Roadha Mihaaru
ގައުމުގެ ދިދަ ހަރުނުކުރަނީސް ރެފްރީ މެޗު ނުފެށި

ޔޫރޯގެ ހަނދާނެއް؛ އަމިއްލަ ގައުމުގެ ދިދަ ހަރު ނުކުރަނީސް ރެފްރީ މެޗު ނުފެށި

27 ޖޫން 2024

ޔޫރޯ 1976 ގެ ކޮލިފައިންގެ އެންމެ ފަހު މަރުހަލާގައި، ޔޫގޮސްލޭވިއާ އާއި ވޭލްސް ކުޅުނު ދެވަނަ ލެގު މެޗުގެ ރެފްރީ އަކަށް ޔޫއެފާއިން ހަމަޖެއްސީ އިރުމަތީ ޖަރުމަނުގެ ރެފްރީ ރޫޑީ ގްލޮކްނާ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ޔޫރޯ 1976 ގެ ކޮލިފައިންގެ އެންމެ ފަހު މަރުހަލާގައި، ޔޫގޮސްލޭވިއާ އާއި ވޭލްސް ކުޅުނު ދެވަނަ ލެގު މެޗުގެ ރެފްރީ އަކަށް ޔޫއެފާއިން ހަމަޖެއްސީ އިރުމަތީ ޖަރުމަނުގެ ރެފްރީ ރޫޑީ ގްލޮކްނާ އެވެ.

ވޭލްސްގެ ކާޑިފްގައި ކުޅުނު މެޗުގައި، ދަނޑުގައި ހުރި ދިދަދަނޑިތަކުގައި ނަގާފައި ހުރީ މެޗު ކުޅޭ ދެ ގައުމު، ޔޫގޮސްލޭވިއާ އާއި ވޭލްސްގެ ދިދަ އެވެ. އެ ގޮތް އޭނާ އަށް ކަމަކު ނުދިޔަ އެވެ. އޭނާގެ އަމިއްލަ ގައުމު، އިރުމަތީ ޖަރުމަނުގެ ދިދަ ދަނޑުގައި ހަރުކޮށްފައި ނެތް މައްސަލަ، ގްލޮކްނާ ނެގި އެވެ. އެންމެ ފަހުން އޭނާ ބުނީ އިރުމަތީ ޖަރުމަނުގެ ދިދަ ދަނޑުގައި ހަރު ނުކުރަނީސް މެޗު ނުފަށާނެ ކަމަށެވެ. ގޮތް ދޫކުރަން އޭނާ ބޭނުމެއް ނުވި އެވެ.

މައްސަލަ ކޮޅެއްގައި ނުޖެހުމުން އެންމެ ފަހުން މަޖުބޫރު ވީ އިރުމަތީ ޖަރުމަނުގެ ދިދަ ވެސް ދަނޑުގައި ހަރު ކުރުމަށެވެ. އޭނާ ރުއްސައިގެން ފެށި މެޗު ވެސް ސުލްހަވެރި ކަމާ އެކު ނިންމައެއް ނުލެވުނެވެ. މެޗުގައި އޭނާގެ ނިންމުންތަކާ މެދު ހިތްހަމައެއް ނުޖެހުނީ އަމިއްލަ ގައުމުގައި ކުޅުނު ވޭލްސްގެ ޓީމެވެ. ކާޑިފްގެ ނީނިއަން ޕާކުގައި ކުޅުނު މެޗުގައި އޭނާގެ ނިންމުންތަކާ މެދު ވޭލްސްގެ ކުޅުންތެރިން ހިތްހަމައެއް ނުޖެހުނެވެ. ވޭލްސްއިން ބައިސްކަލް ކިކަކުން ޖެހި ލަނޑު ވެސް އޭނާ ނިންމީ ފައުލެއް ކަމަށެވެ. ދަނޑުގެ ބޭރުގައި ޖަހާފައިވާ ފެންސް ފަޅާލައި ވޭލްސްގެ ސަޕޯޓަރުން ދަނޑަށް އަރައި ގްލޮކްނާ އަށް ހަމަލާ ދިނެވެ. އޭނާ ދަނޑުން ފޭބީ 16 ފުލުހުންގެ އޭނާގެ ހިމާޔަތުގައި ތިބެގެންނެވެ.

ގްލޮކްނާ އަކީ އެ ދުވަސްވަރު ދުނިޔޭގެ އެންމެ މޮޅު ރެފްރީ އެވެ. އޭނާ ވަނީ 1970 ވޯލްޑް ކަޕްގެ ފައިނަލް މެޗުގައި ވެސް ރެފްރީކަން ކޮށްފަ އެވެ. އުމުރުން 69 އަހަރުގައި އޭނާ މަރުވީ 1999 ގަ އެވެ.