Roadha Mihaaru
ވޭޕާއި އެނާޖީ ޑްރިންކް އެތެރެކުރަން ލިބޭ ލުއި އުވާލަނީ

ވޭޕާއި އެނާޖީ ޑްރިންކް އެތެރެކުރާއި ލިބޭ ލުއި ކަނޑާލަނީ

05 ޖުލައި 2024

ވޭޕާއި އެނާޖީ ޑްރިންކް ފަދަ ތަކެތި އެތެރެ ކުރުމަށް ގާނޫނުން ލިބޭ ލުއި އަންނަ މަހުން ފެށިގެން ކަނޑާލަން ނިންމައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ވޭޕާއި އެނާޖީ ޑްރިންކް ފަދަ ތަކެތި އެތެރެ ކުރުމަށް ގާނޫނުން ލިބޭ ލުއި އަންނަ މަހުން ފެށިގެން ކަނޑާލަން ނިންމައިފި އެވެ.

ދައުލަތުގެ މީޑިއާ "ޕީއެސްއެމް" އަށް ރޭ ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން ކަސްޓަމްސްގެ ޑެޕިއުޓީ ޗީފް ސުޕްރިޓެންޑެންޓް އަހުމަދު ނިޔާޒް ވިދާޅުވީ އާންމު ގަވައިދަށް ގެނެވުނު އިސްލާހުގެ ދަށުން މައިގަނޑު ދެ ބަދަލެއް ގެނެސްފައިވާ ކަމަށެވެ.

އެއް ކަމަކީ ރާއްޖެ އެތެރެ ކުރާ ބައެއް ތަކެތިން އިނާޔަތް އެއްކޮށް ކަނޑާލުމެވެ.

ނިޔާޒް ވިދާޅުވި ގޮތުގައި ސިނގިރެޓް ހިމޭނެހެން ދުންފަތުގެ ބާވަތްތަކާއި ވޭޕް ކުރަން ގެންގުޅޭ ސާމާނުތަކުން އަދި އެނާޖީ ޑްރިންކުތައް އެތެރެކުރާއިރު ލިބޭ އިނާޔަތް އޮގަސްޓު 1 އިން ފެށިގެން ހުއްޓާލާނެ އެވެ.

"އެނގިވަޑައިގަންނަވާނެ ރާއްޖެއަކީ ސިއްހަތާ ގުޅޭ ވަރަށް ގިނަ ބައިނަލްއަގުވާމީ މުއާހަދާތަކުގައި ސޮއި ކޮށްފައިވާ ގައުމެއް. ދުންފަތް ފަދަ ތަކެއްޗަށް އިސްތިސްނާތައް ދިނުމަކީ އޭގެއިން ބާރު އަޅާ ކަމެއް ނޫން." ނިޔާޒް ވިދާޅުވި އެވެ.

އެލަވަންސް ހުއްޓާލާ ބައެއް ތަކެތި:

- ސިނގިރޭޓު

- ވޭޕް

- އެނާޖީ ޑްރިންކް

- ޕްލާސްޓިކް ކޮތަޅު

- ސިންގަލް ޔޫޒް ޕްލާސްޓި

- އެއްގަމު އުޅަނދުފަހަރު

ދެވަނަ ބަދަލަކީ، ނިޔާޒް ވިދާޅުވި ގޮތުގައި، އަމިއްލަ ފަރާތްތަކުން ގެންނަ މުދަލަށް އެކްސްޕޯޓް އިމްޕޯޓް ގާނޫނުގެ ދަށުން ރައީސަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުން ކަނޑައަޅާފައިވާ ޑިއުޓީ މާފުވާ ވަރު މަތިކުރުމެވެ.

އެ އިނާޔަތް ގޮތުގައި މީގެ 20 އަހަރު ކުރިން ކަނޑައަޅާފައި އޮންނަނީ މުދަލުގެ އަގުން 20،000ރ. އެވެ. އަދި 2013 ވަނަ އަހަރު އެ އެލަވަންސް 6000ރ. އަށް ބޮޑު ކުރި އެވެ.

ނިޔާޒް ވިދާޅުވި ގޮތުގައި މި ޖުލައި 1 އިން ފެށިގެން ޑިއުޓީ މާފްވާ މިންވަރު 10،000ރ. އަށް ބޮޑު ކުރަން ވަނީ ނިންމައިފަ އެވެ.

"ޝެއިން ފަދަ ތަންތަނުން އެންމެ ގިނައިން ތަކެތި ގެންނައިރު މި އެލަވަންސް ބޮޑު ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ އެ ފަދަ ތަކެތި އަވަހަށް ކްލިއާ ކުރުން. ކުރިން 6،000ރ އަށް ލިމިޓު ކޮށްފައި އޮންނަ އިރު ޕާރިސަލްތައް ކަނޑާ ޗެޕް ކުރަން ޖެހޭ. އެ މަސައްކަތް 10،000ރ. އަށް ލިމިޓު މައްޗަށް ޖައްސާލުމުން ނުހުޅުވައި ޑޮކިއުމަންޓް ހުށަހެޅުމެއް ނެތި ކްލިއާ ކޮށްލާނެ،" ނިޔާޒް ވިދާޅުވި އެވެ.

ނިޔާޒް ވިދާޅުވީ މިއީ ވިޔަފާރިތަކަށް ކަނޑައެޅިފައިވާ އެލަވަންސްއެއް ނޫން ކަމަށާއި އެހެން ނަމަވެސް އެތެރެ ކުރާ މުދަލުގެ އަދަދަށް ބަލާފައި ވިޔަފާރި ގޮތުގައި ބޭނުން ކުރަން ގެންނަ ކަމަށް ބެލެވޭ ތަކެއްޗަށް އެ އިނާޔަތް ނުލިބޭނެ ކަމަށެވެ.