Roadha Mihaaru
ރޭގެ މާރާމާރީއަށް ފަހު މިއަދު ވެސް މާރާމާރީތަކެއް

ރޭގެ މާރާމާރީއަށް ފަހު މިއަދު ވެސް މާރާމާރީތަކެއް ހިންގައިފި

16 ޖޫން 2024

ދަރުބާރުގޭ ކައިރީގައި ރޭ ހިންގި މާރާމާރީއަށް ފަހު މިއަދު ވެސް މާލެ އާއި ހުޅުމާލޭގައި މާރާމާރީތަކެއް ހިންގައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ދަރުބާރުގޭ ކައިރީގައި ރޭ ހިންގި މާރާމާރީއަށް ފަހު މިއަދު ވެސް މާލެ އާއި ހުޅުމާލޭގައި މާރާމާރީތަކެއް ހިންގައިފި އެވެ.

ފުލުހުން ބުނީ ފަތިހު 4:00 ހާއިރު ހުޅުމާލޭ ފިލިގަސް މަގުގައި މާރާމާރީއެއް ހިންގައިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ މައުލޫމާތު ލިބިގެން އެތަނަށް ފުލުހުން ދިއުމުން މާރާމާރީ ހިންގި މީހާ، އެ ހިސާބުގައި އޮތް ކާރަކަށް އަރައިގެން ފިލަން މަސައްކަތްކުރި ކަމަށާއި ފުލުހުން އެ ކާރު ހުއްޓުވަން މަސައްކަތްކުރުމުން ފުލުހެއްގެ ގައިގައި ޖައްސާފައި ކާރު ފިލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރެއިން އެކަކު ވަނީ ހޯދައި ހައްޔަރުކޮށްފަ އެވެ. އަނެއް މީހާ ހޯދުމުގެ މަސައްކަތް އަދިވެސް އަންނަނީ ކުރަމުންނެވެ.

ފުލުހުން ބުނީ އެ މާރާމާރީގައި އަނިޔާވި މީހާ އާއި ފުލުސް މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

މިއަދު މެންދުރު 12:45 ހާއިރު މާލޭގެ ޝަހީދު އަލީ މިސްކިތް ސަރަހައްދުގައި ވެސް ވަނީ މާރާމާރީއެއް ހިންގައިފަ އެވެ. ފުލުހުން ބުނީ އެ މާރާމާރީގައި ދެ މީހަކު ޒަހަމްވެގެން އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ކަމަށެވެ.

ރޭ ދަރުބާރުގޭ ސަރަަހައްދުގައި ވެސް މާރާމާރީއެއް ހިންގި އެވެ. އެ މައްސަލާގައި މިހާތަނަށް ހަތަރު މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެކަމަކު، އެ މާރާމާރީ އާއި މިިފަހުން ހިނގާދިޔަ ދެ މާރާމާރީއާ އެއްވެސް ގުޅުމެއް އޮތް ކަމެއް އަދި ނޭނގެ އެވެ.