Roadha Mihaaru
ސްޕެއިން މެޗަކީ ރިޓަޔާ ކުރާ މެޗަކަށް ނުވާނެ: ކްރޫސް

ސްޕެއިން މެޗަކީ ރިޓަޔާ ކުރާ މެޗަކަށް ނުވާނެ: ކްރޫސް

04 ޖުލައި 2024

ހާޒޮގްނޮއުރާ (ޖުލައި 3) - ޔޫރޯ މުބާރާތުގެ ކުއާޓާ ފައިނަލްގައި ސްޕެއިނާ ދެކޮޅަށް ޖަރުމަން ބައްދަލުކުރާ މެޗަކީ އޭނާގެ ކެރިއަރުގެ ފަހު މެޗަކަށް ނުވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް، ޔޫރޯ އަށް ފަހު ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާ މިޑްފީލްޑަރު ޓޯނީ ކްރޫސް ބުނެފި އެވެ.

ހާޒޮގްނޮއުރާ (ޖުލައި 3) - ޔޫރޯ މުބާރާތުގެ ކުއާޓާ ފައިނަލްގައި ސްޕެއިނާ ދެކޮޅަށް ޖަރުމަން ބައްދަލުކުރާ މެޗަކީ އޭނާގެ ކެރިއަރުގެ ފަހު މެޗަކަށް ނުވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް، ޔޫރޯ އަށް ފަހު ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާ މިޑްފީލްޑަރު ޓޯނީ ކްރޫސް ބުނެފި އެވެ.

ޖަރުމަންގައި މިހާރު ކުރިއަށްދާ މިއަހަރުގެ ޔޫރޯ އަށް ފަހު ކުޅުން ހުއްޓާލާނެ ކަން ކްރޫޒް ވަނީ މިދިޔަ މެއި މަހު އިއުލާން ކޮށްފަ އެވެ.

އުމުރުން 34 އަހަރުގެ ކްރޫޒާ އެކު ނިމިދިޔަ ސީޒަންގައި ރެއާލް މެޑްރިޑަށް ކުޅުނު ސްޕެއިންގެ ފޯވާޑް ހޮސޭލޫ ބުނީ ކުއާޓާ ފައިނަލް މެޗުގައި އަމާޒަކީ "ކްރޫސް ރިޓަޔާ ކުރުވުން" ކަމަށް ބުނެފަ އެވެ.

އެކަން ކްރޫސް ނެގީ ޕޮޒިޓިވް މާނައެއްގެ ގޮތުގަ އެވެ. އޭނާ ބުނީ އެއީ ސްޕެއިން މޮޅުވާން ހޮސެލޫ ބޭނުން ވާތީ ބުނި ވާހަކައެއް ކަމަށެވެ.

"އަހަރެމެން މުބާރާތުގައި ދެމި އޮންނާނަން. އަހަރެންނަކަށް ހިޔެއް ނުވޭ މާދަމާގެ މެޗަކީ އަހަރެންގެ ފަހު މެޗަށް ވާނެ ހެނެއް. އަހަރެމެން [މެޗެއްގެ ޕްރެސް ކޮންފަރެންސެއްގައި] އަދި ދިމާވާނެކަމަށް އުންމީދު ކުރަން،" ކުއާޓާ މެޗުގެ ކުރިން ބޭއްވި ޕްރެސްގައި ކްރޫސް ބުންޏެވެ.

ފީީފާ ވޯލްޑް ކަޕް 2014، ޖަރުމަނާ އެކު އުފުލާލި ކްރޫޒް ވަނީ 2021 ވަނަ އަހަރު ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފަ އެވެ. ނަމަވެސް މިދިޔަ މާޗު މަހު އޭނާ ވަނީ ގައުމީ ޓީމާ އަލުން ގުޅިފަ އެވެ.

"ގައުމީ ޓީމަށް އެނބުރި އައީ ވެސް ޔޫރޯ ކާމިޔާބު ކުރުމަށް އަޒުމް ކަނޑައަޅައިގެން އެ އަމާޒަށް ވާސިލްވާން. އެކަން ކުރެވޭނެ ކަމަށް ނުބެލެވޭ ނަމަ އަހަރެން ޓީމާ ނުގުޅޭނަން،" ކްރޫސް ބުންޏެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގު ހަ ފަހަރު ކާމިޔާބު ކޯށްފައިވާ ކްރޫސް އޭނާގެ ސީނިއާ ކެރިއަރު ފެށީ 2007 ވަނަ އަހަރު ބެޔާން މިއުނިކުންނެވެ. އެއީ، މިހާރު ސްޕެއިން ޓީމުގައި މުހިއްމު ދައުރެއް އަދާކުރަމުން އަންނަ އުމުރުން 16 އަހަރުގެ ލަމީން ޔަމާލް އުފަންވި އަހަރެވެ.

ކްރޫސް ވަނީ ސްޕެއިންގެ ޒުވާން ތަރި ޔަމާލް މިދިޔަ ސީޒަންގައި ވާދަވެރި ބާސެލޯނާގެ ޖޯޒީގައި ދެއްކި ކުޅުމަށް ވެސް ތައުރީފް ކޮށްފަ އެވެ.

ޖަރުމަނާއި ސްޕެއިން ބައްދަލުކުރާ ކުއާޓާ ފައިނަލް މެޗު ފަށާނީ މާދަމާ ރޭ ރާއްޖެ ގަޑިން 9 ޖަހާއިރެވެ.