Roadha Mihaaru
ބަރަހަނާ ފޮޓޯ/ވީޑިއޯ ލައްކައިން، ކުޑަކުދިން ހިމެނޭ

ހައްޔަރުކުރި މީހުންގެ އަތުގައި ތިން ލައްކައަކަށް ވުރެ ގިނަ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ، ކުޑަކުދިން ވެސް ހިމެނޭ

09 ސެޕްޓެމްބަރ 2024

ބަރަހަނާ މަންޒަރު ވިއްކާ ޓެލެގްރާމްގެ ޗެނަލްތަކުގައި އަންހެނުންގެ 300،000 އަށް ވުރެ ގިނަ ފޮޓޯ އާއި ވީޑިއޯ ހުރި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ބަރަހަނާ މަންޒަރު ވިއްކާ ޓެލެގްރާމްގެ ޗެނަލްތަކުގައި އަންހެނުންގެ 300،000 އަށް ވުރެ ގިނަ ފޮޓޯ އާއި ވީޑިއޯ ހުރި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އެ ޓެލެގްރާމް ޗެނަލްތައް ހިންގައި، އެއިން މާލީ މަންފާ ހޯދި ތިން މީހުން ފުލުހުން މިހާރު ވަނީ ހައްޔަރުކޮށް، ބަންދުކޮށްފަ އެވެ. އެއީ ޒުބައިރު އަލީ، 45، އދ. މަހިބަދޫ، ބަހާރުގެ އާއި ނާސިފް އަލީ، 46، މާލެ، ދަފްތަރު ނަންބަރު ރސ14751 އަދި އިސްމާއީލް ރަބީހް، 29، ކ. ކާށިދޫ، ސިލިންކޯ އެވެ.

ފުލުހުން ބުނީ އެ ތިން މީހުން ހައްޔަރުކޮށް، މައްސަލައާ ގުޅުން ހުރި ޑިޖިޓަލް އިލެކްޓްރޯނިކް 14 އާލާތް ބަލައި ފާސްކުރި ކަމަށެވެ. އަދި އެ ތިން މީހުންގެ ނަމުގައި ހަދާފައިވާ ޓެލެގްރާމްގެ ނުވަ އެކައުންޓު ފުލުހުންގެ ބާރުގެ ދަށަށް ގެނެސް ސީޒްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އޭގެ އިތުރުން ވެސް، ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ހިމެނޭ 571 ޗެނަލް ފުލުހުންގެ ބާރުގެ ދަށަށް ގެންގޮސް ރޭގެ ވަގުތެއްގައި ސީޒްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި، އެ ޗެނަލްތަކުގައި ރާއްޖޭގެ އަންހެނުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ 241،651 ފޮޓޯ އާއި 86،618 ވީޑިއޯ ޕޯސްޓުކޮށްފައި ހުއްޓެވެ. އޭގެ ތެރޭގައި، 18 އަހަރުން ދަށުގެ ކުޑަކުދިންގެ ފޮޓޯ އާއި ވީޑިއޯ ވެސް ހިމެނެ އެވެ.

ކުޑަކުދިންގެ އޮރިޔާން ފޮޓޯ އާއި ވީޑިއޯ ޕޯސްޓުކުރުމަށް 43 ޗެނަލް ހިންގާފައިވާކަން ވެސް ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ކަމަށް ބުންޏެވެ.

ފުލުހުން ބުނީ އެ ޗެނަލްތަކަށް ވަދެ ފައިސާ ދައްކައިގެން 34،680 މީހުން ޗެނަލްތަކަށް ސަބްސްކްރައިބްކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލާގައި ތުހުމަތުކުރެވޭ މީހުން ސަބްސްކްރިޕްޝަން ފީގެ ގޮތުގައި ދެ މިލިއަނެއްހާ ރުފިޔާ އާމްދަނީއެއް ނަހަމަ ގޮތުގައި ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.