Roadha Mihaaru
އެމްއޭސީއެލްގެ ހަރަދު 20 ޕަސެންޓަށް ކުޑަ ކުރަނީ!

އެމްއޭސީއެލް އިން 10 ދާއިރާއަކުން 20 ޕަސެންޓާ ހަމައަށް ހަރަދު ކުޑަކުރަނީ!

30 ޖޫން 2024

ރާއްޖެ އަށް މި ދުވަސްވަރު މާލީ ދަތިތަކެއް ކުރިމަތިވުމާ ގުޅިގެން، އެމްއޭސީއެލް އިން 10 ދާއިރާއަކުން 20 ޕަސެންޓާ ހަމައަށް ހަރަދުތައް ކުޑަކުރަން ނިންމައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖެ އަށް މި ދުވަސްވަރު މާލީ ދަތިތަކެއް ކުރިމަތިވުމާ ގުޅިގެން، އެމްއޭސީއެލް އިން 10 ދާއިރާއަކުން 20 ޕަސެންޓާ ހަމައަށް ހަރަދުތައް ކުޑަކުރަން ނިންމައިފި އެވެ.

ވީއައިޕީ އިމާރާތުގައި އެ ކުންފުނިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ، ހަރަދު ކުޑަކުރުމަށް ނިންމީ، ސަރުކާރުން ވެސް ހަރަދު ކުޑަކުރުމަށް މުހިއްމު ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާތީ ކަމަށެވެ. އޭނާ ވިދާޅުވީ، އަމާޒަކީ އެމްއޭސީއެލްގެ ޖުމުލަ ހަރަދުގެ ތެރެއިން 10-20 ޕަސެންޓާ ދެމެދަށް ހަރަދުތައް ކުޑަކުރުން ކަމަށެވެ.

ޝަރީފު ވިދާޅުވީ، އެއީ ކަރަންޓު ހަރަދު އެންމެ ބޮޑު އެއް ކުންފުންޏަށް ވާއިރު، އެ ކަމަށް ކުރާ ހޭދަ ކުޑަކުރުމަށްޓަކައި އެމްއޭސީއެލް އިން ބޭނުންކުރާ ޖަނެރޭޓަރު ސެޓުތަކުން ތެލަށް ކުރާ ހޭދަ ކުޑަކުރެވޭނެ ގޮތަކަށް ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ކަންކަން ރާވާނެ ކަމަށެވެ

"އާ ޖެނެރޭޓަރު ސެޓުތައް ބޭނުން ކުރަން ފެށުމުން ކަރަންޓު އުފެއްދުމަށް ހޭދަކުރާ ތެލުގެ މިންވަރު މަދުވެގެން 20 ޕަސެންޓް ދަށް ވާނެ،" އޭނާ ވިދާޅުވި އެވެ.

އެމްއޭސީއެލް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ފޮޓޯ: ނިޝާން އަލީ / މިހާރު

އެމްއޭސީއެލް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ފޮޓޯ: ނިޝާން އަލީ / މިހާރު

އެމްޑީ ފާހަގަކުރެއްވި ގޮތުގައި، ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ވައްދާ އެއް ކުންފުނި އެމްއޭސީއެލްގައި 4،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ. އެކަމަކު، ހަރަދު ކުޑަކުރަން އަޅާ އެއްވެސް ފިޔަވަޅެއްގައި މުވައްޒަފުންގެ އަދަދު މަދު ކުރުމަށް ނުވަތަ މުސާރަ ކުޑަކުރުމަށް ނިންމާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، އެމްއޭސީއެލްގެ އޮޕަރޭޝަންގެ މުހިއްމު ހަރަދުތަކެއް ކުޑަކުރާ އިރު، އެ ކުންފުނިން ކަރުދާހަށް ކުރާ ހަރަދު ވެސް ކުޑަ ކުރާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް އެއް އަހަރުގެ ތެރޭގައި އެމްއޭސީއެލް ޕޭޕާ-ލެސް ކުންފުންޏަކަށް ހެދުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ. ވިދާޅުވީ، އެ ކުންފުންޏަށް ޕްރިންޓަރު ގަތުން ހުއްޓާލައި، އެމްއޭސީއެލްގައި މިވަގުތު ހުރި ޕްރިންޓަރުތަކާ އެކު، ކުންފުނީގެ ހިންގުމުގެ ކަންކަން މެނޭޖް ކުރާނެ ކަމަށެވެ.

އެމްއޭސީއެލްގެ މެނޭޖުމަންޓުން ނިންމާފައި ވަނީ އެ ކުންފުނީގެ ކޮންސިއުމަބަލްތަކަށް ކުރާ ހޭދަ 10-15 ޕަސެންޓަށް ކުޑަކުރުމަށެވެ.

އެމްއޭސީއެލް އިން ހަރަދު ކުޑަކުރާ ދާއިރާތައް

1. ތެލަށް ކުރާ ހަރަދު - 20 ޕަސެންޓަށް ކުޑަކުރާނެ.

2. ކޮންސިއުމަބަލްސް އަށް ކުރާ ހަރަދު - 15-10 ޕަސެންޓަށް.

3. ފެނަށް ކުރާ ހޭދަ.

4. ކަރަންޓަށް ކުރާ ހަރަދު.

5. ދަތުރުފަތުރު ކުރުމަށް ކުރާ ހަރަދު.

6. ކުންފުނީގެ އެތެރޭގެ ހިންގުމުގެ ހަރަދު.

7. ބޭންކު ޗާޖުތައް ކުޑަކުރުމަށް ނެގޯޝިއޭޓް ކުރުން.

8. ކުންފުނީގެ އެތެރޭގެ ކޮމިއުނިކޭޝަނަށް ކުރާ ހަރަދު - 60 ޕަސެންޓަށް ހަރަދު ކުޑަކުރާނެ.

9. އެތެރޭގެ އިންވެންޓްރީ އަށް ކުރާ ހަރަދު.

10. އިވެންޓްތައް ބޭއްވުމަށް ކުރާ ހަރަދު.

ޝަރީފު ވިދާޅުވީ، އިވެންޓުތަކަށް ކުރިން 500،000 އެއްހާ ރުފިޔާ ހޭދަވާ އިރު، ދެން އެ ކުންފުނިން ބާއްވާ އިވެންޓަކަށް ހޭދަކުރާނީ އެއް ލައްކައަށް ވުރެ ކުޑަ ހޭދައެއް ކަމަށެވެ.

އޭނާ ވިދާޅުވީ، ފެނުގެ ހަރަދު ކުޑަކުރުމަށް، ފެން އިސްރާފުވާ އެއްވެސް ދާއިރާއެއް އޮތް ނަމަ އެކަން ބަލަމުން އަންނަ ކަމަށެވެ. އެކަމަށް ހާއްސަ ޓީމެއް ނަގައިގެން އެފަދަ ކަންކަން ބަލާނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު ޝަރީފު ވާހަކަދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު ޝަރީފު ވާހަކަދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު

"ޓްރެވަލް ޕޮލިސީ ރިވިއު ކޮށްފައި އެންމެ ހަރަދު ކުޑަ ގޮތަކަށް އަޅުގަނޑުމެން ޓްރެވަލް ބައްޓަން ކުރާނެ. ހާއްސަކޮށް ބިޒްނަސް ކްލާހުން ދަތުރު ކުރުން ކޮންމެހެން މަޖުބޫރީ ހާލަތެއްގައި ނޫނީ ނުކުރާނަން. އެހެން ނޫނަސް އެއާލައިންތަކާއި ޓިކެޓިން ބޭފުޅުންނާ ވާހަކަ ދައްކައިގެން ރަނގަޅު އެގްރީމެންޓްސް ހަދައި ޓިކެޓިން ހަރަދުތައް ކުޑަކުރާނަން،" އޭނާ ވިދާޅުވި އެވެ.

އެމްޑީ ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ކުންފުނި ރީސްޓްރަކްޗާ ކޮށް ހިންގުން މިހާރަށް ވުރެ ހަރަދު ކުޑަވާނެ ގޮތަކަށް ރާވާނެ ކަމަށެވެ.

ޝަރީފު ވިދާޅުވީ، ބޭންކިން ޗާޖުތައް ކުޑަކުރުމަށް އެ ކުންފުނިން މުއާމަލާތްތައް ހިންގާ ބޭންކްތަކާ އެކު މަޝްވަރާ ކުރާނެ ކަމަށެވެ.

ހަރަދު ކުޑަ ކުރުމުގެ އިތުރުން އެމްއޭސީއެލްގެ އާމްދަނީ އިތުރު ކުރުމަށްޓަކާއި ކޮމާޝަލް ޖާގަތައް އިތުރު ކުރުމަށްޓަކައއި ހާއްސަ އިސްކަމެއް ދީގެން އެކަމުގެ ޕްލޭންތައް ރާވަމުން އަންނަ ކަމަށް ވެސް މެނޭޖިން ޑިރެކްޓަރު ވިދާޅުވި އެވެ.