Roadha Mihaaru
ޖީއެމްއާރު ބޭރުކުރުމަކީ އިގްތިސާދީ ޖަރީމާއެއް: އަމީރު

ޖީއެމްއާރު އަތުން އެއާޕޯޓު އަތުލުމަކީ އިގްތިސާދީ އެންމެ ބޮޑު ޖަރީމާ: ފިނޭންސް މިނިސްޓަރު

16 އޮކްޓޯބަރ 2021

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ހިންގަން އިންޑިއާގެ ޖީއެމްއާރަށް ދީފައި އޮއްވައި އެއްބަސްވުން ބާތިލްކޮށް، އެ ކުންފުނި ބޭރުކުރުމަކީ އިގްތިސާދީ ގޮތުން ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ޖަރީމާ ކަމަށް ފިނޭސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ހިންގަން އިންޑިއާގެ ޖީއެމްއާރަށް ދީފައި އޮއްވައި އެއްބަސްވުން ބާތިލްކޮށް، އެ ކުންފުނި ބޭރުކުރުމަކީ އިގްތިސާދީ ގޮތުން ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ޖަރީމާ ކަމަށް ފިނޭސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއާޕޯޓް އަތުލުމުން އާބިޓްރޭޝަނަށް ގޮސް ޖީއެމްއާރަށް 270 މިލިއަން ޑޮލަރު ދައްކަން ޖެހުމާއި ޓޫރިޒަމް އިންޑަސްޓްރީގެ ކުރިއެރުމަށްޓަކައި ދައުލަތުގެ ބަޖެޓުން ހަރަދު ކޮށްގެން އެއާޕޯޓް ހަދަން އެއް ބިލިއަން ޑޮލަރުގެ ލޯނު ނަގަން ޖެހުމަކީ އަސާސީ އެހެން ކަންކަން ހަމަޖައްސަން އެޅުނު ހުރަހެއް ކަމަށެވެ.

ނަމަވެސް ހައްލު ކޮށްފައިވާތާ އެތައް ދުވަހެއް ވެފައިވާ ޖީއެމްއާރުގެ މައްސަލައިގައި އަމީރު ކުއްލިއަކަށް މި ޓްވީޓް ކުރެއްވި ސަބަބެއް ނޭނގެ އެވެ.

"ޖީއެމްއާރާ އެކު ކުރިއަށް ދިޔަ ނަމަ 2014 ވަނަ އަހަރު ނިމެން އޮތް އެއާޕޯޓްގެ މަސައްކަތް، ހަތް އަހަރު ވެގެން ދިޔައިރު ވެސް މި ދަނީ ކުރަމުން. ޖީއެމްއާރާ އެކު އެއާޕޯޓް ތަރައްގީކޮށް 2014 ގައި ނިމުނު ނަމަ ކޮވިޑް-19 އައުމާ ހަމައަށް ރާއްޖެ އަށް އިތުރު 6.7 މިލިއަން ފަތުރުވެރިން ގެނެވުނީސް،" މިނިސްޓަރު ވިދާޅުވި އެވެ.

"މިއީ ޓޫރިޒަމްގެ އާމްދަނީން ރާއްޖެއަށް ގެއްލިގެން ދިޔަ 13.2 ބިލިއަން ޑޮލަރު."

މިނިސްޓަރު ވިދާޅުވި ގޮތުގައި މިއީ އެތައް ބަޔަކަށް ގެއްލިގެން ދިޔަ ވަޒީފާގެ ފުރުސަތެވެ. އަދި އެތައް އާއިލާއެއްގެ އާމްދަނީ އެވެ.

ފިނޭންސް މިނިސްޓަރު އަމީރްގެ ޓްވީޓް

"އެއާޕޯޓް 2014 ވަނަ އަހަރަށް ތަރައްގީކޮށް ނިމުނު ނަމަ އަޅުގަނޑަށް އަންދާޒާކުރެވޭ ގޮތުގައި 2020 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވީހީ ފަސް ބިލިއަން ޑޮލަރުގެ އިގްތިސާދެއްގެ ބަދަލުގައި 10 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އިގްތިސާދަކާ އެކު،" ޓްވީޓްގައި އަމީރް އެޓޭޗް ކުރައްވާފައިވާ ދިވެހި ލިޔުމުގައިވެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓް ޖީއެމްއާރާ 25 އަހަރަށް ހަވާލުކުރީ ޖޫން 28، 2010 ވަނަ އަހަރު އެވެ. ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހެދި މި އެއްބަސްވުން އެ މަނިކުފާނުގެ ވެރިކަން ވެއްޓުމާ އެކު މުހައްމަދު ވަހީދުގެ ވެރިކަމުގައި 2012 ވަނަ އަހަރު ވަނީ އުވާލާފައިވެ އެވެ. އޭގެ ފަހުން އެންމެ ކުރިއެކޭ އެއްގޮތަށް އެއާޕޯޓް ހިންގަމުން އަންނަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުންނެވެ.

ޖީއެމްއާރަށް ދިވެހި ދައުލަތުން 271 މިލިއަން ޑޮލަރު ނުވަތަ 4.1 ބިލިއަން ރުފިޔާ ދައްކާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނޮވެމްބަރު 2016 ގަ އެވެ. ދިވެހި ސަރުކާރުން އެއްބަސްވުން އުވައިލުމުން އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި، ދޭންޖެހޭނީ 250 މިލިއަން ޑޮލަރު ކަމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ނިންމިި އެވެ.