Roadha Mihaaru
ޒަކާތު ފަންޑުން މިދިޔަ މަހު ބޭސްފަރުވާ އަށް މިލިއަނެއް

ޒަކާތު ފަންޑުން މިދިޔަ މަހު ބޭސްފަރުވާ އަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފި

06 ޖޫން 2024

ޒަކާތުގެ ކަންކަން ބެލެހެއްޓުމަށް މި ސަރުކާރުން އުފައްދާފައިވާ އިދާރާ، މޯލްޑިވްސް ޒަކާތު ހައުސް އިން މިދިޔަ މަހު ފަގީރުންނާއި މިސްކީނުންގެ ބޭސްފަރުވާ އަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޒަކާތުގެ ކަންކަން ބެލެހެއްޓުމަށް މި ސަރުކާރުން އުފައްދާފައިވާ އިދާރާ، މޯލްޑިވްސް ޒަކާތު ހައުސް އިން މިދިޔަ މަހު ފަގީރުންނާއި މިސްކީނުންގެ ބޭސްފަރުވާ އަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފި އެވެ.

ޒަކާތު ހައުސް އިން ވަނީ އެ އިދާރާގެ މިދިޔަ މަހުގެ ތަފާސްހިސާބުތައް މިއަދު އާންމުކޮށްފަ އެވެ. ޒަކާތު ފަންޑުން ކޮންމެ މަހަކު ކުރާ ހޭދައިގެ ތަފުސީލު އެ އިދާރާ އިން އާންމުކުރަން ފެށީ މިދިޔަ މާޗު މަހު އެވެ.

މިދިޔަ މަހުގެ ތަފާސްހިސާބުތަކުގައިވާ ގޮތުން ފަގީރުންނާއި މިސްކީނުންނަށް ބޭސްފަރުވާގެ އެހީގެ ގޮތުގައި ވަނީ 1،632،265ރ. މުޅި ޖުމްލަ ހަރަދުކޮށްފައިވެ އެވެ. އެއީ 180 މީހުންގެ ބޭސްފަރުވާގެ ހަރަދެވެ.

ބޭސްފަރުވާގެ އެހީގެ ތަފުސީލް

• 35 ޕަސެންޓް ހަރަދުކުރީ ކެންސަރުގެ ބަލީގެ ފަރުވާއަށް

• 6 ޕަސެންޓް ހަރަދުކުރީ ސިކުނޑީގެ އޮޕަރޭޝަނަށް

• 7 ޕަސެންޓް ހަރަދުކުރީ ކިޑްނީގެ ފަރުވާ އަށް

• 5.2 ޕަސެންޓް ހަރަދުކުރީ ހިތުގެ އޮޕަރޭޝަނަށް

• ބާކީ 48 ޕަސެންޓް ހަރަދުކޮށްފައި ވަނީ އެހެނިހެން ބޭސްފަރުވާ އަށް

ޒަކާތު ހައުސް އިން ބުނީ މިދިޔަ މަހު ކޮށްފައިވާ ހަރަދުތަކުގެ ތެރޭގައި އެޕްރީލް މަހު އެހީ ހަމަޖެހިފައިވާ މީހުންގެ ހަރަދުތައް ވެސް ހިމެނޭނެ ކަމަށެވެ.

އެހެނިހެން ހަރަދުގެ ގޮތުގައި، އިދާރީ މުވައްޒަފުންގެ އުޖޫރަ އާއި ފިތުރު ޒަކާތް ދިނުމަށް ވެސް އެ ފަންޑުން ހޭދަކުރި އެވެ. މުވައްޒަފުންގެ އުޖޫރައިގެ ގޮތުގައި 262،266.50ރ. ވަނީ ހަރަދުކޮށްފަ އެވެ. އަދި ފިތުރު ޒަކާތް ދިނުމަށް 41،937.71ރ. ހަރަދުކޮށްފައިވެ އެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ޒަކާތު ފަންޑުން ފަލަސްތީނުގެ ގާޒާގެ ރައްޔިތުންގެ އެހީ ގޮތުގައި 100،000 ޑޮލަރު ފޮނުވަން ވެސް މިދިޔަ މަހު ކުރީކޮޅުގައި ނިންމައިފަ އެވެ.