Roadha Mihaaru
ޓެލެގްރާމް ޗެނަލްތައް ހިންގި 3 މީހުންނަށް ދައުވާކޮށްފި

ޖަރީމާތައް ހިންގި ޓެލެގްރާމް ގްރޫޕްތައް ހިންގުމުގައި އުޅުނު ތިން މީހުންނަށް ދައުވާކޮށްފި

12 ޖޫން 2024

ހަށިވިއްކުމާއި ޑްރަގް ވިއްކުން ފަދަ ބޮޑެތި ޖަރީމާތައް ހިންގައި އެ ކަންކަމަށް ހިތްވަރުދީ ހިންގަމުން ދިޔަ ޓެލެގްރާމް ގްރޫޕްތަކުގެ މައްސަލާގައި ތިން މީހެއްގެ މައްޗަށް ދައުވާކޮށްފި އެވެ.

ހަށިވިއްކުމާއި ޑްރަގް ވިއްކުން ފަދަ ބޮޑެތި ޖަރީމާތައް ހިންގައި އެ ކަންކަމަށް ހިތްވަރުދީ ހިންގަމުން ދިޔަ ޓެލެގްރާމް ގްރޫޕްތަކުގެ މައްސަލާގައި ތިން މީހެއްގެ މައްޗަށް ދައުވާކޮށްފި އެވެ.

މިދިޔަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން ހިންގަމުން ދިޔަ ޓެލެގްރާމް ގްރޫޕްތައް ފުލުހުންގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސް، މި ޖަރީމާތަކުގެ ތުހުމަތަށް ފުލުހުން މި އަހަރު މާޗު 6 ގައި ހައްޔަރުކުރި ދެ މީހުންނަކީ ދެމަފިރިންނެވެ.

ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ ޓެލަގްރާމް އެޕްލިކޭޝަންގައި "ޖަޒީރާ އެޑްމިން" ގެ ނަމުގައި ހަދާފައިވާ ޔޫސާ ބޭނުންކުރަމުންގެންދާ ފަރާތުން އެކި ނަންނަމުގައި ތަފާތު ޗެނަލްތައް އުފައްދައި، މަސްތުވާތަކެތި ވިއްކުމާއި، ހަށިވިއްކުމަށް ހިތްވަރުދީ، މަނާ ބޭހައި އަދި އޮރިޔާން މަންޒަރު އެކުލެވޭ ފޮޓޯ އާއި ވީޑިއޯ ޕޯސްޓް ކުރަމުންގެންދިޔަ މައްސަލާގައި ތިން މީހެއްގެ މައްޗަށް ދައުވާކުރަން މި މަހުގެ ތިން ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އޭގެތެރެއިން، އިބްރާހީމް ރަޝީދު، ދަފްތަރު ނަންބަރު ރސ 12966، ގެ މައްޗަށް މަނީލޯންޑަރިންނާއި ހަށިވިއްކުމަށް އެހީތެރިވެދިނުމާ އެކު ތަފާތު ހަތަރު ދައުވާއެއް ވަނީ ކޮށްފަ އެވެ.

ދެން ތިބި، ނިޝާނީ އަލީ، ތ. ވޭމަންޑޫ، ރެދިންގެ އާއި އައިސަރު ނަސީމް، ގދ. ރަތަފަންދޫ، ވެލީގެ، ގެ މައްޗަށް ވެސް މަނީލޯންޑަރިންނާއި މަސްތުވާތަކެތި ބޭނުންކުރަން ހިތްވަރުދިނުމާ އެކު ހަތަރު ދައުވާ އެއް ކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

މީގެއިތުރުން، ޕީޖީ އޮފީހުން ބުނި ގޮތުގައި، މި ދައުވާތަކާ ގުޅިގެން މި ތިން މީހުން ކުށްކޮށްގެން ހޯދާފައިވާ 9.5 މިލިއަނެއްހާ ރުފިޔާ ނަގައިދިނުމަށް ވަނީ ކޯޓުގައި އެދިފަ އެވެ.

މަނީލޯންޑަރިންގެ ދައުވާ މި ތިން މީހުންގެ މައްޗަށް ކޮށްފައިވަނީ، މި ފައިސާ އެކި އަދަދުތަކުން އެކި އެކައުންޓުތަކުން ދައުރުކޮށް ލޯންޑާކޮށްފައިވާތީ ކަމަށް ޕީޖީން ބުންޏެވެ.

ފުލުހުން ބުނީ ކުށުގެ އަމަލުތައް ހިންގަމުން ދިޔަ "ޖަޒީރާ" ނަމަކަށް ކިޔާ ޓެލެގްރާމް ޗެނަލްތަކަށް 7،000 އަށް ވުރެ ގިނަ މީހުން ސަބްސްކްރައިބް ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ދިވެހިންނާއި ބިދޭސީން ވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.