Roadha Mihaaru
ހަމަލާ ނުދޭ މުއްދަތު އަނެއްކާ އިތުރުކޮށްފި

ހަމަލާ ނުދޭ މުއްދަތު އަނެއްކާ އިތުރުކޮށްފި

01 ޑިސެމްބަރ 2023

މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލު ސިފައިން ފަލަސްތީނުގެ ޣައްޒާއާ ދެކޮޅަށް ފެށި ހަނގުރާމައިގެ ހަމަލާތައް މެދުކަނޑައިލުމަށް، މި މަހުގެ 24 ވަނަ ދުވަހު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ތިން ވަނަ ދުވަހަކަށް (ޖުމްލަ ހަތް ދުވަހަށް) އިތުރު ކުރުމަށް އެއްބަސްވެއްޖެ އެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލު ސިފައިން ފަލަސްތީނުގެ ޣައްޒާއާ ދެކޮޅަށް ފެށި ހަނގުރާމައިގެ ހަމަލާތައް މެދުކަނޑައިލުމަށް، މި މަހުގެ 24 ވަނަ ދުވަހު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ތިން ވަނަ ދުވަހަކަށް (ޖުމްލަ ހަތް ދުވަހަށް) އިތުރު ކުރުމަށް އެއްބަސްވެއްޖެ އެވެ.

މިސްރާއި އެމެރިކާގެ އެހީތެރިކަމާއެކު ގަތަރުން އިސްނަގައިގެން އަދި މެދުވެރިއެއްގެ ދައުރު އަދާކޮށްގެން، ހަމަލާ ބަދަލުކުރުން ހަތަރު ދުވަހަށް މެދުކަނޑައިލުމަށް ފަލަސްތީނުގެ ހަމާސް ޖަމާއަތާއި އިޒްރޭލުން އެއްބަސްވެ އެ ގޮތަށް އަމަލުކުރަން ފެށީ ނޮވެމްބަރު 24 ވަނަ ދުވަހު އެވެ. އޭގެ ފަހުން ދެ ފަހަރެއްގެ މަތިން ދުވަސް އިތުރުކޮށް، އެންމެ ފަހުން މިއަދު ދެ ފަރާތުން އެއްބަސްވެފައިވަނީ، ހުކުރު ދުވަހުން ފެށިގެން އިތުރު 24 ގަޑިއިރަށް، އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމަށެވެ.

އިޒްރޭލުގެ އަސްކަރިއްޔާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އިތުރު ރަހީނުން މިނިވަންކުރުމުގެ ގޮތުން، ހުކުރު ދުވަހުން ފެށިގެން އިތުރު އެއް ދުވަހުގެ މުއްދަތަށް، ހަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް އެއްބަސްވީ، ގަތަރު މެދުވެރިވެގެން ކުރި މަޝްވަރާތަކަށް ފަހު އެވެ. ހަމާސް އިން ވެސް މިއަދު ވަނީ، ހަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ މުއްދަތު އިތުރު ދުވަހަކަށް އިތުރު ކުރިކަން ކަށަވަރު ކޮށްދީފަ އެވެ.

ގަތަރުން ބުނެފައިވާ ގޮތުގައި ހަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ މުއްދަތު އިތުރުކުރީ، ކުރިން ވެސް ދެފަރާތުގެ މެދުގައި އެއްބަސްވެފައިވާ ޝަރުތުތަކާ އެއްގޮތަށެވެ. އެއީ ހަމަލާތައް މެދުކަނޑާލާފައި އޮންނަ ކޮންމެ ދުވަހަކަށް ހަމާސް އިން އިޒްރޭލުގެ 10 ރަހީނުން އަދި އިޒްރޭލުން ފަލަސްތީނުގެ 30 އަސީރުން މިނިވަން ކުރުމެވެ.

ހަމަލާ ބަދަލުކުރުން އިތުރު ދުވަހަކަށް މެދުކަނޑައިލުމަށް އެއްބަސްވީ، އެކަމަށް އެއްބަސްނުވެދާނެ ކަމުގެ ބިރު ވަރަށް ބޮޑަށް އުފެދިފައި ވަނިކޮށެވެ. ހަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް އެއްބަސްވެފައިވާ މުއްދަތު މިއަދަށް ހަމަވާން ކައިރިވަމުން ދިޔަ އިރު ވެސް، އިޒްރޭލުގެ ޖަލުތަކުން މިނިވަންކޮށްދިނުމަށް އެދި ހަމާސް އިން ފޮނުވި ލިސްޓުގައި ހިމެނޭ މީހުންނާ މެދު އިޒްރޭލުން އެއްބަހެއް ނުވެ އެވެ.

ހަމާސް އިން އެދުނު ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން އިޒްރޭލުން ދެކޮޅު ހަދާފައިވަނީ، އިޒްރޭލުން ދާދި ފަހުން ހައްޔަރުކުރި ހަމާސްގެ ހަތް ހަނގުރާމަވެރިން މިނިވަން ކުރުމަށާއި، އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވެފައިވާ ހަމާސްގެ ތިން ހަނގުރާމަވެރިއެއްގެ ހަށިގަނޑު ހަމާސްއާ ހަވާލު ކުރުމަށެވެ. ނަމަވެސް، މުއްދަތު ހަމަވާން ކައިރިވެފައި ވަނިކޮށް އިޒްރޭލުން ބުނެފައިވަނީ، ހަމާސް އިން ފަހުން ހުށަހެޅި ލިސްޓާ މެދު މިހާރު އެއްބަސްވެވިފައިވާ ކަމަށެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހު ހަމާސް އިން ރަހީނުކުރި 240 އަށް ވުރެ ގިނަ މީހުންގެ ތެރޭގައި ހިމެނޭ ގިނަ ކުޑަކުދިންނާއި އަންހެނުން ވެސް މިހާރު މިނިވަންކުރެވިފައިވާތީ، އިޒްރޭލާއި ހަމާސް ޖަމާއަތާ ދެމެދު ގަތަރު މެދުވެރިވެގެން ކުރަމުން އަންނަ މަޝްވަރާތައް ދަނީ ވަރަށް ހަރުކަށިކޮށް ކަމަށްވެ އެވެ. ހަމާސްގެ ބެލުމުގައި މިހާރު ތިބި ގިނަ މީހުންނަކީ އިޒްރޭލުގެ ސިފައިންނާއި ފުލުހުންގެ އިތުރުން އާންމު ފިރިހެނުންނެވެ.

ދެ ފަރާތުގެ ދެމެދުގައި މިހާރު އެއްބަސްވެފައިވާ ޝަރުތުތަކާ އެކު، ހަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ މުއްދަތު އިތުރުކުރަމުން ދާ ނަމަ، ހަމާސް ބޭނުންވާ މަގުސަދު ހާސިލުކުރުމަށް ހުރަސް އެޅޭނެ އެވެ. ހަމާސް އިން މިހާރު ބޭނުންވަނީ، މިހާރު އެއްބަސްވެފައިވާ އަދަދަށް ވުރެ ގިނަ އަސީރުން، އިޒްރޭލުން ކޮންމެ ދުވަހަކު މިނިވަން ކުރުމަށެވެ.

ހަމަލާ ބަދަލުކުރުން މެދުކަނޑާލާފައި އޮންނަ ކޮންމެ ދުވަހަކަށް ހަމާސް އިން 10 އަސީރުން މިނިވަން ކުރަންޖެހޭ އިރު، އެ ހުރިހާ އަސީރުން މިނިވަންކޮށް ނިމުމާ އެކު، އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ އަސީރުން މިނިވަން ކުރުން ހުއްޓުމަކަށް އަންނާނެ އެވެ. އެއްވެސް ދައުވާއެއް ނުއުފުލައި އަދި އެއްވެސް ހުކުމެއް އިއްވުމަކާ ނުލައި، މިހާރު ވެސް 2700 އަށް ވުރެ ގިނަ ފަލަސްތީނު މީހުން އިޒްރޭލުގެ ޖަލުތަކުގައި ހައްޔަރުކޮށްފައި އެބަތިއްބެވެ.

ހުޅަނގު އައްސޭރިން އިޒްރޭލު ސިފައިން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ ގިނަ އަސީރުން ތިބީ، އިޒްރޭލުން ބުނާ ގޮތުގައި އިދާރީ ބަންދެއްގަ އެވެ. އިޒްރޭލުގެ ގާނޫނުތައް ބުނާ ގޮތުން ކުށެއްގެ ތުހުމަތަކާ ނުލައި ވެސް، ހަ މަސް ދުވަހުގެ މުއްދަތަށް އިދާރީ ބަންދުގައި ޖަލުގައި ހައްޔަރު ކުރެވޭނެ އެވެ. އެއަށް ފަހު، ސަލާމަތީ އިދާރާތަކުން ހުށަހަޅާ ހެކީގެ މައްޗަށް ބިނާ ކޮށް މުއްދަތު އިތުރު ކުރެވޭނެ އެވެ.

ނަމަވެސް އިދާރީ ބަންދުގައި ޖަލުގައި ހައްޔަރުކޮށްފައިވާ ފަލަސްތީނު މީހުންނާ ދެކޮޅަށް ހުރި ހެކިތަކަކީ ކޮބައިކަމެއް އެއިން އަސީރަކަށް ވެސް އަދި އަސީރެއްގެ ގާނޫނީ ވަކީލަކަށް ވެސް އިޒްރޭލު ސަރުކާރަކުން ނުއަންގަ އެވެ.