Roadha Mihaaru
އީގަލްސްގެ ފޯމް ރަނގަޅު ކުރަން ނިއުއާ ދެކޮޅަށް

އީގަލްސްގެ ފޯމް ރަނގަޅު ކުރަން ނިއު މެޗުގެ ބޭނުން ހިފިދާނެ: ސާންތީ

07 މެއި 2017

އެންމެ ފަހުން ކުޅުނު ދެ މެޗުން ބަލިވެފައިވާތީ އެސްޓީއޯ މާލޭ ލީގުގައި މިރޭ ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅޭ މެޗު ކްލަބް އީގަލްސް ފޯމަކަށް އެޅެން ބޭނުން ހިފިދާނެ ކަަމަށް އެ ޓީމުގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އެންމެ ފަހުން ކުޅުނު ދެ މެޗުން ބަލިވެފައިވާތީ އެސްޓީއޯ މާލޭ ލީގުގައި މިރޭ ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅޭ މެޗު ކްލަބް އީގަލްސް ފޯމަކަށް އެޅެން ބޭނުން ހިފިދާނެ ކަަމަށް އެ ޓީމުގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބުނެފި އެވެ.

އީގަލްސް އެންމެ ފަހުން ކުޅުނު ދެ މެޗުން ބަލިވީ ޓީސީ ސްޕޯޓްސް ކްލަބާއި ގްރީން ސްޓްރީޓްސް އަތުންނެވެ. އެ ޓީމު މި ވަގުތު ލީގުގެ ފަސް ވަނައިގައި އޮތީ ހަ މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ.

މިރޭގެ މެޗުގެ ކުރިން ސާންތީ ބުނީ ނިއު އަތުން މަދުވެގެން ޕޮއިންޓެއް ލިބިގެން ވެސް އީގަލްސް އަށް ކުރިއަށްދިއުމަށް ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ.

"ގެއްލެން ނުވާ މެޗެއް ގެއްލިގެން އީގަލްސް މިއޮތީ ނުބައި ފައްތަރެއްގައި. އަޅުގަނޑު ފުރަތަމަ ވެސް ބުނީ ކިރިޔާވެސް ގަދަ ހަތަރަކަށް ވަދެލުން ޓާގެޓަކީ އަދި އެ ފުރުސަތު އެބައޮތް. ނިއު ރޭޑިއަންޓަކީ މިހާރު އެންމެ ވަރުގަދަކޮށް އޮތް އެއް ޓީމު. އެ ޓީމާ ދެކޮޅަށް އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ހިތްވަރުކުރާނީ މަދުވެގެން ޕޮއިންޓެއް ވަރު ލިބޭތޯ. މި މެޗު ޓީމު ފޯމަކަށް އެޅެން ވެސް ބޭނުން ހިފިދާނެ،" ސާންތީ ބުންޏެވެ.

ސާންތީ ބުނީ އީގަލްސް އިން މިހާރު ފެންނަމުން ދަނީ ރަނގަޅަށް ތައްޔާރުނުވެވުމުން ދިމާވާ މައްސަލަތަށް ކަމަށެވެ.

"ހަގީގަތުގައި މިއީ ވަރަށް ބޮޑު ޕްރެޝަރެއް. ކޮންމެ ޓީމެއްގައި ވެސް ނަތީޖާ ނެރެވޭފަދަ ބިދޭސީ ކުޅުންތެރިން އެބަތިބި. އީގަލްސްގައި މި ތިބީ ޒުވާން ކުޅުންތެރިން ރަނގަޅު ބިދޭސީ ދެ ކުޅުންތެރިން މި ޓީމަށް ވެސް ބޭނުން. އީގަލްސް އަށް މިދިޔަ ތިން އަހަރެއްހާ ދުވަހު ވެސް ބޭނުންވީ ލިބޭ ފުރުސަތުތައް ނިންމާލާނެ ރަނގަޅު ސްޓްރައިކަރެއް. އެކަން ނުވެ އަދިވެސް މިއޮތީ،" އޭނާ ބުންޏެވެ.

ސީޒަން ފެށުމުގެ ކުރިން މެނޭޖްމަންޓަށް ކަންތައްތަކެއް ހުށަހެޅި ކަމަށާއި އެކަމަކު ދިމާވި އެކި ދަތިތަކާ ހުރެ އެ ކަންތައްތައް ނުވެދިޔަސް ފަހަތަށް ނުޖެހޭނެ ކަމަށް ސާންތި ވަނީ ބުނެފަ އެވެ.

"އެހެން ދިމާލަކުން ވަރަށް ރަނގަޅު ހުށަހެޅުމެއް ލިބިފައި އޮއްވައި އަޅުގަނޑު އީގަލްސް އަށް އައީ. އެއީ މި ކުދިންނާ އެކު މަސައްކަތްކުރަން ބޭނުންވާތީ. ފެށި މަސައްކަތެއް ހުއްޓާލާފައި ދާން ބޭނުން ނުވާތީ. ކޮންމެ ގޮތެއްވިޔަސް ކޮންމެ ނަތީޖާއެއް ނުކުތަސް އަޅުގަނޑު ޒިންމާ ނަގާނަން. އެއީ ކޯޗެއްގެ ގޮތުގައި ހުންނައިރު ޒިންމާ ނެގެންޖެހޭނެ މިފަދަ ކަންތައްތަކުގެ،" އޭނާ ބުންޏެވެ.

މި ސީޒަނަށް އީގަލްސް ވަރުގަދަ ކުރުމަށް ގެނައި އެންމެ ރަނގަޅު ކުޅުންތެރިއަކީ އަހުމަދު ނާޝިދު (ނައްޓޭ) އެވެ. ސީޒަން ފެށުމުގެ ކުރިން ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން ކުޅުމާ ދުރުގައި ހުރުމަށް ފަހު ނައްޓާ ވަނީ އެނބުރި އައިސް ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އެހެން ނަމަވެސް ގްރީން ސްޓްރީޓްސްއާ ދެކޮޅަށް އީގަލްސް ކުޅުނު މެޗުގައި ލިބުނު އަނިޔާއާ ގުޅިގެން ނައްޓާ ވަނީ އަނެއްކާ ކުޅުމާ ދުރަށް ދާން ޖެހިފަ އެވެ.

"ނައްޓޭ އެއް މަސް ދުވަސް ވަންދެން ރިކަވަރީގައި މިހާރު އެހުރީ. އެއީ ގައުމީ ޓީމުގެ ޑޮކްޓަރު ޝަކީބު ވިދާޅުވި އެއް މަސް ތެރޭ އެހުރި އަނިޔާއިން އެއްކޮށް ރިކަވާ ކުރެވޭނެ ކަމަށް. ނައްޓޭ އަކީ ވަރަށް މުހިއްމު ކުޅުންތެރިއެއް ނުލައި ނުކުޅެވޭ ވަރުގެ ކުޅުންތެރިއެއް. އޭނާ ކުޑަކޮށް ކުޅެވޭ ހާލަތުގައި ހުއްޓަސް ބޭނުމެއް ނުކުރާނަން. އެއީ އަޅުގަނޑަކީ ކުޅުންތެރިން ހަލާކުކުރާ މީހެއް ނޫން،" ސާންތީ ބުންޏެވެ.

"އީގަލްސް އަކީ މޮޅު ޓީމެއް، ރީތި ފުޓްބޯޅައެއް ކުޅޭ ޓީމެއް"

މިރޭގެ މެޗަށް ނުކުތުމުގެ ކުރިން ނިއުގެ ކޯޗު ބެނާޑޯ ޓަވަރޭސް ވަނީ އީގަލްސް އަށް ތައުރީފް ކޮށްފަ އެވެ. އަދި ނިއު އިން އީގަލްސްއާ ދެކޮޅަށް ނުކުންނައިރު ދެކެން ޖެހޭނީ އެންމެ ފަހުން އެ ޓީމު ކުޅުނު ދެ މެޗަށް ބަލައިގެން ނޫން ކަަމަށް ވެެސް ބުންޏެވެ.

ނިއުގެ ކޯޗު ޓަވަރޭސް: އީގަލްސް މެޗު ފަސޭހަ ނުކޮށްލާނެ ކަމަށް ވަނީ ބުނެފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނިއުގެ ކޯޗު ޓަވަރޭސް: އީގަލްސް މެޗު ފަސޭހަ ނުކޮށްލާނެ ކަމަށް ވަނީ ބުނެފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އީގަލްސް އަކީ ވަރަށް ވަރުގަދަ ޓީމެއް. އަހަރެމެން އީގަލްސް ދެކެނީ އެންމެ ފަހުން އެ ޓީމު ބަލިވި މެޗުތަކަށް ބަލައިގެނެއް ނޫން. އެ އަށް ވުރެ ވަރުގަދަ ޓީމެއް އީގަލްސް އަކީ. އީގަލްސް އަށް ދެ މެޗުން މޮޅެއް ނުލިބި މި މެޗަށް ކުރިމަތިލާއިރު މިއީ ނިއު އިން ވިސްނަން ޖެހޭ ކަމެއް،" ޓަވަރޭސް ބުންޏެވެ.

އޭނާ ބުނީ އީގަލްސް އަކީ ރީތި ފުޓްބޯޅައެއް ކުޅޭ ޓީމެއް ކަމަށާއި މިއީ އޭނާ ކުޅެން ބޭނުންވާ ކަހަލަ މެޗެއް ކަމަށެވެ.

"މެޗުން މޮޅުވެވޭ ފަދަ އެންމެ ވަރުގަދަ ކުޅުންތެރިން ނެރޭނީ. އެއީ އީގަލްސް ކަހަލަ ޓީމަކާ ދެކޮޅަށް ކުޅޭއިރު ފަސޭހަކޮށްލެވޭކަށެއް ނެތް. އީގަލްސް އަކީ ވަރަށް ބޮޑަށް ބޯޅަ ހިފަހައްޓައިގެން ރީތި ފުޓްބޯޅައެއް ކުޅޭ ޓީމެއް. އަހަރެން ވަރަށް ގަޔާވޭ އީގަލްސް ކުޅޭތަން ބަލަން،" ޓަވަރޭސް ބުންޏެވެ.

އެންމެ ފަހުން ކުޅުނު މެޗުތަކުގައި ލަނޑު ޖަހަން ނިއު އަށް ލިބުނު ގިނަ ފުރުސަތުތަށް އެ ޓީމު އަތުން ވަނީ ބޭކާރުވެފަ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މެޗުގެ ފަހު ވަގުތު ނިއު އަށް ޕްރެޝަރު ބޮޑުވެ އެވެ.

"އަހަރެން އެންމެ ބޮޑު އިސްކަމެއް މިހާރު ދެނީ ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފަން. ފެނިގެންދިޔަ ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ވެސް ވަރަށް ގިނަ ފުރުސަތު ބޭކާރުވިތަން. އެކަން ތަކުރާރުވާން ބޭނުމެއް ނޫން،" ޓަވަރޭސް ބުންޏެވެ.

ރާއްޖޭގެ ފުޓްބޯޅަ އަށް މީގެ 10 އަހަރު ކުރިން އޮތް ސަޕޯޓް ވީޑިއޯ ތަކުން ފެންނަ ކަަމަށާއި މިހާރު އެ ފަދަ ސަޕޯޓެއް ނެތުމަކީ މި ގައުމުގެ ފުޓްބޯޅަ ކުރިއެރުމަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް ޓަވަރޭސް ވަނީ ބުނެފަ އެވެ.

"އަހަރެން ދެކުނިން މީގެ 10 އަހަރު ކުރީގެ ވީޑިއޯ ތަކުން ދަނޑު ފުރިފައި އޮތްތަން. އެކަމަކު މިހާރު އެ މަންޒަރެއް ނެތް. އަހަރެން މީހުން ގާތުގައި އަހަން މިވީ ކިހިނެއްތޯ. ކޮންމެ މީހަކު ވެސް އަމިއްލަ ހިޔާލުގައި ވާހަކަ ދައްކާ. ފުޓްބޯޅައިގެ ހުރިހާ އެއްޗަކީ ވެސް ސަޕޯޓަރުން. ސަޕޯޓަރުންގެ އެހީ ނެތި ފުޓްބޯޅަ ކުރިއެއް ނާރާނެ. އަދި ކުޅުންތެރިންގެ މެދުގައި ކުރިއަށްދާން އެ އޮންނަ ރޫހެއް ވެސް ނޯންނާނެ،" ޓަވަރޭސް ބުންޏެވެ.

އޭނާ ބުނީ މި މެޗު ރޭގަނޑުގައި ކުޅެން ޖެހުމަކީ ހަމައެކަނި ނިއު އަށް ލިބުނު ހިތްހަމަ ޖެހުމެއް ނޫނީ އެޑްވާންޓޭޖެއް ނޫން ކަމަށާއި އޭގެ ފައިދާ ދެ ޓީމަށް ވެސް އެބައޮތް ކަމަށެވެ.

ނިއު އާއި އީގަލްސް ކުޅޭ މެޗު ފަށާނީ މިރޭ ނުވައެއް ޖަހާއިރު އެވެ.