Roadha Mihaaru
ޓެންހާގަށް އިތުބާރުކޮށް މަގާމުގައި ބަހައްޓަން ނިންމައިފި

ޓެން ހާގަށް އިތުބާރުކޮށް މަގާމުގައި ބަހައްޓަން ޔުނައިޓެޑުން ނިންމައިފި

12 ޖޫން 2024

މެންޗެސްޓާ (ޖޫން 12) – މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގަށް އިތުބާރުކޮށް އޭނާ މަގާމުގައި ބަހައްޓަން އެ ކްލަބުން ނިންމައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މެންޗެސްޓާ (ޖޫން 12) – މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގަށް އިތުބާރުކޮށް އޭނާ މަގާމުގައި ބަހައްޓަން އެ ކްލަބުން ނިންމައިފި އެވެ.

ނިމިދިޔަ ސީޒަނުގެ އެފްއޭ ކަޕްގެ ޗެމްޕިއަންކަން ޔުނައިޓެޑަށް ހޯދައި ދިން ނަމަވެސް، ޕްރިމިއާ ލީގުގައި އެ ޓީމު ހޯދި ދަށް ނަތީޖާތަކުގެ ސަބަބުން، އޭނާގެ ކުރިމަގާ މެދު ވަނީ ސުވާލު އެފެދިފަ އެވެ.

އެކަމަކު ޔުނައިޓެޑްގެ ފުޓްބޯޅައިގެ ހުރިހާ އިންތިޒާމުތަކެއް ބަލަހައްޓާ އެ ކްލަބްގެ ކޯ އޯނަރު ޖިމް ރެޓްކްލިފްގެ އެންގުމަށް، ޓެންހާގްގެ ހާލަތު ދިރާސާ ކުރަން ފެށި އެވެ. ކުރީ ޓެން ހާގްގެ ނަތީޖާތަކާއި އޭނާ އަށް ކުރިމަތިވި އެހެން ކަންކަން މުރަޖާ ކުރުމުގެ މަސައްކަތް ކުރީ ރެޓްކްލިފްގެ އިނިއޯސް ގުރޫޕްގެ ސްޕޯޓްސް ޑައިރެކްޓާ ޑޭވް ބްރެއިލްސްފޯޑްގެ ބެލުމުގެދަށުންނެވެ.

އިނިއޯސް ގުރޫޕްގެ ދަށުން ހިންގާ އެހެން ކުޅިވަރު ކްލަބްތަކުގެ ހާލަތު ދިރާސާކުރީ ވެސް އޭނާގެ ބެލެމުގެ ދަށުންނެވެ. ފްރާންސްގެ ނީސް އަކީ ވެސް އިނިއޯސްއިން ހިންގާ ކްލަބެކެވެ.

އެ ގުރޫޕުން ޔުނައިޓެޑްގެ ހާލަތު ދިރާސާ ކުރަން ފެށީ އެހެން ހުރިހާ ކްލަބެއް ދިރާސާކޮށް ނިމުމުންނެވެ. ގާތްގަނޑަކަށް ދެ ހަފުތާ ވަންދެން އެކި ދާއިރާތަކުން ޓެން ހާގްގެ ސީޒަން އޭނާގެ ބެލުމުގެ ދަށުން ދިރާސާ ކުރި އެވެ.

ލީގުގެ އަށްވަނައިގައި ނިންމާލި ނަމަވެސް، އެފްއޭ ކަޕް ފައިނަލުގައި މެންޗެސްޓާ ސިޓީ ބަލިކޮށް ޔުނައިޓެޑުން ތަށި ހޯދުމަކީ، އޭނާ އަށް އިތުބާރު ކުރަން ބްރެއިލްސްފޯޑާއި އާ ޓެކްނިކަލް ޑައިރެކްޓަރު ޖޭސަން ވިލްކޮކްސް ނިންމި ސަބަބެވެ.

ސީޒަންގައި އުނދަގޫ ހާލަތްތަކެއް ޓެން ހާގަށް ކުރިމަތިވި އެވެ. ކުޅުންތެރިންނަށް ކުރިމަތިވި އަނިޔާގެ މައްސަލަ އާއި ބައެއް ކުޅުންތެރިންނަށް ކުރިމަތި ކުރި އަހްލާގީ ފިޔަވަޅުތަކުގެ ތެރޭގައި ވެސް އެފްއޭ ކަޕްގެ ޗެމްޕިއަންކަން ޓެން ހާގް އެ ކްލަބަށް ހޯދައި ދިނުމަކީ ބްރެއިލްސްފޯޑް ވިލްކޮކްސް ފާހަގަ ކުރާ ސަބަބެއް ކަމަށް ޔުނައިޓެޑްގެ އެތެރޭގެ އޮފިޝަލަކު ބުނެފައި ވެއެވެ.