Roadha Mihaaru
ބަކާގެ ހަނދާނުގައި ތައުޒިޔާގެ ދަފުތަރެއް ހުޅުވައިފި

ބަކާގެ ހަނދާނުގައި ސްޕޯޓްސް މިނިސްޓްރީން ތައުޒިޔާގެ ދަފުތަރެއް ހުޅުވައިފި

27 ޖޫން 2024

މިދިޔަ އަންގާރަ ދުވަހު ނިޔާވި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ގެ ހަނދާނުގައި ތައުޒިޔާގެ ދަފުތަރެއް ސްޕޯޓްސް މިނިސްޓްރީން ހުޅުވައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މިދިޔަ އަންގާރަ ދުވަހު ނިޔާވި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ގެ ހަނދާނުގައި ތައުޒިޔާގެ ދަފުތަރެއް ސްޕޯޓްސް މިނިސްޓްރީން ހުޅުވައިފި އެވެ.

ތައުޒިޔާގެ ދަފުތަރުގައި ހުޅުވުމުގެ ރަސްމިއްޔާތުގައި، އެންމެ ފުރަތަމަ ސޮއި ކުރެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި، އޮލިމްޕިކް ކޮމިޓީގެ ވެރިންނާއި އެފްއޭއެމްގެ ވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ. އަދި ބަކާ އެކު މަސައްކަތް ކުރި ކޯޗުންނާއި އޭނާ އާ އެކު ކުޅުނު ކުޅުންތެރިން ވެސް ވަނީ އެ ފޮތުގައި މެސެޖެއް ލިޔެ ސޮއި ކޮށްފަ އެވެ.

ސްޕޯޓްސް މިނިސްޓްރީން ބުނީ، ދަފުތަރުގައި ސޮއި ކުރުމުގެ އިންތިޒާމު، މިހާރު ކުރިއަށްދާ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ނިމެންދެން ގަލޮޅު ދަނޑުގައި ހަމަޖެހިފައިވާނެ އެވެ. އެ މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ އާދިއްތަދ ދުވަހުގެ ރޭގަ އެވެ.

ބަކާ އާ އެކު ގައުމީ ޓީމަށާއި ކްލަބްތަކަށް ވެސް އެކުގައި ކުޅުނު އަކުރަމް އަބްދުލް ގަނީ ތައުޒިޔާގެ ދަފުތަރުގައި ސޮއި ކުރަނީ --- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

ބަކާ އާ އެކު ގައުމީ ޓީމަށާއި ކްލަބްތަކަށް ވެސް އެކުގައި ކުޅުނު އަކުރަމް އަބްދުލް ގަނީ ތައުޒިޔާގެ ދަފުތަރުގައި ސޮއި ކުރަނީ --- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

އުމުރުން 38 އަހަރުގެ ބަކާ ނިޔާވީ، ހައްޖުން އައި ތަނާ ހާލު ބޮޑުވެ އޭޑީކޭގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.

ފަހުން އެނގުނީ، އޭނާ މަރުވީ ރާއްޖޭން އަލަށް ފެނުނު އިންވޭސިވް މެނިންގޯކޮކަލް ބަލީގައި ކަމެވެ.

އުމުރުން 19 އަހަރުގައި 2004 ގައި އައިއެފްސީން ކެރިއާ ފެށި ބަކާ އަކީ، ރާއްޖެ އަށް ސާފް ޗެމްޕިއަންޝިޕްގެ ދެ މުބާރާތް ކާމިޔާބުކޮށް ދިނުމުގައި މުހިންމު ދައުރެއް އަދާ ކުރި ކުޅުންތެރިޔެކެވެ.