Roadha Mihaaru
1.5ބިލިއަން ޑޮލަރުގެ ދަރަނި ލުއިކުރަން މަޝްވަރާކުރަނީ

1.5 ބިލިއަން ޑޮލަރުގެ ދަރަނި ރީފައިނޭންސް ކުރުމުގެ މަޝްވަރާ އެބަ ކުރެވޭ: ޒަމީރު

14 ނޮވެމްބަރ 2024

ރާއްޖެ އިން ހާއްސަކޮށް ދޭދޭ ގައުމުތަކަށް ދައްކަންޖެހޭ ދަރަނީގެ ތެރެއިން 1.5 ބިލިއަން ޑޮލަރުގެ ދަރަނި ރީފައިނޭންސް ކުރުމުގެ މަޝްވަރާ ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ އިން ހާއްސަކޮށް ދޭދޭ ގައުމުތަކަށް ދައްކަންޖެހޭ ދަރަނީގެ ތެރެއިން 1.5 ބިލިއަން ޑޮލަރުގެ ދަރަނި ރީފައިނޭންސް ކުރުމުގެ މަޝްވަރާ ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ބަޖެޓު ދިރާސާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، ދެމެހެއްޓެނެވި ގޮތެއްގައި ދަރަނި އަދާކުރުމުގެ ކަންބޮޑުވުން މަރުކަޒީ ބޭންކު، އެމްއެމްއޭގެ އިތުރުން އޮޑިޓާ ޖެނެރަލްގެ އޮފީހުން ވެސް ވަނީ ފާޅުކޮށްފަ އެވެ.

ބަޖެޓާ ގުޅޭ މައުލޫމާތު ހިއްސާ ކުރައްވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ، އެހެން ގައުމުތަކާ އަޅާބަލާއިރު، ރާއްޖޭން ނަގާފައިވާ ދަރަނި ތަފާތު ކަމަށެވެ.

ރާއްޖޭގެ ދަރަނީގެ ބޮޑު ޕަސެންޓެއް ދައްކަން ޖެހެނީ ވަކިވަކި ގައުމުތަކަށް ކަން އޭނާ ފާހަގަކުރެއްވި އެވެ.

"ބައިލެޓަރަލް ދަރަނި މި ހުރީ. ތިއަރީ އަށް ބަލާއިރު، އަޅުގަނޑުމެންނަށް ދީފައި ހުރީ ރޭޓިން އަށް ބަލާފައެއް ނޫން ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. ބައިލެޓަރަލް ރިލޭޝަންސްގެ ސަބަބުން ބައިލެޓަރަލް ޕާޓްނާސް ގާތު ބުނީމަ، ދަރަނި ދެއްކުމަށް ލުއި ލިބޭނެ،" ޒަމީރު ވިދާޅުވި އެވެ.

"އެކަމަކު އެ ގައުމުތަކުން އެހެން ގައުމުތަކަށް ވެސް ލޯނު ދީފައި ހުންނާތީ، އެހެން ގައުމަކަށް ދޭ ލުޔެއް ޕަބްލިކް ކުރަން ބޭނުމެއް ނުވާނެ."

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާ ކުރާ މަޖިލީހުގެ ކޮމިޓީއަށް ފިނޭންސް މިނިސްޓަރު ޒަމީރު މައުލޫމާތު ދެއްވަނީ. --ފޮޓޯ: ނިޝާން އަލީ | މިހާރު

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާ ކުރާ މަޖިލީހުގެ ކޮމިޓީއަށް ފިނޭންސް މިނިސްޓަރު ޒަމީރު މައުލޫމާތު ދެއްވަނީ. --ފޮޓޯ: ނިޝާން އަލީ | މިހާރު

އެއާ އެކު، ގައުމެއްގެ ނަން ވިދާޅުނުވެ، ފިނޭންސް މިނިސްޓަރު ވަނީ 1.5 ބިލިއަން ޑޮލަރުގެ ދަރަނި ރީފައިނޭންސް ކުރުމުގެ މަޝްވަރާތައް މިހާރު ވެސް ކުރައްވަމުންދާ ކަން ހާމަކުރައްވައިފަ އެވެ. އެ މަޝްވަރާތަކުން ހެޔޮ ނަތީޖާއެއް ނެރެވޭނެ ކަމުގެ އުއްމީދު ބޮޑުކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދަރަނި ރީފައިނޭންސް ކުރުމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަން ޒަމީރު ހާމަކުރައްވާފައިމިވަނީ، ތަރައްގީގެ އެކި މަޝްރޫއުތަކަށް ނަގާފައިވާ ލޯނުތައް ދެއްކުން ފަސްކޮށްދިނުމުގެ ފެހި ސިގްނަލް ޗައިނާ އާއި އިންޑިއާގެ އިތުރުން ޔޫއޭއީ އިން ވެސް ލިބިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ޖުލައި މަހު ވިދާޅުވެފައިވަނިކޮށެވެ.

ދަރަނި ދެއްކުން ފަސްކުރުމުގެ އިތުރުން، ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރުގެ ބަޖެޓުގައި ޖަހާފައިވާ އަދަދަކީ، ޒަމީރު ވިދާޅުވި ގޮތުގައި، އެހެން އަހަރުތަކާ ހިލާފަށް "ރިއަލިސްޓިކް" އަދަދެކެވެ.

މިގޮތުން، ގައުމެއްގެ ވެރިއަކާ ރައީސް މުއިއްޒު މި ފަހުން ކުރެއްވި މަޝްވަރާތަކުގެ އަލީގައި 1.6 ބިލިއަން ރުފިޔާގެ އަދަދެއް ލިބޭނެ ކަމުގެ ޔަގީންކަން ލިބި، 50 މިލިއަން ޑޮލަރު ދޭނެކަން ލިޔުމުން ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ވަނީ 2.5 ބިލިއަން ރުފިޔާ ކަނޑައަޅައިފަ އެވެ. އޭގެ ތެރެއިން ރަހުމަތްތެރި ގައުމުތަކުން 2.3 ބިލިއަން ރުފިޔާ ހޯދަން ވަނީ ބަޖެޓުގައި ހިމަނައިފަ އެވެ.

އޭގެ ތެރެއިން، އިންޑިއާއިން 1.6 ބިލިއަން ރުފިޔާ، ޗައިނާ އިން 502 މިލިއަން ރުފިޔާ އަދި ޖަޕާނުން އެއީ 47 މިލިއަން ރުފިޔާގެ ހިލޭ އެހީ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވެ އެވެ. އޭގެ އިތުރުން ޕާކިސްތާނާއި އިޓަލީ އާއި ސައުދީ އަރަބިއްޔާ އާއި ނެދަލެންސް އިން ވެސް އެހީ ލިބޭނެ ކަމަށް ބަޖެޓުގައިވެ އެވެ. އަދި މާލީ އިދާރާތައް މެދުވެރިކޮށް 336 މިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ވަނީ ބަޖެޓުގައި ލިޔެފަ އެވެ.

އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން ހުށަހަޅާފައިވަނީ ޖުމްލަ 56.6 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓެކެވެ. މިއީ މި އަހަރުގެ ބަޖެޓަށް ސަޕްލިމަންޓު ކުރި އަދަދާ އެކު 1.8 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

މީގެ ތެރެއިން، ހަރަދުގެ ގޮތުގައި ހިނގާނެ ކަމަށް ލަފާކޮށްފައިވަނީ 49.2 ބިލިއަން ރުފިޔާ އެވެ. އެއީ ރިކަރަންޓް ހަރަދަށް 35.9 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 13.3 ބިލިއަން ރުފިޔާ އެވެ.