Roadha Mihaaru
ޖުމުލަ ރިޒާވް 21 ޕަސެންޓަށް ދަށްވެއްޖެ

ޖުމުލަ ރިޒާވް 21 ޕަސެންޓަށް ދަށްވެއްޖެ

28 ޖޫން 2024

ދައުލަތުގެ ޖުމުލަ ރިޒާވް 21 ޕަސެންޓަށް ދަށަށް ގޮސް، ރިޒާވްގައި ހުރި އަދަދު 492 މިލިއަން ޑޮލަރަށް އަރައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދައުލަތުގެ ޖުމުލަ ރިޒާވް 21 ޕަސެންޓަށް ދަށަށް ގޮސް، ރިޒާވްގައި ހުރި އަދަދު 492 މިލިއަން ޑޮލަރަށް އަރައިފި އެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭއިން އާންމުކުރި އިކޮނޮމިކް އަޕްޑޭޓުގައިވާ ގޮތުން މިދިޔަ މެއި މަހުގެ ޖުމްލަ ރިޒާވް ހުރީ 622 މިލިއަން ޑޮލަރުގަ އެވެ. މިދިޔަ އަހަރުގެ އެއްވެސް މަހެއްގައި ރިޒާވް މިހާ ބޮޑަށް ދަށަށް ގޮސްފައެއް ނުވެ އެވެ. މިދިޔަ އަހަރު އެންމެ ބޮޑަށް ގްރޮސް ރިޒާވް ދަށްވި، އޮކްޓޫބަރު މަހުގައި ރިޒާވްގައި 552 މިލިއަން ޑޮލަރު ހުއްޓެވެ.

މިދިޔަ މެއި މަހުގެ ރިޒާވް ވަނީ މިދިޔަ އަހަރުގެ މެއި މަހަށް ވުރެ 34 ޕަސެންޓް ދަށަށް ގޮސްފަ އެވެ. މިދިޔަ އަހަރުގެ މެއި މަހު ރިޒާވްގައި 748 މިލިއަން ރުފިޔާ ހުއްޓެވެ.

ރިޒާވް އެހާ ބޮޑަށް ދަށަށް ގޮސްފައި މިވަނީ، މާލީ ހާލަތު އިންތިހާއަށް ދަށަށް ގޮސް، ސަރުކާރުން ވެސް ހަރަދު ކުޑަ ކުރުމަށްޓަކައި ފިޔަވަޅުތައް އަޅަން ނިންމާފައި ވަނިކޮށެވެ.

ޖުމްލަ ރިޒާވް ދަށްވި އިރު މިދިޔަ އޭފްރީލް މަހުގެ ޔޫޒަބަލް ރިޒާވް ހުރީ 114 މިލިއަން ޑޮލަރުގަ އެވެ. މި އަހަރު ފެށި އިރު ރިޒާވް ހުރީ 110 މިލިއަން ޑޮލަރަށް ދަށްވެފަ އެވެ.

މެއި މަހުގެ ޔޫޒަބަލް ރިޒާވްގެ ތަފްސީލު އެނގޭނީ އެމްއެމްއޭ އިން ކޮންމެ މަހަކު އާންމު ކުރާ ތަފާސްހިސާބުތައް އާންމު ކުރުމުންނެވެ. މެއި މަހުގެ ރިޒާވް އަދި މިހާތަނަށް އާންމުކޮށްފަ އެއް ނުވެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި މެއި މަހުގެ ޔޫޒަބަލް ރިޒާވް ވަނީ 100 މިލިއަން ޑޮލަރަށް ވުރެ ދަށަށް ގޮސްފަ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޔޫޒަބަލް ރިޒާވްގައި 179 މިލިއަން ޑޮލަރު ހުއްޓެވެ.

އެ ފައިސާ އިތުރުވި ނަމަވެސް އެއީ ސަރުކާރުގެ ބޭނުންތަކަށް އިމްޕޯޓަށާއި ދަރަނި ދެއްކުމަށް ބޭނުން ކުރެވޭނެ ފައިސާއެއް ނޫނެވެ. އެހެންވެ، ރަސްމީ ރިޒާވުގެ އަދަދު ބޮޑުވިޔަސް، އެކަމުން ދައުލަތުގެ ހަރަދުތައް ހަމަޖައްސަން ފައިދާއެއް ނުކުރާނެ އެވެ.