭޓު އެތެރެކުރުން ވެސް މިދިޔަ އަހަރުގެ ނޮވެމްބަރު 15 އިން ފެށިގެން ވަނީ މަނާކޮށްފަ އެވެ.
ޖެނެރޭޝަނަލް ބޭން އަށް 24 ގަޑިއިރު ދުވުން ފަށައިފި
ދުންފަތް ވިއްކަން 200 އަށް ވުރެ ގިނަ ލައިސެންސް
އާއްމު ސިއްހަތަށްޓަކައި އެންމެ ވަރުގަދަ ނިންމުން
ދުންފަތް މަދުކުރަން އިތުރު ޓެކްސް ނަގަންޖެހޭ: އެޗްޕީއޭ
ކުޑަކުދިންގެ އާބާދީގެ ބޮޑު ބައެއް ދުންފަތުގައި!
ދުންފަތާ ދެކޮޅަށް މިހާރު ބޭނުމީ ހަރުކަށި ތަންފީޒު!
ދުންފަތް ކޮންޓްރޯލްކުރަން ކުރާ މަސައްކަތަށް އެވޯޑެއް
ޖެނެރޭޝަން ބޭން ފެށުމަށް 24 ގަޑިއިރުގެ ދުވުމެއް
ޖެނެރޭޝަން ބޭންއަށް ހޮނިހިރު ދުވަހު އަމަލުކުރަން ފަށަނީ
ދުންފަތުގެ އިސްތިއުމާލުނުކުރާ މީހުންގެ ރަށްރަށަށް އިނާމު