Roadha Mihaaru
ވަޅު އީދު ދުވަހުގެ ހަވީރު މިހާރު ވެހިކަލް ދުއްވޭނެ

ވަޅު އީދު ދުވަހުގެ ހަވީރު މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި މިހާރު ވެހިކަލް ދުއްވޭނެ

03 ޖޫން 2019

މި އަހަރުގެ ފިތުރު އީދު ދުވަހުގެ އިތުރުން ވަޅު އީދު ދުވަހުގެ ހަވީރު ވެސް މާލެ އާއި ވިލިމާލޭގައި ވެހިކަލް ނުދުއްވޭ ގޮތަށް ކުރިން ނިންމި ނަމަވެސް މިހާރު އެ ނިންމުން ބަދަލުކޮށް، ވެހިކަލް ދުއްވުން މަނާވާނީ އީދު ދުވަހު އެކަނި ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

މި އަހަރުގެ ފިތުރު އީދު ދުވަހުގެ އިތުރުން ވަޅު އީދު ދުވަހުގެ ހަވީރު ވެސް މާލެ އާއި ވިލިމާލޭގައި ވެހިކަލް ނުދުއްވޭ ގޮތަށް ކުރިން ނިންމި ނަމަވެސް މިހާރު އެ ނިންމުން ބަދަލުކޮށް، ވެހިކަލް ދުއްވުން މަނާވާނީ އީދު ދުވަހު އެކަނި ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

އެ ކައުންސިލުން ކުރިން ނިންމާފައިވާ ގޮތުން ނަމަ އީދު ދުވަހުގެ އިތުރުން ވަޅު އީދު ދުވަހުގެ ހަވީރު 4-6 އަށް ވެސް ވެހިކަލް ނުދުއްވޭނެ އެވެ. އެކަމަކު، ވެހިކަލް ނުދުއްވޭނެ ހަމައެކަނި ދުވަހަކީ އީދު ދުވަހުގެ ހަވީރު ކަމަށް ޓްރާންސްޕޯޓު އޮތޯރިޓީން އިއްޔެ ކަނޑައެޅުމާ ގުޅިގެން ސިޓީ ކައުންސިލުން ވަނީ އެ އަށް ތަބާވެފަ އެވެ.

އެޗްޑީސީން މިއަދު ކުރި ޓްވީޓެއް

މާލޭގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފު މިއަދު ވިދާޅުވީ، މާލޭ ސިޓީ ކައުންސިލްގެ ނިންމުން ބަދަލުކުރީ ޓްރާންސްޕޯޓު އޮތޯރިޓީގެ ނިންމުމާ އެއްގޮތް ކުރުމަށް ކަމަށެވެ.

އެހެން ކަމުން މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި އީދު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް އުޅެންޖެހޭނީ ފައިމަގުގަ އެވެ. އެ ވަގުތު އިންޖީނުލީ އުޅނަދުތަކަށް ދުއްވުން މަނާ އިރު ޒަރޫރީ ހިދުމަތް ފޯރުކޮށްދޭ އުޅަނދުތަކާއި ޕަބްލިކް ޓްރާންސްޕޯޓް ފޯރުކޮށްދޭ އުޅަނދުތައް އަދި ސިޓީ ކައުންސިލުން ހުއްދަ ހޯދާފައިވާ އުޅަނދުތަކަށް އެ ސަރަހައްދުތަކުގައި ދުއްވޭނެ އެވެ.

ޓްރާންސްޕޯޓު އޮތޯރިޓީން ބުނި ގޮތުގައި ސިޓީ ކައުންސިލުން ހާއްސަ ހުއްދަ ނަގާ އުޅަނދުތައް ދުއްވަން ވާނީ އާންމުންނަށް ފެންނަ ގޮތަށް އެ އުޅަނދުގައި ހުއްދަ ހަރުކޮށްގެނެވެ.

ކަލަންޑަރުގައި ވާ ގޮތުން އީދު ދުވަހަކީ މާދަމާ އެވެ.

ޓްރާންސްޕޯޓު އޮތޯރިޓީގެ އެންގުމާ ޚިލާފަށް އީދު ދުވަހުގެ ހަވީރު މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ވެހިކަލް ދުއްވާ މީހުން 750ރ. އިން ޖޫރިމަނާ ކުރާނެ ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.

އީދު ދުވަހު މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ މަގުތަކުގައި ކުރިއަށް ގެންދާ ކުޅިވަރުތަކުގައި އާންމުންނަށް ފަސޭހަކަމާއި އެކު ބައިވެރިވުމުގެ ފުރުސަތު ފަހި ކުރުމަށް ފައިމަގުގައި އުޅޭ ގޮތަށް ހަމަޖެއްސި އިރު، ތަފާތު މުނާސަބާތަކާ ގުޅިގެން ވެހިކަލް ނުދުއްވޭ ގޮތަށް މީގެ ކުރިން ވެސް ހަދާފައި ވެ އެވެ. އެއީ ވެހިލަތްކުގެ އެއްވެސް އުނދަގުލެއް ނެތި މާލޭގައި ހިނގައިބިނގާވެ އުޅުމުގެ ފުރުސަތު މީހުންނަށް ދިނުމެވެ.