Roadha Mihaaru
އީދު ދުވަހުގެ ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާ

އީދު ދުވަހުގެ ހަވީރު މާލެ ސަރަހައްދުގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާކޮށްފި

13 ޖޫން 2024

އަންނަ އާދިއްތައިގައި ފާހަގަކުރާ މި އަހަރުގެ ބޮޑު އީދު ދުވަހުގެ ހަވީރު މާލެ ސަރަހައްދުގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އަންނަ އާދިއްތައިގައި ފާހަގަކުރާ މި އަހަރުގެ ބޮޑު އީދު ދުވަހުގެ ހަވީރު މާލެ ސަރަހައްދުގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ އީދު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ހިމެނޭ އާންމު ހުރިހާ މަގުތަކަކީ ވެހިކަލް ނުދުއްވާ ސަރަހައްދުތަކެއްގެ ގޮތުގައި ހަމަޖެއްސުމަށް މިއަދު ބޭއްވި އެ ކައުންސިލްގެ ރަސްމީ އާންމު ޖަލްސާގައި ނިންމާފައިވާ ކަމަށެވެ.

އެ ގަޑީގައި އިމަޖެންސީ ހާލަތުގައި ދަތުރުކުރާ ވެހިކަލްތަކަށް ދޫކުރާ ހާއްސަ ސްޓިކާ ސިޓީ ކައުންސިލްގެ އާންމު ހިދުމަތާ ބެހޭ ބައިން (ތައިސޭކޮށި، މާލެ) އިން ދޫކުރާނެ ކަމަށް އެ އިއުލާނުގައި ބުންޏެވެ.

ސްޓިކާ ދޫކުރަން ހަމަޖެހިފައިވާ ގަޑިތަކަކީ:

- މާދަމާ (މެންދުރު ފަހު 2:00 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 9:00 އިން 11:00 އަށް)

- ހޮނިހިރު ދުވަހު (ހެނދުނު 10:00 އިން މެންދުރު ފަހު 2:00 އަދި ރޭގަނޑު 9:00 އިން 11:00 އަށް)

"... މާލެ، ހުޅުމާލެ އަދި ވިލިމާލޭ މަގުތަކުގައި މަތީގައި ދެންނެވިފައިވާ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް، އިންޖީނުލީ އަދި ބެޓެރި އުޅަނދު ދުއްވުމަކީ މަނާކަމެއް ކަމުގައި އާންމުކޮށް އަންގާ އިއުލާންކުރީމެވެ. އަދި މި އެންގުމާ ހިލާފުވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ވާހަކަ ދެންނެވީމެވެ،" އެ އިއުލާނުގައިވެ އެވެ.

ކޮންމެ އީދަކާ ދިމާކޮށް ވެސް މާލޭ ސިޓީ ކައުންސިލުން އީދު ދުވަހުގެ ވަކި ވަގުތަކަށް މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާކުރެ އެވެ. އެއީ އީދު ދުވަހު އާންމުން ބޭރަށް ނުކުމެލައި ފައިމަގުގައި ފަސޭހައިން އުޅެވޭނެ ގޮތް ފަހިކޮށްދިނުމަށެވެ.