ގިނަ ރަށްރަށުގެ މަގުބައްތިތައް ހުރީ ރައްކާތެރި ގޮތަކަށް ނޫންކަން ފެނަކަ ކޯޕަރޭޝަނުން ހިނގި އިންސްޕެކްޝަނަކުން އެނގިއްޖެ އެވެ.
03 ޖުލައި 2024
ގިނަ ރަށްރަށުގެ މަގުބައްތިތައް ހުރީ ރައްކާތެރި ގޮތަކަށް ނޫންކަން ފެނަކަ ކޯޕަރޭޝަނުން ހިނގި އިންސްޕެކްޝަނަކުން އެނގިއްޖެ އެވެ.
ފެނަކަ އިން މިރޭ ކުރި އިއުލާނެއްގައި ބުނީ އެ ކުންފުނިން ކަރަންޓުގެ ހިދުމަތް ދޭ ރަށްތަކުގެ މަގުބައްތިތަކުގެ ސަލާމަތީ ކަންތައްތައް ހުރިގޮތް ބެލުމުގެ ގޮތުން ހުރިހާ ރަށެއްގައި ހުރި މަގުބައްތިތައް އިންސްޕެކްޓް ކޮށްފައިވާ ކަމަށެވެ.
"މި އިންސްޕެކްޝަނުން ގިނަ ރަށްތަކުގައި ހަރުކުރެވިފައި ހުރި މަގުބައްތިތަކަށް ކަރަންޓް ދެވިފައި ހުރީ އީއެލްސީބީ މެދުވެރި ނުކޮށްކަން ވަނީ ފާހަގަކުރެވިފަ އެވެ،" އެ އިއުލާނުގައި ބުންޏެވެ.
އީއެލްސީބީ ނުވަތަ އާތު-ލީކޭޖް ސާކިޓް ބްރޭކަރަކީ ކަރަންޓު ޝޮކުން ރައްކާތެރިވުމަށްޓަކައި ބިމުގެ އިމްޕީޑަންސް މަތި ކަރަންޓު ވިއުގާތަކުގައި ބޭނުންކުރާ ސަލާމަތީ ވަސީލަތެކެވެ.
ފެނަކަ އިން ބުނި ގޮތުގައި މިގޮތަށް ކަރަންޓް ދޫކުރެވިފައި ހުރުމުން ނުރައްކާތެރި ހާދިސާއެއް ހިނގުމަކީ އެކަށީގެންވާ ކަމަކަށް ވާތީ މީގެ ފަހުން މަގުބައްތިތަކަށް ކަރަންޓް ދޫކުރެވޭނީ އެ ކުންފުނިން ދޭ ނަމޫނާ ކުރެހުމާއި އެއްގޮތަށް ސަބް ޑީބީ ހަރުކުރެވިފައިވާ ނަމަ އެވެ.
އެ ކުންފުނިން ހިދުމަތްދޭ ރަށްތަކުގެ ކައުންސިލްތަކަށް މިދިޔަ މަހު އެކަން އަންގާފައިވާނެ ކަމަށް ވެސް ފެނަކަ އިން ބުންޏެވެ.
ސަބް ޑިބީ ހަރުނުކުރެވި ހުރި މަގުބައްތިތަކުގައި މިދިޔަ މަހު 27 ގެ ކުރިން އެ ހަރުކޮށް ނިންމުމަށް އެންގި ނަމަވެސް، ގިނަ ކައުންސިލްތަކުގެ އެދުމުގެ މަތިންނާއި މި މަސައްކަތުގެ މުހިންމުކަމުން މި މުއްދަތު މިހާރު އެއް މަސް ދުވަހަށް އިތުރުކޮށްފައިވާ ކަމަށް ވެސް ފެނަކަ އިން ބުންޏެވެ.
ފެނަކަ އިން ބުނީ އިތުރުކޮށްދީފައިވާ މި މުއްދަތުގެ ތެރޭގައި ކައުންސިލްތަކުން ތަކެތި ފޯރުކޮށްދިނުމުން ފެނަކަ އިން ހިލޭ ސަބް ޑީބީތައް އިންސްޓޯލްކޮށްދޭނެ ކަމަށާއި ނުވަތަ ފެނަކައިން ތަކެތި ފޯރުކޮށްދީ، ބިލް ކުރެވޭ ގޮތަށް އެ ކުންފުނީގެ ޓެކްނިކަލް މުވައްޒަފުންގެ އެހީތެރިކަމާއި އެކު ސަބް ޑީބީ ތައްޔާރުކޮށް ހަރުކޮށްދިނުމުގެ މަސައްކަތް ވެސް ކޮށްދޭނެ ކަމަށެވެ.
އެ ކުންފުނިން ބުނިގޮތުގައި، މިއީ ރާއްޖޭގެ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ)ގެ މިންގަނޑަށް މަގުބައްތިތަށް ގެނައުމަށް ކުރެވޭ މުހިންމު މަސައްކަތަކަށް ވާތީ މި މުއްދަތުގެ ތެރޭގައި އެ މިންގަނޑާއި އެެއްގޮތަށް އިސްލާހު ނުކުރާ މަގު ބައްތިތަކަށް މި މަހުގެ ފަހުން ކަރަންޓު ދޫ ނުކުރާނެ އެވެ.
ކައުންސިލްތަކުން މި ކަންތައްތައް ރަނގަޅު ކުރަމުން ދޭތޯ ފެނަކައިގެ ބްރާންޗުތަކުން ގާތުން މޮނިޓާ ކުރަމުން ގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ރަށްރަށުގެ މަގުބައްތިތައް ހުރީ ސޭފްޓީ މިންގަނޑާ އެއްގޮތަކަށް ބަލަން އިންސްޕެކްޝަނެއް ހިންގީ މިދިޔަ މެއި މަހު ރ. އުނގޫފާރުގެ މަގުމަތީގައި ހުރި ހޮޅިދަނޑިއަކުން ފެންގަނޑަށް ކަރަންޓު އައިސް ހުއްޓައި، އެ ފެންގަނޑަށް އެރުނު 18 އަހަރުގެ ޒުވާނަކު ކަރަންޓުގައި ޖެހިގެން މަރުވި ހާދިސާއާ ގުޅިގެންނެވެ. އެ ހާދިސާގައި އިތުރު ކުއްޖަކަށް ވެސް އަނިޔާވި އެވެ.
މަގުބައްތިތައް ރަނގަޅުކުރަން ދިން މުއްދަތު އިތުރުކުރަނީ
އައްޑުއަށް 1.8މެގަވޮޓުގެ އިތުރު ޖަނަރޭޓަރެއް ގެންދަނީ
ފޮނަދޫ ފެން ޕްލާންޓު ހަދައި ހިދުމަތް ދޭން ފަށައިފި
ފެން ފްލާންޓު ހަލާކުވެ، ފޮނަދުއަށް ދަތިވެފައި!
އައްޑުއަށް ގެންދިޔަ އާ ޖަނަރޭޓަރު ބޭނުންކުރަން ފަށައިފި
ކަރަންޓު މައްސަލާގައި ކޮމިޓީއަށް ފެނަކަ ހާޒިރުކުރަނީ
އައްޑު އަށް 1.8 މެގަވޮޓުގެ ޖަނަރޭޓަރެއް ގެންދަނީ
އައިސްޕްލާންޓުތައް މިފްކޯގެ ދަށަށް ބަދަލުކޮށްފި
ދެ ޖަނަރޭޓަރު ހަލާކުވެ, ކެލާގެ ކަރަންޓު ކެނޑެނީ!
14މަސް ތެރޭ 44މިލިއަން ދައްކަން ފެނަކައަށް ހުކުމެއް