Roadha Mihaaru
ހަމަލާ ހުއްޓާލުމުގެ ހުށަހެޅުމަށް ހަމާސްއިން ޖަވާބު ދީފި

ހަމަލާތައް ހުއްޓާލުމުގެ ހުށަހެޅުމަށް ހަމާސްއިން ޖަވާބު ދީފި

12 ޖޫން 2024

ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ހުއްޓުމަކަށް ގެނައުމުގެ ގޮތުން އެންމެ ފަހުން ހުށަހެޅި ހުށަހެޅުމަށް ހަމާސް އިން އިއްޔެ ރަސްމީކޮށް ޖަވާބު ދީފި އެވެ.

ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ހުއްޓުމަކަށް ގެނައުމުގެ ގޮތުން އެންމެ ފަހުން ހުށަހެޅި ހުށަހެޅުމަށް ހަމާސް އިން އިއްޔެ ރަސްމީކޮށް ޖަވާބު ދީފި އެވެ.

ހަމާސް އިން މި ޖަވާބު ދިނީ އޮކްޓޫބަރު 7 ގައި އެ ޖަމާއަތުން އިޒްރޭލަށް ދިން ހަމަލާގެ ފަހުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން މެދުއިރުމައްޗަށް ކުރައްވާ އަށް ވަނަ ދަތުރު ފައްޓަވާފައި ވަނިކޮށެވެ.

ހަމަލާތައް ހުއްޓުމަކަށް ގެންނަން އެމެރިކާގެ ރައީސް ޖޯ ބައިޑެން ހުށަހެޅުއްވި ޕްލޭނަށް އިޒްރޭލު އެއްބަސްވެ އަދި އެ ޕްލޭނަށް ހަމާސް އިން ރުހުން ދިނުމަށް ގޮވާލައި އދ.ގެ ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްކޮށްފައި ވަނިކޮށް ހަމާސް އާއި އިސްލާމިކް ޖިހާދުން ނެރުނު ގުޅިފައިވާ ބަޔާނުގައި ބުނީ އިސްކަން ދޭނީ ފަލަސްތީނު ރައްޔިތުންގެ ހައްގުތަކަށް ކަމަށެވެ.

އެ ދެ ޖަމާއަތުން ބުނެފައިވަނީ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް އެއްކޮށް ހުއްޓާލުމަކީ ފަލަސްތީނު ރައްޔިތުންނަށް ސަލާމަތްކަން ލިބޭނެ ގޮތް ކަމަށެވެ.

އެމެރިކާގެ ހުށަހެޅުމުގައި ވަނީ ޣައްޒާގައި އާންމުން އުޅޭ ސަރަހައްދުތަކުން އިޒްރޭލު ސިފައިން ފޭބުމާ އެކު ހަމާސް އިން އިޒްރޭލުގެ ރަހީނުން މިނިވަންކުރުމަށެވެ. އަދި އޭގެ ފަހުން ހަ ހަފްތާއަށް ހަމަލާތައް ހުއްޓާލައި، ދާއިމީކޮށް ހަމަލާތައް ހުއްޓުމަކަށް ގެނެވޭނެ އެއްބަސްވުމަކާ މެދު މަޝްވަރާކުރުމަށެވެ.

އޭއެފްޕީން ބުނީ ހަމާސް އިން ވަނީ އެމެރިކާގެ ހުށަހެޅުމަށް ބައެއް ބަދަލުތައް ގެންނަން ހުށަހަޅާފައި ކަމަށެވެ. އެކަމުގެ މައުލޫމާތު އެނގޭ ފަރާތަކާ ހަވާލާދީ ބުނީ ހަމަލާތައް ހުއްޓާލުމުގެ ޓައިމްލައިނެއް ކަނޑައެޅުމާއި އިޒްރޭލު ސިފައިން ޣައްޒާއިން އެއްކޮށް ފޭބުން އެއީ ހަމާސްއިން ހުށަހަޅާ ބައެއް ކަންތައް ކަމަށެވެ.

އެމެރިކާ އާއި މިސްރާއި ގަތަރުން އިޒްރޭލާއި ހަމާސް އެއްބަސްވުމަކަށް ގެންނަން މިހާތަނަށް ކުރި މަސައްކަތުގައި ހަމާސް އިން އަބަދުވެސް ބުނަމުން އަންނަނީ ދާއިމީކޮށް ހަމަލާތައް ހުއްޓާލެވޭ އެއްބަސްވުމެއް ނޫނީ ގަބޫލު ނުކުރާނެ ކަމަށެވެ.

ހަމާސް އިން އިޒްރޭލަށް ހަމަލާދީ ހާހަކަށްވުރެ ގިނަ މީހުން މަރާލައި 250 އަށް ވުރެ ގިނަ މީހުން ރަހީނުކުރުމާ އެކު ހަމާސް ނައްތާލަން ކަމަށް ބުނެ ދެމުން ގެންދާ ހަމަލާތަކުގައި އިޒްރޭލުން މިހާތަނަށް ވަނީ ފަލަސްތީނުގެ 37،000 މީހަކު ޝަހީދުކޮށްލައިފަ އެވެ. -- އޭއެފްޕީ