Roadha Mihaaru
ޖަލުގައި މަރުވާ ހުރިހާ ގައިދީންގެ ޕޯސްޓްމޯޓަމް ހަދަނީ

ޖަލުގައި މަރުވާ ހުރިހާ ގައިދީންގެ ޕޯސްޓްމޯޓަމް ހަދަން ފަށަނީ

29 ޖޫން 2024

ކުރިއަށް އޮތް ތަނުގައި، ޖަލުގައި މީހަކު މަރުވެއްޖެ ނަމަ އެމީހެއްގެ ހަށިގަނޑު އާއިލާއާ ހަވާލުކުރާނީ ޕޯސްޓްމޯޓަމް ހެދުމަށް ފަހު ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކުރިއަށް އޮތް ތަނުގައި، ޖަލުގައި މީހަކު މަރުވެއްޖެ ނަމަ އެމީހެއްގެ ހަށިގަނޑު އާއިލާއާ ހަވާލުކުރާނީ ޕޯސްޓްމޯޓަމް ހެދުމަށް ފަހު ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

ޝަރީއަތް ނިމެންދެން މާފުށީ ޖަލުގައި ބަންދުކޮށްފައި ހުއްޓާ، ށ. ފުނަދޫ، މުހައްމަދު ޖަމީލު، 45 އިއްޔެ ނިޔާވި މައްސަލާގައި އޭނާގެ ހަށިގަނޑުގައި ހުރި ނިޝާންތަކަކީ ދީފައިވާ އަނިޔާތަކެއްގެ ސަބަބުން ލިބުނު އަނިޔާތަކެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ ކަރެކްޝަންސް ސާވިސަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

އެ މައްސަލާގައި ފުލުހުންނާއި ކަރެކްޝަންސް އިން ގުޅިގެން ބޭއްވި ޕްރެސް ކޮންފަރެންސްގައި ބުނީ ޖަމީލުގެ ހަށިގަނޑުގައި ނިޝާންތަކެއް ހުއްޓަސް އެއީ ބަޔަކަށް ދީފައިވާ އަނިޔާތަކެއް ކަމަށް ތަހުގީގުން އެނގެން ނެތް ކަމަށެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މީގެ ފަހުން ޖަލުގައި އެއްވެސް މީހަކު ނިޔާވެއްޖެ ނަމަ، އެމީހެއްގެ އާއިލާއަށް ހަށިގަނޑު ހަވާލުކުރާނީ ޕޯސްޓްމޯޓަމް ހަދައި ރިޕޯޓުތައް ލިބި، މުއައްސަސާތަކަށް ފުރިހަމައަށް ޖަވާބުދާރީވެވޭނެ ހާލަތުގައި ކަމަށެވެ.

"ޖަލުގައި އެއްވެސް ހާލަތެއްގައި ނިޔާވާ އެއްވެސް ގައިދީއަކު ދޫކުރާނީ ފުރިހަމަ ޕޯސްޓްމޯޓަމް ހަދާފައި. އާއިލާއާ ހަވާލުކުރާނީ ޕޯސްޓްމޯޓަމް ހަދައި ރިޕޯޓުތައް ލިބި މުއައްސަސާތަކަށް ފުރިހަމައަށް ޖަވާބުދާރީވެވޭ ފެންވަރަށް،" އިހުސާން ވިދާޅުވި އެވެ.

ޖަމީލުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް އާއިލާގައި އާދޭސްކުރި ނަމަވެސް އެމީހުން އެގޮތަށް އެކަން ކުރަން ބޭނުންނުވީ ކަމަށް އިހުސާން ވިދާޅުވި އެވެ.

ޖަމީލުގެ މަރުގެ މައްސަލާގައި ފުލުހުން ބޭއްވި ޕްރެސްގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕްރިޒަން މުހައްމަދު އާސިފް މައުލޫމާތު ދެއްވަނީ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ޖަމީލުގެ މަރުގެ މައްސަލާގައި ފުލުހުން ބޭއްވި ޕްރެސްގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕްރިޒަން މުހައްމަދު އާސިފް މައުލޫމާތު ދެއްވަނީ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އިހުސާން ވަނީ ޖަމީލު މަރުވެފައި އޮއްވައި އެހާ ގިނައިރު ފަހުން އޮފިސަރުންނަށް ފެނުމުން އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އަދި ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ހުރި މީހަކު ހަރަކާތެއް ނެތި އެހާ ގިނައިރު އެހެން އޮތުމަކީ ވެގެންވާނެ ކަމެއް ނޫން ކަމަށާއި އެކަން ރަނގަޅު ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ފުލުހުން އާންމުކުރި ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި ނަމާދުގެ ސަޖިދައިގައި އޮންނަ ގޮތަށް ޖަމީލުގެ އެންމެ ފަހުގެ ހަރަކާތް ފެނިފައި ވަނީ 7:43 ހާއިރެވެ. އެކަމަކު އެތަނަށް އޮފިސަރުން ވަދެ، ބަލާފައި ވަނީ 11:30 ހާއިރެވެ.

އިހުސާން ވިދާޅުވި ގޮތުގައި ޖަލުގައި ގިނަ ބަޔަކު ވަރަށް ގިނައިރު ސަޖިދައިގައި ހޭދަކުރެ އެވެ. އެހެންވެ، އެމީހުންގެ ގައިގައި އަތްލައި އުނދަގޫ ނުކުރިޔަސް މީގެ ފަހުން ކޮންމެ ގަޑިއިރަކުން ބަލާނެ ކަމަށާއި އަޅުކަމުގައި ހުއްޓަސް އެކަން ބަލާނެ ކަމަށް ވިދާޅުވި އެވެ.

ޖަމީލުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ނުހަދާ ވަޅުލާފައި ވަނީ އާއިލާ އިން އެއީ ގުދުރަތީ މަރެއް ކަމަށް ގަބޫލުކުރާތީ ކަމަށް އިހުސާން ވިދާޅުވި އެވެ. އެހެންވެ، އާއިލާ އިން ޕޯސްޓްމޯޓަމް ހަދަން ބޭނުން ނުވީ އެވެ.

އިހުސާން ވަނީ ޖަމީލު މަރުމުން ސިޔާސީ ކަމެއްގެ ގޮތުގައި ބައެއް މީހުން އެ މަރު ބޭނުން ކުރުމުން އެކަމާ ކަންބޮޑުވުން ކުރައްވައިފަ އެވެ. އަދި މީހަކު މަރުވުމުން އޭނާގެ ފަހު ވަގުތުގެ ވީޑިއޯ އާންމުކުރުމަކީ ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށާއި އެހެންވެ، އެމީހުންނަށް މުޖުތަމައުގެ ތެރެއިން އިހުތިރާމު ދިނުމަށް އިހުސާން އެދިވަޑައިގަތެވެ.

"މިކަމުގެ ހައްސާސްކަމުން އަދި އެތައް ބައިވަރު ދިވެހި ރައްޔިތުން މިކަމުގެ ކަންބޮޑުވުން ފާޅުކުރުމުން ނިންމި ނިންމުމެއް މިއީ. އާންމު އުސޫލުން ކުރަން ބޭނުންވާ ކަމެއް ނޫން މިއީ." އިހުސާން ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޑެތު އެންޑް ހޮމިސައިޑް އިންވެސްޓިގޭޝަން ޔުނިޓުގެ ހެޑް، އިންސްޕެކްޓަ އޮފް ޕޮލިސް އަހުމަދު ސާމިހު ވިދާޅުވީ ޖަމީލުގެ ހަށިގަނޑުގައި ހުރި ނިޝާންތަކަކީ އިންސާނަކު މަރުވުމަށް ފަހު ހަށިގަނޑަށް އަންނަ ބަދަލުތަކެއްގެ ސަބަބުން އައިސްފައި ހުރި ނިޝާންތަކެއް ކަމަށެވެ. އޭނާ ވިދާޅުވީ އެއީ ސަޖިދައިގައި އޮއްވައި އޭނާ ނިޔާވުމުން ހަށިގަނޑު އޮތް ގޮތުން ހުރި ނިޝާންތަކެއް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.