Roadha Mihaaru
ޖަލުގެ އޮފިސަރުން ގައިދީންނަށް އަނިޔާކޮށް ބޯ ބޭލުވި

މާފުށީ ޖަލު އޮފސަރުން ގައިދީންނަށް އަނިޔާކޮށް ބޯ ބޭލުވި

21 ޖޫން 2019

މާފުށީ ޖަލުގައި އިއްޔެ ހަވީރު ހިނގި ހަމަނުޖެހުންތަކުގައި ޖަލު ބަލަހައްޓާ އޮފިސަރުން، ދެ ގޮޅިއަކުން މީހުން ނެރެ އެމީހުންނަށް އަނިޔާކޮށް ބޯ ބޭލުވިކަން "މިހާރު"އަށް އެނގިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާފުށީ ޖަލުގައި އިއްޔެ ހަވީރު ހިނގި ހަމަނުޖެހުންތަކުގައި ޖަލު ބަލަހައްޓާ އޮފިސަރުން، ދެ ގޮޅިއަކުން މީހުން ނެރެ އެމީހުންނަށް އަނިޔާކޮށް ބޯ ބޭލުވިކަން "މިހާރު"އަށް އެނގިއްޖެ އެވެ.

އެނގިފައިވާގޮތުގައި ދެ ގޮޅިއަކުން ޖުމްލަ ފަސް މީހުން ނެރުމަށްފަހު އެމީހުން ފަހަތަށް ބިޑި އަޅުވައި ބިން މައްޗަށް ވައްޓާލުމަށްފަހު މުގުރުން ގައިގައި ތަޅާފައި ވެ އެވެ. އަދި ކުރިމަތިފަރާތަށާއި ފުރަގަސް ފަރާތަށް ޕެޕަ ސްޕްރޭ ޖަހައި ބޯ ބާލުވާފައިވާ ކަމަށް ވެސް ވެ އެވެ.

އޭގެ އިތުރުން އެހެން ދެ ގޮޅިއެއްގައި ތިބި ދެ މީހުން ނެރުމަށްފަހު ވެސް ބޯބާލުވާފައި ވެ އެވެ. އެތަނުން އެކަކީ ބަންގްލަދޭޝް މީހެކެވެ. މަރުގެ މައްސަލައެއްގައި ހައްޔަރުކޮށް، ތަހުގީގު ނިމެންދެން އޭނާ ބަންދުގައި ހުންނަތާ ގިނަ އަހަރުތަކެއް ވެއްޖެ އެވެ. ދެން ހުރީ 18 އަހަރު ވުމުން އެހެން ޖަލަކުން މާފުށީ ޖަލަށް ބަދަލުކުރި މީހެކެވެ. އޭނާގެ ގޮޅި ބަދަލުކުރަން އުޅުމުގެ ތެރޭގައި ހިނގި ޒުވާބެއްގެ ތެރޭގައި ޒުވާބުކޮށް ވަނީ ބޯބާލުވައިފަ އެވެ.

އެހެން ނަމަވެސް ކަރެކްޝަންސް އިން މި ވާހަކަ ދޮގު ކުރެ އެވެ. އެތަނުން ބުނީ ގައިދީންގެ ބޯބާލާފައި ނުވާނެ ކަމަށެވެ.

އެކަމުގެ މައުލޫމާތު އެނގޭ މީހަކު ކިޔައިދިން ގޮތުގައި ގޮޅިއަށް ވަދެ އޮފިސަރުން ވަނީ އެ ގައިދީންގެ އަންނައުނުތައް ވެސް ވީދާލައިފަ އެވެ. އޭގެ ތެރެއިން ބައެއް ގައިދީންގެ ގައިގައި ރިއްސާއިރު ޑޮކްޓަރަށް ދައްކައިދީފައި ނުވާ ކަމަށް ވެސް ވެ އެވެ.

ގައިދީންތަކެއް:-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގައިދީންތަކެއް:-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެނގިފައިވާގޮތުގައި، ޖަލުގައި ހަމަނުޖެހުންތައް ހިނގީ، ގޮޅީގައި ތިބި މީހުން، އެތަނުގެ ޑިއުޓީ އޮފިސަރަށް ގޮވައި، އެހެން ގޮޅިއެއްގައި ހުރި އެއްޗެއް ގެނެސްދޭން އެނދުމުން އެ އޮފިސަރު އެކަން ނުކޮށްދިނުމުންނެވެ. އެކަންތަކުގެ ސަބަބުން ހިނގި ހަމަނުޖެހުމުގައި ޖަލުގެ އޮފިސަރަށް ހަމަލާދީފައިވާ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

ފަހުން ރޭ 8:30 ހާއިރު އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދިނުމަށް ފަހު މިއަދު ހެނދުނު 10:00 ހާއިރު އޭނާ ވަނީ ދޫކޮށްލައިފަ އެވެ. ޖަލު އޮފިސަރުގެ އަތަށާއި ފަޔަށް އަނިޔާލިބުން ފިޔަވައި މާބޮޑު ޒަހަމްތަކެއް ނުލިބެ އެވެ.

އެ ހަމަނުޖެހުންތަކާ ގުޅިގެން ހޯމް މިނިސްޓްރީން ރޭ ބުނެފައި ހަމަނުޖެހުން ކޮންޓްރޯލް ކުރުމުގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާ ކަމަށެވެ. ޖަލުގެ އޮފިސަރަށް ހަމަލާދިނީ މާ ބޮޑު ހަމަނުޖެހުމެއްގެ ތެރޭގައި ނޫން ކަމަށް ބުނުން ފިޔަވައި ކަރެކްޝަންސް އިން އިތުރު ވާހަކައެއް ނުދައްކަ އެވެ.

ޖަލުގައި އަޑުގަދަކުރަން ފެށުމުން އެމަޖެންސީ ސްޕެޝަލް ގްރޫޕު (އީއެސްޖީ)ގެ 30 ވަރަކަށް މީހުން ވެސް އެތަނަށް ވަނެވެ.

"އެމީހުން ޖަލަށް ގެންދިޔައިރު ބޮކްސާގައި ހުރީ. ފަހުން މުގުރު ދިއްކޮށް ހަޑިކޮށް ވާހަކަދެއްކި ކަމަށް ވެސް ވޭ. އޭގެ ފަހުން ޖަލު އޮފިސަރުން ގޮސް އުޅުނު އެކަންތައް ހަމަޖައްސަން،" އެކަމުގެ މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.