Roadha Mihaaru
ބައިނަލްއަގުވާމީ ކޯޓުން ދެކުނު އެފްރިކާ ވަކިވެވޭ ގޮތެއް ނުވި

ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ދެކުނު އެފްރިކާ ވަކިވެވޭ ގޮތެއް ނުވި

22 ފެބުރުއަރީ 2017

ޕްރިޓޯރިއާ (ފެބްރުއަރީ 22) - ބައިނަލްއަގްވާމީ ޖިނާއީ ކޯޓު (އައިސީސީ) ގެ މެމްބަރުކަމުން ވަކިވާން ދެކުނު އެފްރިކާ އިން ނިންމި ނަމަވެސް އެކަން ގޮތަށް ނުކުރެވޭނެ ކަމަށް އެ ގައުމުގެ ހައި ކޯޓުން ނިންމައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޕްރިޓޯރިއާ (ފެބްރުއަރީ 22) - ބައިނަލްއަގްވާމީ ޖިނާއީ ކޯޓު (އައިސީސީ) ގެ މެމްބަރުކަމުން ވަކިވާން ދެކުނު އެފްރިކާ އިން ނިންމި ނަމަވެސް އެކަން ގޮތަށް ނުކުރެވޭނެ ކަމަށް އެ ގައުމުގެ ހައި ކޯޓުން ނިންމައިފި އެވެ.

ގައުމުގެ މިނިވަން ކަމަށް އަރައިގަންނަ ކަމަށް ބުނެ ދެކުނު އެފްރިކާ އިން އައިސީސީން ވަކިވާކަން އދ. އަށް އެންގީ އޮކްޓޯބަރު މަހު އެވެ. އެކަމަކު އިދިކޮޅު ޑިމޮކްރެޓިކް އެލަޔަންސް (ޑީއޭ) އިން ވަނީ ސަރުކާރަށް އެގޮތަށް އެކަން ނުކުރެވޭނެ ކަމަށާއި އޭގެ ކުރިން ޕާލަމެންޓުގެ ރުހުން ހޯދަން ޖެހޭނެ ކަމަށް ބުނެ އެ ޕާޓީން ވަނީ ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ. ކޯޓުން ވަނީ ސަރުކާރުގެ ނިންމުން ބާތިލް ކުރުމަށް އަންގައިފަ އެވެ.

ހައި ކޯޓުގެ ނިންމުމަށް ޑީއޭ އިން ވަނީ މަރުހަބާ ކިޔައިފަ އެވެ. އެ ޕާޓީގެ ވަކީލް ޖޭމްސް ސެލްފީ އޭއެފްޕީ އަށް ވިދާޅުވީ ދެކުނު އެފްރިކާ އައިސީސީން ވަކިވުމަކީ ގާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމަށެވެ.

އައިސީސީން ވަކިވުމަށް ދެކުނު އެފްރިކާ އިން ނިންމީ ސޫދާނުގެ ރައީސް އުމަރު ބަޝީރު އެފްރިކަން ޔޫނިއަންގެ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމަށް 2015 ވަނަ އަހަރު ކުރެއްވި ދަތުރުގައި އުފެދުނު މައްސަލައަކާ ގުޅިގެންނެވެ. ބަޝީރު ހައްޔަރު ކުރަން އައިސީސީން އަމުރު ނެރެފައިވީ ނަމަވެސް ދެކުނު އެފްރިކާ އިން ވަނީ ބަޝީރު ހައްޔަރު ކުރަން ދެކޮޅު ހަދައިފަ އެވެ.

ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ދެކޮޅު ޖަރީމާތައް ބެލުމަށް ނެދަލެންޑްސްގެ ދަ ހޭގްގައި ގާއިމްކޮށްފައިވާ އައިސީސީގެ މެމްބަރުކަމުން ވަކިވާނެކަން އެފްރިކާގެ ގައުމުތައް ކަމަށްވާ ގެމްބިއާ އާއި ބުރުންޑީން ވެސް އިއުލާންކޮށްފަ އެވެ.

ހަނގުރާމައިގެ ކުށްތައް ބެލުމަށް 2002 ގައި އުފެއްދި އައިސީސީގެ މެމްބަރުންގެ ގޮތުގައި 132 ގައުމެއް އޮތް އިރު ދުނިޔޭގެ އެންމެ ބާރު ގަދަ ގައުމު ކަމަށްވާ އެމެރިކާ އަކީ އެ ކޯޓުގެ މެމްބަރެއް ނޫނެވެ. އެ ކޯޓު އުފެދުނު ފަހުން ގިނަ އިން ބަލާފައި ހުރީ އެފްރިކާ ގައުމުތަކުގެ ލީޑަރުންނާއި ވެރިންގެ މައްސަލަތަކެވެ.