Roadha Mihaaru
އައިސީސީން ވަކިވާ ތިން ވަނަ ގައުމަކަށް ގެމްބިއާ

ޖިނާއީ ކޯޓުގެ މެމްބަރުކަމުން ވަކިވާ ތިން ވަނަ ގައުމަކަށް ގެމްބިއާ

26 އޮކްޓޯބަރ 2016

ބަންޖުލް (އޮކްޓޫބަރު 25)- ބައިނަލްއަގްވާމީ ޖިނާއީ ކޯޓު (އައިސީސީ) ގެ މެމްބަރުކަމުން ވަކިވާން އެފްރިކާގެ ދެ ގައުމަކުން ނިންމާފައި ވަނިކޮށް އެފްރިކާގެ ގައުމެއް ކަމަށް ގެމްބިއާ އިން ވެސް އެ ގޮތަށް ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ބަންޖުލް (އޮކްޓޫބަރު 25)- ބައިނަލްއަގްވާމީ ޖިނާއީ ކޯޓު (އައިސީސީ) ގެ މެމްބަރުކަމުން ވަކިވާން އެފްރިކާގެ ދެ ގައުމަކުން ނިންމާފައި ވަނިކޮށް އެފްރިކާގެ ގައުމެއް ކަމަށް ގެމްބިއާ އިން ވެސް އެ ގޮތަށް ނިންމައިފި އެވެ.

ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ދެކޮޅު ޖަރީމާތައް ބެލުމަށް ނެދަލެންޑްސްގެ ދަ ހޭގްގައި ގާއިމްކޮށްފައިވާ އައިސީސީގެ މެމްބަރުކަމުން ވަކިވާނެ ކަން ގެމްބިއާ އިއުލާން ކުރުމުގެ ކުރިން ދެކުނު އެފްރިކާ އާއި އެފްރިކާ ގައުމެއް ކަމަށްވާ ބުރުންޑީން ވެސް އޮތީ އެ ގޮތަށް ނިންމައިފަ އެވެ. އަދި ކެންޔާ އާއި ނެމީބިއާ އިން ވެސް ވަނީ އައިސީސީން ވަކިވުމާ މެދު ވިސްނަމުންދާ ކަމަށް ބުނެފަ އެވެ.

އައިސީސީގެ މެމްބަރުކަމުން ވަކިވާނެ ކަން އިއުލާން ކުރަމުން ގެމްބިއާގެ އިންފޮމޭޝަން މިނިސްޓަރު ޝެރިފް ބޯޖަންގް ވިދާޅުވީ އައިސީސީ އަކީ އެފްރިކާގެ ލީޑަރުންނަށް އަމާޒުކޮށްގެން، އެ މީހުންގެ ކުލަ އަށް ބަލައިގެން ޝަރީއަތް ހިންގަމުންދާ ކޯޓެއް ކަމަށެވެ.

ހުޅަނގުގެ އެކި ގައުމުތަކުން ހަނގުރާމައިގެ އެތައް ޖަރީމާއެއް ހިންގަމުން ދާ އިރު އެއިން އެއްވެސް މައްސަލައެއް އައިސީސީން ނުބަލާ ކަމަށާއި އައިސީސީން އަބަދުވެސް ބަލަނީ އެފްރިކާގެ ގައުމުތަކުގެ ލީޑަރުންގެ މައްސަލަތައް ކަމަށް ބޯޖަންގް ވިދާޅުވި އެވެ.

"އައިސީސީ އުފެދިގެން މިއަދާ ހަމަ އަށް އައިއިރު ވެސް ހުޅަނގުގެ ގައުމެއްގެ އެއްވެސް މައްސަލައެއް ބަލާފައެއް ނެތް،" ބޯޖަންގް ވިދާޅުވި އެވެ.

އައިސީސީގެ މެމްބަރުކަމުން ގެމްބިއާ ވަކިވާން ނިންމި އިރު އައިސީސީގެ ޗީފް ޕްރޮސެކިއުޓަރަކީ ގެމްބިއާ އަށް ނިސްބަތްވާ އެ ގައުމުގެ ކުރީގެ ޖަސްޓިސް މިނިސްޓަރެވެ.

ހަނގުރާމައިގެ ކުށްތައް ބެލުމަށް 2002 ގައި އުފެއްދި އައިސީސީގެ މެމްބަރުންގެ ގޮތުގައި 132 ގައުމެއް މި ވަގުތު އޮތް އިރު ދުނިޔޭގެ އެންމެ ބާރު ގަދަ ގައުމު ކަމަށްވާ އެމެރިކާ އަކީ މިއަދާ ހަމަ އަށް ވެސް އެ ކޯޓުގެ މެމްބަރެއް ނޫނެވެ. އެ ކޯޓު އުފެދުނު ފަހުން މިއަދާ ހަމައަށް ވެސް ގިނަ އިން ބަލާފައި ހުރީ އެފްރިކާ ގައުމުތަކުގެ ލީޑަރުންނާއި ވެރިންގެ މައްސަލަތަކެވެ. އެ ކޯޓުގެ މެމްބަރުކަމުން ވަކިވާން ދެކުނު އެފްރިކާ އާއި ބުރުންޑީން ވެސް ނިންމީ އެފްރިކާގެ ލީޑަރުންނަށް އަމާޒުކޮށްގެން އައިސީސީން މައްސަލަ ބަލަމުންދާ ކަމަށް ބުނެ އެވެ.

އައިސީސީގެ ނިންމުންތަކަށް އެފްރިކާގެ ގައުމުތަކުން އަމަލު ނުކުރާ މައްސަލަ ވެސް ވަރަށް ބޮޑެވެ. ދާދި ފަހުން ސޫދާނުގެ ރައީސް އުމަރުލް ބަޝީރު ހައްޔަރު ކުރަން އައިސީސީން އަމުރު ނެރުނަސް ދެކުނު އެފްރިކާ އިން އެ އަށް އަމަލު ކޮށްފައެއް ނުވެ އެވެ.