Roadha Mihaaru
ގަދަ ހަތަރެއްގެ ވާދަވެރިކަން އިންތިހާގައި

ގަދަ ހަތަރެއްގެ ވާދަވެރިކަން އިންތިހާގައި

02 ޖުލައި 2017

އެއް ވަނަ ޑިވިޝަނުގެ ފޯމެޓަށް މި ފަހަރު އެފްއޭއެމުން ގެނައި ބަދަލާ އެކު ރާއްޖޭގެ އެންމެ މަތީ ފަންތީގެ ލީގު ކަމަށްވާ ޕްރިމިއާ ލީގުން ފުރުސަތު ލިބޭނީ ފުރަތަމަ ޑިވިޝަނުގެ އަށް ޓީމުގެ މެދުގައި ކުޅޭ މާލޭ ލީގުގެ ގަދަ ހަތަރު ޓީމަކަށެވެ. ދެ ބުރަކަށް ކުޅޭ މާލޭ ލީގުގެ ފަހު ހަތަރު މެޗަށް ޓީމުތަކުން ތައްޔާރުވަމުން އަންނައިރު، އަދި އެއްވެސް ޓީމަކަށް ގަދަ ހަތަރެއް މުޅިން ޔަގީންނުވެ އެވެ. ސީޒަން ސަލާމަތްކުރުމަށް ގަދަ ހަތަރެއް ކަށަވަރުކުރުމަކީ ކޮންމެ ޓީމަކަށް ވެސް އެންމެ މުހިއްމު އަމާޒެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އެއް ވަނަ ޑިވިޝަނުގެ ފޯމެޓަށް މި ފަހަރު އެފްއޭއެމުން ގެނައި ބަދަލާ އެކު ރާއްޖޭގެ އެންމެ މަތީ ފަންތީގެ ލީގު ކަމަށްވާ ޕްރިމިއާ ލީގުން ފުރުސަތު ލިބޭނީ ފުރަތަމަ ޑިވިޝަނުގެ އަށް ޓީމުގެ މެދުގައި ކުޅޭ މާލޭ ލީގުގެ ގަދަ ހަތަރު ޓީމަކަށެވެ. ދެ ބުރަކަށް ކުޅޭ މާލޭ ލީގުގެ ފަހު ހަތަރު މެޗަށް ޓީމުތަކުން ތައްޔާރުވަމުން އަންނައިރު، އަދި އެއްވެސް ޓީމަކަށް ގަދަ ހަތަރެއް މުޅިން ޔަގީންނުވެ އެވެ. ސީޒަން ސަލާމަތްކުރުމަށް ގަދަ ހަތަރެއް ކަށަވަރުކުރުމަކީ ކޮންމެ ޓީމަކަށް ވެސް އެންމެ މުހިއްމު އަމާޒެވެ.

ލީގުގައި މި ވަގުތު ހުރިހާ ޓީމެއް ވެސް 10 މެޗު ކުޅެފައިވާއިރު މާޒިޔާ އެއް ވަނައިގައި އޮތީ 24 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި 21 ޕޮއިންޓާ އެކު އޮތީ ނިއު ރޭޑިއަންޓެވެ. ތިން ވަނައިގައި އޮތީ 18 ޕޮއިންޓް ހޯދާފައިވާ ގްރީން ސްޓްރީޓްސް އެވެ. ހަތަރު ވަނައިގައި އީގަލްސް އޮތީ 17 ޕޮއިންޓާ އެކު އެވެ. ފަސް ވަނައިގައި އޮތް ވިކްޓަރީ އަށް 15 ޕޮއިންޓް ލިބިފައިވާއިރު، ޓީސީ ހަ ވަނައިގައި އޮތީ 14 ޕޮއިންޓް ހޯދައިގެންނެވެ.

ލީގުގެ ހަތް ވަނައިގައި ތިން ޕޮއިންޓާ އެކު އޮތް ޔުނައިޓެޑް ވިކްޓަރީ އާއި މެޗަކުން މޮޅެއް ނުލިބި ދެ ޕޮއިންޓާ އެކު އެންމެ ފުލުގައި އޮތް ވެލެންސިއާ އަށް ވަނީ ގަދަ ހަތަރެއްގެ ދޮރު ބަންދުވެފަ އެވެ.

މާޒިޔާ

ލީގުގެ ގަދަ ހަތަރެއް އެންމެ ބޮޑަށް ޔަގީންވެފައިވާ ޓީމަކީ މާޒިޔާ އެވެ. އެ ޓީމަށް ކުރިއަށް އޮތް ހަތަރު މެޗުން ގަދަ ހަތަރެއް ޔަގީންކުރަން ބޭނުންވަނީ އެންމެ ތިން ޕޮއިންޓެވެ. އެއީ ކުރިއަށް އެ ޓީމަށް ހުރި މެޗުތަކަށް ބަލާއިރު، ގަދަ ހަތަރެއްގެ ތެރޭގައި މި ވަގުުތު އޮތް ދެ ޓީމާ ދެކޮޅަށް ކުޅެން ޖެހޭތީ އެވެ. އެހެން ނަމަވެސް އެހެން މެޗުތަކުގެ ނަތީޖާތައް ނުކުންނަ ގޮތަކުން އެ އަދަދަށް ޕޮއިންޓް ނުހޯދައި ވެސް މާޒިޔާ އަށް ގަދަ ހަތަރެއް ޔަގީންވުމުގެ ފުރުސަތު އެބައޮތެވެ.

މާޒިޔާއާ ހަވާލުވި ފުރަތަމަ ބިދޭސީ ކޯޗުކަމަށްވާ މެސެޑޯނިއާގެ މަރްޔާން ސެކުލޮސްކީގެ ކޯޗުކަމުގައި އެ ޓީމުން މާލޭ ލީގުގެ ފުރަތަމަ ބުރު ނިންމާލީ މެޗަކުން ބަލިނުވެ އެވެ. އެހެން ނަމަވެސް އެންމެ ފަހުން ކުޅުނު ޔުނައިޓެޑް ވިކްޓަރީ އަތުން މޮޅުވުމުގެ ކުރިން އެ ޓީމު ކުޅުނު ދެ މެޗުން ވަނީ ވިކްޓަރީ އާއި އީގަލްސް އަތުން ބަލިވެފަ އެވެ. އެހެން ނަމަވެސް ޔުނައިޓެޑް ވިކްޓަރީ އަތުން ހޯދި މޮޅާ އެކު މާޒިޔާ އަލުން ވަނީ ފޯމަކަށް އެޅިފަ އެވެ.

މާޒިޔާ އަށް ކުރިއަށް ހުރި މެޗުތައް: ޓިސީ (3 ޖުލައި)، ވެލެންސިއާ (9 ޖުލައި)، ގްރީން ސްޓްރީޓްސް (13 ޖުލައި) އަދި ނިއު ރޭޑިއަންޓް (19 ޖުލައި)

ނިއު ރޭޑިއަންޓް

ޓީސީ އަތުން މޮޅުވި މެޗަށް ފަހު ނިއު އިން އެ ޓީމުގެ ކޯޗުކަމުން ބެނާޑޯ ޓަވަރޭސް ވަކިކޮށް ވަނީ ސްޕެއިނުގެ ދެ ވަނަ ޑިވިޝަނާއި އިންޑިއާ ލީގުގައި މަސައްކަތްކޮށްފައިވާ ސްޕެއިނުގެ އޮސްކާ ބްރުޒޮން ހަމަޖައްސައިފަ އެވެ.

ޓަވަރޭސް ވަކިކުރިއިރު، ނިއު ވަނީ މިހާތަނަށް ކުޅުނު 10 މެޗުގެ ތެރެއިން ހަތް މެޗުން މޮޅުވެފަ އެވެ. އަދި ތިން މެޗުން ވަނީ ބަލިވެފަ އެވެ. ނިއު އިން ވަނީ އިބްރާހިމް ފަޒީލް (އޮއްޕޮ) އާއި އަލީ އަޝްފާގު (ދަގަނޑޭ) އެ ޓީމަށް ގެނެސްފަ އެވެ. މި ދެ ކުޅުންތެރިންނަށް ކުޅެވޭނީ މި މަހު 14 ގައި ހުޅުވޭ ޓްރާންސްފާ މާކެޓަށް ފަހު އެވެ. އޭގެ ފަހުން މާލޭ ލީގުގައި ނިއު އިން ކުޅޭނީ އެންމެ މެޗެކެވެ. އެއީ މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗު އެކަންޏެވެ.

ނިއުގެ ގަލާޑޯ (ވ) ކައިރިން ޓީސީގެ އައިހަމް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނިއުގެ ގަލާޑޯ (ވ) ކައިރިން ޓީސީގެ އައިހަމް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ލީގުގައި ކުރިއަށް ނިއު އަށް ހުރި ހަތަރު މެޗުގެ ތެރެއިން ލީގުގެ ގަދަ ހަތަރެއް ޔަގީންކުރަން އެ ޓީމަށް ބޭނުންވަނީ ފަސް ޕޮއިންޓެވެ. އެހެން ނަމަވެސް އެ އަދަދަށް ޕޮއިންޓް ނުހޯދައި ވެސް އެހެން މެޗުތަކުގެ ނަތީޖާ ނުކުންނަ ގޮތަކުން ނިއު އަށް ގަދަ ހަތަރެއް ޔަގީންވުމުގެ ފުރުސަތު އެބައޮތެވެ. ކުރިއަށް އޮތް ހަތަރު މެޗުގެ ތެރެއިން ދެ މެޗުގައި ނިއު ނުކުންނާނީ މި ވަގުތު ގަދަ ހަތަރެއްގައި އޮތް ދެ ޓީމާ ދެކޮޅަށެވެ.

ނިއު އަށް ކުރިއަށް ހުރި މެޗުތައް: ޔުނައިޓެޑް ވިކްޓަރީ (ޖުލައި 4)، ވިކްޓަރީ (8 ޖުލައި)، އީގަލްސް (13 ޖުލައި) އަދި މާޒިޔާ (ޖުލައި 19)

ގްރީން ސްޓްރީޓްސް

ސޮބާހު މުހައްމަދު (ސޮބާ)ގެ އިރުޝާދުގެ ދަށުން މުޅިން އަލަށް ފުރަތަމަ ޑިވިޝަންގައި ވާދަކުރަމުން އަންނަ ގްރީން ސްޓްރީޓްސް އިން މި ވަގުތު ލީގުގެ ތިން ވަނަ މަގާމުގައި އޮތްއިރު އެ ޓީމުން މިހާތަނަށް ވަނީ ތަފާތު ނަތީޖާތަކެއް ނެރެފަ އެވެ. މިހާތަނަށް ކުޅުނު 10 މެޗުގެ ތެރެއިން އެ ޓީމު ވަނީ ފަސް މެޗުން މޮޅުވެފަ އެވެ. ތިން މެޗުން އެއްވަރުވިއިރު ބަލިވީ އެންމެ ދެ މެޗުންނެވެ. އެއީ ފުރަތަމަ ބުރުގައި މާޒިޔާ އާއި ނިއު އަތުންނެވެ.

ގްރީން ސްޓްރީޓްސް އިން ނެރެފައިވާ ރަނގަޅު ނަތީޖާތަކަށް ބަލާއިރު ލީގުގެ ދެ ވަނަ ބުރުގައި ނިއު އަތުން 3-0 އިން ހޯދި މޮޅާއި ފުރަތަމަ ބުރުގައި އީގަލްސް އަތުން 2-0 އަދި ޓީސީ އަތުން 3-1 އިން ހޯދި ކާމިޔާބީ ފާހަގަކޮށްލެވެ އެވެ.

ލީގުގައި ބާކީ ގްރީން ސްޓްރީޓްސް އަށް އޮތް ހަތަރު މެޗުގެ ތެރެއިން ދެ މެޗުގައި އެ ޓީމު ނުކުންނާނީ މި ވަގުތު ގަދަ ހަތަރެއްގައި އޮތް ޓީމުތަކާ ދެކޮޅަށެވެ. އެ ޓީމަށް ގަދަ ހަތަރެއްގެ ތެރެއަށް ވަނުމަށް އެންމެ ވާދަވެރިވާނެ ދެ މެޗަކީ އީގަލްސް އާއި ވިކްޓަރީ މެޗެވެ. އެއީ މި ދެ ޓީމަކީ ގަދަ ހަތަރެއްގެ ފަހު ދެ ޖާގައަށް ގްރީން ސްޓްރީޓްސްއާ އެންމެ ވާދަކުރާނެ ދެ ޓީމު ކަމަށްވުމުންނެވެ. ގްރީން ސްޓްރީޓްސް ގަދަ ހަތަރެއްގައި ނިންމާލުން މި ދެ މެޗުގެ ނަތީޖާއަށް ވަރަށް ބޮޑަށް ބަރޯސާވާނެ ކަމަށް ބެލެވެ އެވެ.

ގްރީން ސްޓްރީޓްސްގެ ކުރިއަށް ހުރި މެޗުތައް: ވިކްޓަރީ (ޖުލައި 4)، ޔުނައިޓެޑް ވިކްޓަރީ (8 ޖުލައި)، މާޒިޔާ (13 ޖުލައި) އަދި އީގަލްސް (19 ޖުލައި)

އީގަލްސް

އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) މާލޭ ލީގު ފުރަތަމަ މެޗުން ފެށިގެން ބުނަމުން އައި އެއް ވާހަކަ އަކީ އެ ޓީމުގެ އެއް ޓާގެޓަކީ ގަދަ ހަތަރެއްގައި "އެލިލައިގެން" އޮންނަން ޖެހިއްޖެނަމަ އެ ފުރުސަތު ވެސް ބޭނުންހިފުން ކަމަށެވެ. އެއީ މިދިޔަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ކާމިޔާބީގެ ފިޔަވަޅު މަތީގައި މިއަހަރު ކުރިއަށް ދެވެން އޮތީ މާލޭ ލީގުގެ ގަދަ ހަތަރެއް ތެރޭގައި ހިމެނިގެން ޕްރިމިއާ ލީގަށް ކޮލިފައިވެގެން ކަމަށްވާތީ އެވެ.

އީގަލްސްގެ އައިސަމް (ވ) ކައިރިން މާޒިޔާގެ އަސަދުﷲ ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އީގަލްސްގެ އައިސަމް (ވ) ކައިރިން މާޒިޔާގެ އަސަދުﷲ ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ލީގުގެ ފުރަތަމަ ބުރުގެ ކުރީކޮޅުގައި އީގަލްސް އަށް އެކި މައްސަލަތައް ދިމާވި ނަމަވެސް ފުރަތަމަ ބުރުގައި ނިއު އަތުން 1-0 އިން ހޯދި މޮޅާ އެކު އެ ޓީމުން އިތުބާރު ބޮޑުކުރި އެވެ. އަދި މެޗަކަށް ފަހު މެޗެއް ރަނގަޅު ކުރަމުން އައިސް ދެ ވަނަ ބުރުގައި މާޒިޔާ އަތުން 4-0 އިން ހޯދި ބޮޑު މޮޅާ އެކު ހިތްވަރު ހޯދައި އެ ޓީމު މި ވަގުތު އޮތީ ގަދަ ހަތަރެއްގެ ތެރޭގަ އެވެ.

ލީގުގައި އީގަލްސް އަށް ކުރިއަށް އޮތް ހަތަރު މެޗަށް ބަލާއިރު އީގަލްސް އަށް އެންމެ މުހިއްމުވާނެ ކަމަށް ބެލެވޭ ދެ މެޗަކީ ގްރީން ސްޓްރީޓްސް އާއި ޓީސީއާ ދެކޮޅަށް ކުޅޭ ދެމެޗެވެ. އެއީ މި ދެ ޓީމަކީ ގަދަ ހަތަރެއްގެ ފަހު ދެ ޖާގަ އަށް އީގަލްސްއާ އެންމެ ބޮޑަށް ވާދަކުރާ ދެ ޓީމު ކަމަށްވުމުންނެވެ.

އީގަލްސް އަށް ކުރިއަށް ހުރި މެޗުތައް: ވެލެންސިއާ (3 ޖުލައި)، ޓީސީ (9 ޖުލައި)، ނިއު ރޭޑިއަންޓް (13 ޖުލައި) އަދި ގްރީން ސްޓްރީޓްސް (19 ޖުލައި)

ވިކްޓަރީ

ލީގުގެ ގަދަ ހަތަރެއްގެ ރޭހުގެ ތެރޭގައި އޮތް ޓީމުތަކުގެ ތެރެއިން މި ވަގުތު އެންމެ ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައި އޮތް ޓީމަކީ ވިކްޓަރީ އެވެ. ފައިސާގެ މައްސަލަ އާއި ޓީމުގެ ތެރޭގައި އެކި މައްސަލަ ހުރި ކަމަށް އެ ޓީމުގެ ކޯޗު އަލީ ސުޒޭން ވަނީ އެންމެ ފަހުން އީގަލްސްއާ އެއްވަރުވި މެޗަށް ފަހު ފާހަގަކޮށްފަ އެވެ. ގަދަ ހަތަރަކަށް ވަނުމަށް ވުރެން ޓީމުގެ ހާލަތު ރަނގަޅު ކުރަން އިސްކަންދޭން ޖެހިފައިވާ ކަމަށް ވެސް ސުޒޭން އޭރު ވަނީ ބުނެފަ އެވެ.

ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުން ބަލިވި ނަމަވެސް މަޑުމަޑުން އައިސް ވިކްޓަރީ ވަނީ ނަތީޖާ އަށް ބަލާއިރު ކުރިއެރުން ހޯދައިފަ އެވެ. އެންމެ ފަހުން އީގަލްސްއާ އެއްވަރުވި މެޗުގެ ކުރިން އެ ޓީމުން ކުޅުނު ހަތަރު މެޗުން ވަނީ މޮޅުވެފަ އެވެ. އެހެން ނަމަވެސް އަމިއްލަ ބާރުގައި ގަދަ ހަތަރެއްގެ ޖާގަ ހޯދަން މި ވަގުތު ވިކްޓަރީ އޮތް މަގާމުގެ ގޮތުން ގިނަ މެޗުތަކުން މޮޅުވާން ޖެހެ އެވެ. އެހެން ނޫން ނަމަ އެ ޓީމަށް ގަދަ ހަތަރެއްގެ ޖާގަ ނުލިބޭނެ އެވެ.

ވިކްޓަރީ އަށް ކުރިއަށް ހުރި މެޗުތައް: ގްރީން ސްޓްރީޓްސް (ޖުލައި 4)، ނިއު ރޭޑިއަންޓް (8 ޖުލައި)، ވެލެންސިއާ (14 ޖުލައި) އަދި ޓީސީ (ޖުލައި 18)

ޓީސީ ސްޕޯޓްސް ކްލަބް

މި ފަހަރު ސީޒަނަށް ނުކުތްއިރު އެންމެ ރަނގަޅު ފޯމެއްގައި އޮތް ޓީމަކީ ޓީސީ އެވެ. ބަންގްލަދޭޝްގައި އޮތް ޝެއިހް ކަމާލް ކަޕް ކާމިޔާބުކޮށް އެ ޓީމު އޮތީ ރަނގަޅު ޓްރެކެއްގަ އެވެ. ލީގުގެ ފުރަތަމަ ދެ މެޗުގައި ވެސް އެ ޓީމުން އެ ތަފާތު ދައްކައި ފުރިހަމަ މޮޅެއް ހޯދި އެވެ. އެހެން ނަމަވެސް ފުރަތަމަ ބުރުގައި އެ ޓީމު އީގަލްސް އަތުން މޮޅުވި މެޗަށް ފަހު އައި ބްރޭކަށް ފަހު ޓީސީގެ ފޯމު ދިޔައީ ދަށްވަމުންނެވެ. ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ވެސް ވަނީ އެކަން ފާހަގަކޮށްފަ އެވެ.

ޓީސީގެ ބެންޖޯ (ވ) ގްރީން ސްޓްރީޓްސްގެ ޑިމިޓްރޯ ކައިރިން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޓީސީގެ ބެންޖޯ (ވ) ގްރީން ސްޓްރީޓްސްގެ ޑިމިޓްރޯ ކައިރިން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ލީގުގެ ދެ ވަނަ ބުރު ފަށައިގެން ޓީސީގެ ކުޅުން ރަނގަޅުވަމުން އައިއިރު، އެ ޓީމުން ވަނީ އެންމެ ފަހުން ލިބުނު ބްރޭކުގެ ބޭނުން އެންމެ ރަނގަޅަށް ހިފައިފަ އެވެ. ބްރޭކަށް ފަހު އެ ޓީމު ކުޅުނު މެޗުން ނިއު އަތުން 4-3 އިން ބަލިވި މެޗަށް ފަހު ނިޒާމްބެ ބުނީ ހަމައެކަނި ގޯސްވީ ނަތީޖާ ކަމަށާއި ކުރިއަށް ހުރި މެޗުތަކަށް ދާއިރު، ޓީސީ ދާނީ ރަނގަޅުވަމުން ކަމަށެވެ.

ގަދަ ހަތަރެއްގެ ރޭހުގައި މި ވަގުތު އެންމެ ފުލުގައި އޮތީ ޓީސީ އެވެ. އަމިއްލަ ބާރުގައި ގަދަ ހަތަރެއްގެ ތެރެއަށް ވަންނަން ކުރިއަށް އޮތް ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވުން ޓީސީ އަށް ވަރަށް މުހިއްމެވެ. އެ ހަތަރު މެޗުގެ ތެރެއިން ތިން މެޗުގައި ޓީސީ ނުކުންނާނީ އެ ޓީމަށް ވުރެން މި ވަގުތު ޕޮއިންޓުގެ ގޮތުން މަތީގައި އޮތް ޓީމުތަކާ ދެކޮޅަށެވެ.

ޓީސީ އަށް ކުރިއަށް ހުރި މެޗުތައް: މާޒިޔާ (ޖުލައި 3)، އީގަލްސް (ޖުލައި 9)، ޔުނައިޓެޑް ވިކްޓަރީ (ޖުލައި 14) އަދި ވިކްޓަރީ (18 ޖުލައި)

ގަދަ ހަތަރަކަށް ވަނުން މި ޓީމުތަކަށް މުހިއްމުވެފައިވަނީ ޕްރިމިއާ ލީގުން ޖާގަ ހޯދައި އެންމެ ބޮޑު ލީގުގައި ވާދަކުރުމުގެ އިތުރުން ޕްރެޒިޑެންޓްސް ކަޕްގައި ކުޅުމުގެ ފުރުސަތު ހޯދުމުގެ އުއްމީދުގަ އެވެ. ޕްރިމިއާ ލީގުގައި ކުޅޭނީ މާލޭ ލީގުގެ ގަދަ ހަތަރެއްގެ އިތުރުން މިނިވަން ޗެމްޕިއަންޝިޕްގެ ސެމީ އަށް ދަތުރުކުރާ ހަތަރު ޓީމެވެ. ޕްރެޒިޑެންޓްސް ކަޕުން ފުރުސަތު ލިބޭނީ ޕްރިމިއާ ލީގުގެ ގަދަ ހަތަރަކަށެވެ.