Roadha Mihaaru

ޔޫޒަބަލް ރިޒާވް 179 މިލިއަން ޑޮލަރަށް އިތުރުވެއްޖެ

މިދިޔަ މަސް ނިމުނު އިރު ރާއްޖޭގެ ޔޫޒަބަލް ރިޒާވް 179 މިލިއަން ޑޮލަރަށް އަރައިފި އެވެ.

ޔޫޒަބަލް ރިޒާވް 179 މިލިއަން ޑޮލަރަށް އިތުރުވެއްޖެ
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

10 މާޗް 2025

މިދިޔަ މަސް ނިމުނު އިރު ރާއްޖޭގެ ޔޫޒަބަލް ރިޒާވް 179 މިލިއަން ޑޮލަރަށް އަރައިފި އެވެ.

މަރުކަޒީ ބޭންކު، އެމްއެމްއޭ އިން މިއަދު އާންމުކުރި ހިސާބުތަކުގައިވާ ގޮތުން ރިޒާވްގެ އަދަދު ވަނީ އޭގެ ކުރީ މަހަށް ވުރެ 63 މިލިއަން ރުފިޔާ އިތުރުވެފަ އެވެ. ޖެނުއަރީ މަހު ޔޫޒަބަލް ރިޒާވް ހުރީ 116 މިލިއަން ޑޮލަރުގަ އެވެ.

ޔޫޒަބަލް ރިޒާވް އިތުރުވި އިރު މިދިޔަ އަހަރު ރިޒާވް އެންމެ ބޮޑަށް އުފުލުނީ ވެސް އެ އަހަރުގެ ފެބްރުއަރީ މަހު އެވެ. އެމަހު ރިޒާވްގައި 128 މިލިއަން ޑޮލަރު ހުއްޓެވެ. އެކަމަކު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރިޒާވް ވަނީ 32 މިލިއަން ޑޮލަރަށް ވެއްޓިފަ އެވެ. އެއީ ރިޒާވް އެންމެ ބޮޑަށް ދަށްވި ފަހަރެވެ.

ރިޒާވް އެހާ ބޮޑަށް އިތުރުވެފައިވާ އިރު އެމްއެމްއޭ އިން ވަނީ ޓޫރިޒަމް ދާއިރާ އަށް ވަންނަ ޑޮލަރު ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މާރު ކުރަން ފަށައިފަ އެވެ. ރިޒާވްގެ ހާލަތު ރަނގަޅު ވާން ފެށީ އިންޑިއާގެ ރިޒާވް ބޭންކުން ނެގި 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ބޭނުން ކުރަން ފެށުމުންނެވެ. ކަރެންސީ ސްވޮޕް އިން ލިބުނު ފައިސާގެ ތެރެއިން 120 މިލިއަން ޑޮލަރު އިންވެސްޓް ކުރީ ރާއްޖޭގެ ބޭންކުތަކަށެވެ. މިއީ ކަރެންސީ ސްވޮޕް ފެސިލިޓީ އެގޮތަށް ބޭނުން ކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެ ފައިސާ ބަހައްޓަނީ ބޭރުގެ ބޭންކެއްގަ އެވެ.

ޔޫޒަބަލް ރިޒާވް އިތުރުވި އިރު ޖުމްލަ ރިޒާވް މިދިޔަ އަހަރު ވަނީ 832 މިލިއަން ޑޮލަރަށް އަރައިފަ އެވެ.

ރިޒާވް ހާލަތު ރަނގަޅުވާން ފެށި އިރު އެމްއެމްއޭ މެދުވެރިކޮށް ސަރުކާރުން އަންނަނީ ފައިސާ ހޯދަން މަސައްކަތް ކުރަމުންނެވެ. އެމްއެމްއޭ އެޗްޑީސީއިން ބިމެއް ގަނެގެން ބޮޑު އަދަދެއް ހޯދުމަށްޓަކައި ފިނޭންސް އާއި އެމްއެމްއޭ އާ އެކު މަޝްވަރާތައް ކުރިއަށް ދިޔަ އެވެ. އެގޮތުން އަށް ބިލިއަން އާއި 14 ބިލިއަން އަދި 20 ބިލިއަނާ ހަމައަށް ހޯދޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާތައް ކުރިކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ.