Roadha Mihaaru
ސްވިމިން؛ އޮލިމްޕިކްސް ޖާގަ  އުލްޔާ  އާއި އާން އަށް

ވޯލްޑް އެކުއަޓިކްސްގެ މިންގަނޑުން ރާއްޖޭގެ އޮލިމްޕިކްސް ޖާގަ އުލްޔާ އާއި އާން އަށް

22 ޖޫން 2024

ފްރާންސްގެ ޕެރިހުގައި އަންނަ މަހު ފަށާ، އޮލިމްޕިކްސް ގޭމްސްގައި ރާއްޖެ ތަމްސީލުކުރާނެ ފެތުންތެރިންގެ ގޮތުގައި މުހައްމަދު އާން ހުސައިން އަދި އާއިޝަތު އުލްޔާ ޝާއިގް ހޮވިއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ފްރާންސްގެ ޕެރިހުގައި އަންނަ މަހު ފަށާ، އޮލިމްޕިކްސް ގޭމްސްގައި ރާއްޖެ ތަމްސީލުކުރާނެ ފެތުންތެރިންގެ ގޮތުގައި މުހައްމަދު އާން ހުސައިން އަދި އާއިޝަތު އުލްޔާ ޝާއިގް ހޮވިއްޖެ އެވެ.

މި ދެ އެތުލީޓުން އޮލިމްޕިކްސް އަށް ހޮވުނީ، ދުނިޔޭގެ ފެތުމުގެ ކުޅިވަރު ފެޑެރޭޝަން، ވޯލްޑް އެކުއަޓިކްސްގެ މިންގަނޑުންނެވެ.

ސްވިމިންއިން، އޮލިމްޕިކް އަށް އެތުލީތުން ކޮލިފައިނުވާ ގައުމުތަކަށް ފުރުސަތު ދެނީ ޔުނިވަރސިލިޓީ ޕްލޭސަސްގެ ދަށުންނެވެ.

އެ ފުރުސަތުގައި ޖާގަ ލިބޭ ގައުމުތަކުން، އޮލިމްޕިކްސްގައި ވާދަކުރާނެ އެތުލީޓުން ކަނޑައެޅުމުގެ ބާރެއް، ގައުމީ ފެތުންތެރިންގެ އިދާރާއަކަށް ނޯންނާ އެވެ.

ޓޯކިޔޯގައި ބޭއްވި 2020 ގެ އޮލިމްޕިކްސްއިން ފެށިގެން، އެ ޖާގަ އަށް އެތުލީޓުން ހޮވަނީ ވޯލްޑް އެކުއަޓިކްސްއިން ގަބޫލުކުރާ މުބާރާތްތަކުގައި ވާދަކޮށެގެން އެންމެ މަތިން ޕޮއިންޓް ހޯދުމުންނެވެ.

ވޯލްޑް އެކުއަޓިކްސް މުބާރާތްތަކުގައި ވާދަކޮށް، އެންމެ ގިނައިން ޕޮއިންޓް ހޯދި ރާއްޖޭގެ ދެ ފެތުންތެރިންނަކީ އާން އާއި އުލްޔާ އެވެ.

މި ދެ އެތުލީޓުންނަށް، ޖާގަ ކަށަވަރުވުމާ އެކު، މި އަހަރުގެ އޮލިމްޕިކްސްގައި ރާއްޖޭން ވާދަކުރާ އެތުލީޓުންގެ ލިސްޓް މި ވަނީ ފައިނަލް ވެފަ އެވެ.

މި އަހަރުގެ އޮލިމްޕިކްސްގައި ވާދަކުރާ ރާއްޖޭގެ އެތުލީޓުން

- ފާތިމަތު ދީމާ އަލީ (ޓޭބަލް ޓެނިސް)

- އާމިނަތު ނަބާހާ އަބްދުރައްޒާގު (ބެޓްމިންޓަން)

- އާއިޝަތު އުލްޔާ ޝާއިގް (ސްވިމިން)

- މުހައްމަދު އާން ހުސަން (ސްވިމިން)

- އިބާދުﷲ އާދަމް (އެތުލެޓިކްސް)

އޮލިމްޕިކްސްއިން ޓީޓީގެ ތަރި ދީމާ ޖާގަ ހޯދީ ގޭމްސް އަށް ކޮލިފައިވެގެންނެވެ. އޭނާ އަކީ އޮލިމްޕިކްސް އަށް ކޮލިފައިވި ރާއްޖޭގެ ފުރަތަމަ އެތުލީޓެވެ.

ޓީޓީން އޮލިމްޕިކްސްގައި ދެކުނު އޭޝިއާ އަށް ދޭ ދެ ޖާގަ އަށް އެތުލީޓުން ހޮވުމަށް، ނޭޕާލްގައި ބޭއްވި ކޮލިފައިން މުބާރާތް ދީމާ ކާމިޔާބު ކުރީ ފައިނަލުގައި ސްރީ ލަންކާގެ ބަންޑަރާ ބަލި ކުރުމަށްފަހު އެވެ.

މި އަހަރުގެ އޮލިމްޕިކްސްގައި ރާއްޖޭގެ ޗެފް ޑި މިޝަނަރަކީ ޓީޓީއޭއެމްގެ ރައީސް އަލީ ރަޝީދެވެ.