Roadha Mihaaru
ކަރެކްޝަންސްގެ 13 އޮފިސަރަކު ހައްޔަރުކޮށްފި

ޖަލަށް މަނާ ތަކެތި ވައްދާ ނެޓްވޯކުގެ 13 އޮފިސަރަކު ހައްޔަރުކޮށްފި

28 ޖޫން 2024

މާފުށީ ޖަލަށް ޑްރަގާއި ފޯނު ވެއްދުމުގައި އެހީތެރިވާ ނެޓްވޯކުގައި ހިމެނޭ މޯލްޑިވްސް ކަރެކްޝަނަށް ސާވިސްގެ 13 އޮފިސަރަކު ހައްޔަރުކޮށްފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

މާފުށީ ޖަލަށް ޑްރަގާއި ފޯނު ވެއްދުމުގައި އެހީތެރިވާ ނެޓްވޯކުގައި ހިމެނޭ މޯލްޑިވްސް ކަރެކްޝަނަށް ސާވިސްގެ 13 އޮފިސަރަކު ހައްޔަރުކޮށްފި އެވެ.

މާފުށީ ޖަލަށް ޑްރަގާއި ފޯނު ވެއްދުމުގައި ޖަލު އޮފިސަރުން އެހީތެރިވާ ކަމަށް ތުހުމަތު ކުރެވޭތީ ފުލުހުންގެ ބޮޑު އޮޕަރޭޝަނެއް އިއްޔެ ވަނީ ފަށައިފަ އެވެ.

އެ އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ދިނުމަށް ފުލުހުން ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ބުނި ގޮތުގައި، އެ ކުށް ކުރުމުގައި 18 ޖަލު އޮފިސަރުން ބައިވެރިވި އެވެ. އެ މީހުންގެ އެކައުންޓުތަކަށް މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 73.6 މިލިއަން ރުފިޔާ ޖަމާވެފައި ވެ އެވެ.

ފުލުހުން މިއަދު ބުނީ ކަރެލްޝަންސް އާ ގުޅޭ ގޮތުން ކުރިއަށް ގެންދާ އޮޕަރޭޝަންގައި އެ ތަނުގައި 13 މުވައްޒަފުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭގެ ތެރެއިން ނުވަ އޮފިސަރަކު ހައްޔަރުކޮށްފައިވަނީ މާފުށިންނެވެ. ދެ މީހަކު ކާށިދޫއިން އަދި އުތީމުންނާއި މާލެއިން ވެސް އެކަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ މި މައްސަލަ ފެންމަތިވި ހިސާބުން ފެށިގެން ފުލުހުންގެ އިންޓެލިޖެންސުން އެއްކުރި މައުލޫމާތުގެ އަލީގައި، މާފުށީ ޖަލުގައި ތިބޭ ގައިދީންނަށް ޑްރަގާއި ފޯނު ފޯރުކޮށްދިނުމުގައި ކަރެކްޝަންސްގެ 18 މުވައްޒަފަކު ބައިވެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.

އެއް އޮފިސަރެއްގެ އެކައުންޓަށް އެކި ފަހަރު މަތިން ޖުމްލަ 24 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ޝަރީފު ވިދާޅުވި އެވެ. އަދި މި މައްސަލާގައި ހިމެނޭ 18 މުވައްޒަފުންގެ އެކައުންޓަށް މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް ޖުމްލަ 73.6 މިލިއަން ރުފިޔާ ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ މި ޖަލު އޮފިސަރުންގެ އެކައުންޓުތަކަށް ފައިސާ ޖަމާކުރި އެކައުންޓުތަކުގެ ވެރިފަރާތްތައް ހޯދައި އެމީހުންނާ މެދުގައި ވެސް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.