Roadha Mihaaru
ދިވެއްސަކު އިންޑިއާގެ ސްޓޫޑިއޯއަކަށް ލަވަތަކެއް ކިޔަނީ

ދިވެހި މިއުޒީޝަން އަދުހަމް އިންޑިއާގެ ސްޓޫޑިއޯއަކަށް ލަވަތަކެއް ކިޔަނީ

12 ޖޫން 2024

ރިސޯޓު މިއުޒިކްގެ ދާއިރާގައި މަސައްކަތްކުރާ ދިވެހި މިއުޒީޝަން އަހްމަދު އަދުހަމް އަށް އިންޑިއާގެ ޕަންޖާބުގެ "ވިންޑިކްޓިވް ރިކޯޑްސް" ސްޓޫޑީއޯސް އަށް ލަވަތަކެއް ކިޔުމުގެ ފުރުސަތު ލިބިއްޖެ އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ރިސޯޓު މިއުޒިކްގެ ދާއިރާގައި މަސައްކަތްކުރާ ދިވެހި މިއުޒީޝަން އަހްމަދު އަދުހަމް އަށް އިންޑިއާގެ ޕަންޖާބުގެ "ވިންޑިކްޓިވް ރިކޯޑްސް" ސްޓޫޑީއޯސް އަށް ލަވަތަކެއް ކިޔުމުގެ ފުރުސަތު ލިބިއްޖެ އެވެ.

އަދުހަމް ކިޔާފައިވާ އެއް ލަވަ މިދިޔަ ހަފުތާގައި ވަނީ ރިލީޒް ވެސް ކޮށްފަ އެވެ. އެއީ "ހޯޕް" އެވެ. އަދުހަމްއާ އެކު އެ ލަވަ ކިޔާފައި ވަނީ އިންޑިއާގެ ފަންނާނެއް ކަމަށްވާ މަނު ރާއި އެވެ.

އެ ލަވާގައި އަދުހަމް ކިޔާފައި ވަނީ، އިނގިރޭސި ބަހުން އެ ލަވައިގެ ރެޕް ބައެވެ.

@adhuham.mv Feel the heartbeat of Punjab, Experience the magic of 'Kya Hua Tera Vaada' live during my unforgettable India tour. ?✨ #LiveInPunjab #MemorableMoments #MyIndiaJourney #ForYouPage #Trending #ChallengeAccepted #FYP #TikTokTrend #ViralVideo #DanceChallenge #FunnyVideos #ExplorePage ♬ original sound - Ahmed Adhuham

އަދުހަމް "މިހާރު" އަށް ބުނީ އެ ލަވައަކީ ހަމައެކަނި އޭނާ ފީޗާކޮށްލުމަށް ކިޔާފައިވާ ލަވައެއް ކަމަށެވެ. އަދި އެ ސްޓޫޑިއޯއާ އެކު، އިތުރު މިއުޒިކް ހެދުމަށް ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"ރިސޯޓުގައި ޕްރައިވެޓް ގިގެއް ކުޅެނިކޮށް، އެމީހުން ޗުއްޓީއަށް މިކޮޅަށް އައިސް އުޅެނިކޮށް ދިމާވީ. ދެން ތައިލެންޑުގައި ބޭއްވި އެ މީހުންގެ ޕްރައިވެޓް ގިގަކަށް ހަޔާކޮށްގެން ލިބުނު ޗާންސެއް މީ. އެ ގިގު ނިންމާލިތަނާ އެ މީހުން ބުނީ ކޮންޓެކްޓް ކޮށްލާށޭ، އޭރުވެސް އަސްލު ކޮން ކަމެއްކަން ނުބުނޭ،" އަދުހަމް ބުންޏެވެ.

އެ ސްޓޫޑިއޯއާ އެކު އަދުހަމް ހަދާފައިވާ ކޮންޓްރެކްޓުގައިވާ ގޮތުން ކޮންމެ އަހަރަކު އޭނާގެ އަމިއްލަ ނުވަ ލަވަ، ވީޑިއޯއާ އެކު ރިލީޒްކުރާނެ އެވެ.

އަދުހަމް ބުނި ގޮތުގައި، މި ފުރުސަތު ލިބުނުކަން އެނގުނީ އެ ސްޓޫޑިއޯ އިން ޓިކެޓް ފޮނުވުމުން އިންޑިއާ އަށް ދިޔަ ފަހުންނެވެ. އަދި ފުރަތަމަ ރިކޯޑިން ހެދީ މިދިޔަ އަހަރުގެ އޮކްޓޯބަރުގަ އެވެ. އަދި އޭގެ ފަހުން މިދިޔަ މާޗު މަހުގެ ކުރިން ދެމަހަށް އިންޑިއާ އަށް ގޮސް ލަވައިގެ ވީޑިއޯ ނެގީ އެވެ.

އަދުހަމް ބުނީ މި އަހަރު ތިން އިނގިރޭސި ލަވަ އާއި ހަ ހިންދީ ލަވަ ނެރޭނެ ކަމަށެވެ. އަދި އެ ހުރިހާ ލަވައެއް ލިޔެ، ކޮމްޕޯޒްކުރަނީ އޭނާ އަމިއްލަ އަށް ކަމަށް ވެސް ބުންޏެވެ.

ނަމަވެސް "ހޯޕް" މި ލަވައިގައި އަދުހަމް ލިޔުނީ އޭނާ ކިޔާފައިވާ ރެޕް ބައެވެ. އެ ލަވަ އަކީ މަނޫ ރާއީގެ އޮރިޖިނަލް ލަވައެކެވެ.

އެ ސްޓޫޑިއޯއާ އެކު އަދުހަމްގެ ފުރަތަމަ އަމިއްލަ އޮރިޖިނަލް ލަވަ ރިލީޒްކުރާނީ މި މަހު ފަހުކޮޅު ކަމަށް އޭނާ ބުންޏެވެ.