Roadha Mihaaru
ފްރާންސްގެ ހާ ކަތިލުމަށް ފަހު ސްޕެއިން ފައިނަލަށް

ފްރާންސްގެ ހާލަށް ފެންދީ ކަތިލުމަށް ފަހު ސްޕެއިން ފައިނަލަށް

10 ޖުލައި 2024

މިޔުނިކް (ޖުލައި 10) - ފްރާންސްގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ޔޫރޯގެ ފައިނަލަށް ސްޕެއިން ދަތުރު ކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މިޔުނިކް (ޖުލައި 10) - ފްރާންސްގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ޔޫރޯގެ ފައިނަލަށް ސްޕެއިން ދަތުރު ކޮށްފި އެވެ.

މެޗު ފެށިގެން، ސްޕެއިނަށް ގޭމްގެ ތެރެއަށް ނުވަދެވި އުޅެނިކޮށް ފްރާންސުން ލީޑް ނެގި އެވެ. މެޗުގެ އަށްވަނަ މިނެޓްގައި ކޯލޯ މުއާނީ ޖެހި ލަނޑަކީ، މިފަހަރުގެ މުބާރާތުގައި އޯޕަން ޕްލޭއިން ފްރާންސުން ޖެހި ހަމައެކަނި ލަނޑެވެ.

ސްޕެއިންގެ އޭރިއާގެ ތެރެއިން ކެޕްޓަން ކިލިޔަން އެމްބާޕޭ މަތިން ނަގައިދިން ބޯޅަ މުއާނީ ބޮލުން ޖަހައި ވައްދާލި އެވެ.

މެޗުގައި، ސްޕެއިންގެ ޒުވާން ފޯވާޑް ލަމީން ޔަމާލް ވަނީ ރެކޯޑެއް ހަދައިފަ އެވެ. ސްޕެއިނަށް ނަތީޖާ ހަމަހަމަކޮށް ދޭން އޭނާ ޖެހި ލަނޑާ އެކު އުމުރުން 16 އަހަރުގެ ލަމީން ޔަމާލް ވަނީ ޔޫރޯގެ ތާރީހްގައި ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް ހަދައިފަ އެވެ.

ކެޕްޓަން އަލްވާރޯ މޮރާޓާ ދިން ބޯޅަ އޭރިއާގެ ބޭރުން ފްރާންސްގެ ޑިފެންޑަރު ކައިރިން ނައްޓާލުމަށް ފަހު ޔަމާލް ވަނީ ގޯލްގެ މަތީ ކަނަށް އަމާޒުކޮށް ބޯޅަ ފޮނުވާލައިފަ އެވެ. އެ ބޯޅަ ގޯލަށް ވަނީ ދަނޑީގައި ޖެހިފަ އެވެ. ފްރާންސްގެ ކީޕަރަށް އެބޯޅަ ދިފާއު ކުރަން ކުރެވޭނެ އެއްކަމެއް ވެސް ނެތެވެ.

ނަތީޖާ ހަމަހަމަ ކުރުމަށް ފަހު ލީޑް ނަގާކަށް ސްޕެއިން މާ ގިނަ ވަގުތެއް ހޭދަ ނުކުރެ އެވެ. އޭގެ ހަތަރު މިނެޓް ފަހުން ޑެނީ އޮލްމޯ ވަނީ ލީޑް ނަގައި ދީފަ އެވެ. ސްޕެއިންގެ އޭރިއާ ތެރެއިން އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ޑިފެންޑަރު ޖޫލްސް ކޫންޑޭގެ ފައިގައި ޖެހިފަ އެވެ.

ދެވަނަ ހާފުގައި ފްރާންސުން ހަމަލާތައް ވަރުގަދަ ކުރި އެވެ. އެ ޓީމުގެ ތިއޯ ހެނާންޑޭޒަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ.

ސްޕޭނަށް ނަތީޖާ ހަމަހަމަކޮށް ދޭން ލަނޑު ޖެހި ފަދަ ގޮތަކަށް ހަމަ އޭރިއާގެ ބޭރުން ޔަމާލް ބާރު ބޯޅައެއް ދެވަނަ ހާގުގައި ފޮނުވާލި އެވެ. އެކަމަކު އެ ބޯޅަ ދިޔައީ ގޯލްގެ ކަނާ ދިމާލުން ހުރަސް ދަނޑިމަތިން ބޭރަށެވެ.

ދެވަނަ ހާފުގައި ފްރާންސަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު ލިބުނީ އެމްބާޕޭ އަށެވެ. ސްޕެއިންގެ ޑިފެންޑަރު ކައިރިން ނައްޓައި އޭރިއާ ތެރެއަށް ވަދެ އޭނާ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

އަންނަ އާދިއްތަ ދުވަހުގެ ރޭ ކުޅޭ ފައިނަލް މެޗުގައި ސްޕެއިން ނުކުންނާނީ އިންގްލެންޑް ނުވަތަ ނެދަލެންޑްސްގެ ތެރެއިން ޓީމަކާ ދެކޮޅަށެވެ. ސެމީ ފައިނަލްގެ ދެވަނަ މެޗުގައި މާދަމާ ރޭ ނުކުންނާނެ އެވެ.