Roadha Mihaaru
"ހަރަދު ކުޑަކުރަން ކޮންމެ ގުރުބާނީއެއް ވާން ތައްޔާރު"

ދައުލަތުގެ ހަރަދު ކުޑަކުރަން ކޮންމެ ގުރުބާނީއެއް ވާން ތައްޔާރު: ގާސިމް

03 ޖުލައި 2024

ދައުލަތުގެ ހަރަދު ކުޑަކުރަން ކޮންމެ ފަދަ ގުރުބާނީއެއް ވާން ވިޔަސް ތައްޔާރަށް ހުންނެވި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ދައުލަތުގެ ހަރަދު ކުޑަކުރަން ކޮންމެ ފަދަ ގުރުބާނީއެއް ވާން ވިޔަސް ތައްޔާރަށް ހުންނެވި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ދަރަންޏާ ބެހޭ ބިލަށް ބަހުސް ކުރައްވަމުން ގާސިމް ވިދާޅުވީ، ގައުމުގެ އިގުތިސާދީ ހާލަތު ގޯސްވެފައިވީ ނަމަވެސް މެންބަރުންގެ މުސާރަ ކުޑަކުރަން ފެނިވަޑައި ނުގަންނަވާ ކަމަށް އިއްޔެ ފާހަގަކުރެއްވީ މަޖިލީހަކީ ތިން ބާރުގެ ތެރެއިން އެންމެ ބޮޑު ޒިންމާއެއް އުފުލަން ޖެހޭ ބާރަށް ވާތީ ކަމަށެވެ.

ނަމަވެސް އައިއެމްއެފްގެ ޕްރޮގްރާމަށް ނުދިއުމަށްޓަކައި މަޖިލިހުގެ މެންބަރުން ތިއްބެވީ ކޮންމެ ފިޔަވަޅެއް އަޅަން ވަރަށް ސާބިތުކަމާ އެކީ ތައްޔާރަށް ކަމަށް ގާސިމް ވިދާޅުވި އެވެ.

ގައުމުގެ ހާލަތު ރަނގަޅު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަޅުއްވާ ފިޔަވަޅުތަކަށް މަރުހަބާ ދަންނަވާ ކަމަށް ގާސިމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މި ތިއްބެވި މެންބަރުން ތިއްބެވީ ވާން ޖެހުނު ކޮންމެ ސެކްރިފައިޒެއް ވާން. އަޅުގަނޑު ހަމަ ގައިމުވެސް ދަންނަވަން އަޅުގަނޑު މި ހުރީ އެކަން ކުރަން. އަޅުގަނޑަށް ކަށަވަރު މަޖިލިސް މެންބަރުން މި ގައުމު ސަލާމަތް ކުރުމަށްޓަކައި ކޮންމެ ހިތި ބޭހެއް ބޯން މިތިބީ ތައްޔާރަށް،"--- ގާސިމް

ދައުލަތުން އިސްލާހު ކުރަންޖެހޭ މައްސަލަތަކާއި ޒިންމާއެއް ނެތް ގޮތަށް ދީފައިވާ ވަޒީފާތަކާއި ކުންފުނިތަކަށް ލިބޭ ނިކަމެތިކަން ހައްލު ކުރުމަށްޓަކައި ފިޔަވަޅު އަޅާ ނަމަ މަޖިލިހުގެ މެންބަރުން ވެސް ވާން ޖެހުނު ކޮންމެ ގުރުބާނީއެއް ވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހުގެ މި ތިއްބެވި މެންބަރުން ތިއްބެވީ ވާން ޖެހުނު ކޮންމެ ސެކްރިފައިޒެއް ވާން. އަޅުގަނޑު ހަމަ ގައިމުވެސް ދަންނަވަން އަޅުގަނޑު މި ހުރީ އެކަން ކުރަން. އަޅުގަނޑަށް ކަށަވަރު މަޖިލިސް މެންބަރުން މި ގައުމު ސަލާމަތް ކުރުމަށްޓަކައި ކޮންމެ ހިތި ބޭހެއް ބޯން މިތިބީ ތައްޔާރަށް،" ގާސިމް ވިދާޅުވި އެވެ.

ފިޔަވަޅުތައް އަޅަން ލަސް ނުކުރަން ގާސިމް ތަކުރާރުކޮށް ސަރުކާރާށް ގޮވައިލެއްވި އެވެ. އައިއެމްއެފްގެ ޕްރޮގްރާމްގައި ރާއްޖެ ބައިވެރި ކޮށްފި ނަމަ އެންމެ ޒަރޫރީ ހާލަތުގައި ދޭ ސަބްސިޑީ ވެސް ކަނޑާލަން ޖެހޭނެ ކަމަށާއި ސާބިތުކަމާއެކީ ފިޔަވަޅުތައް ލަސްނުކޮށް އަޅައިގެން ނޫނީ ސަލާމަތެއް ނުވެވޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މި ސަރުކާރުން ވެސް އިންތިހާބު ކާމިޔާބު ކުރަން ކޮންމެ ވާހަކައެއް ދައްކާފައި އޮތަސް މިހާރު ގައުމުގެ ހާލަތަށް ވިސްނައިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ޖެހެ އެވެ. މީގެ ކުރިން އެއްވެސް ވެރިއަކު ހުރިހާ ވައުދެއް ފުއްދާފައި ނުވާ ކަމަށާއި މިވަގުތަށް މުހިންމީ ގައުމަށް މުހިންމު ފިޔަވަޅެއް އެޅުން ކަމަށް ގާސިމް ވިދާޅުވި އެވެ.