Roadha Mihaaru
ސާދަ އަހަރަށް ފަހު ކޮންޒަވެޓިވް ވެރިކަން ނިމުމަކަށް

ޔޫކޭގައި 14 އަހަރަށް ފަހު ކޮންޒަވެޓިވް ވެރިކަން ނިމުމަކަށް

05 ޖުލައި 2024

އިނގިރޭސި ވިލާތުގައި 2010 އިން ފެށިގެން ވެރިކަން ކުރަމުން އަންނަ ކޮންޒަވެޓިވް ޕާޓީގެ މައްޗަށް ލޭބާ ޕާޓީން އާންމު އިންތިހާބުގައި ބޮޑު ކާމިޔާބީއެއް ހޯދައި ކޮންޒަވެޓިވްގެ 14 އަހަރުގެ ވެރިކަން ނިމުމަކަށް ގެނެސްފި އެވެ.

އިނގިރޭސި ވިލާތުގައި 2010 އިން ފެށިގެން ވެރިކަން ކުރަމުން އަންނަ ކޮންޒަވެޓިވް ޕާޓީގެ މައްޗަށް ލޭބާ ޕާޓީން އާންމު އިންތިހާބުގައި ބޮޑު ކާމިޔާބީއެއް ހޯދައި ކޮންޒަވެޓިވްގެ 14 އަހަރުގެ ވެރިކަން ނިމުމަކަށް ގެނެސްފި އެވެ.

ބުރާސްފަތި ދުވަހު ބޭއްވި އާންމު އިންތިހާބުގައި ލޭބާ ޕާޓީގެ ލީޑަރު ކިއާ ސްޓާމާގެ މޭސްތިރިކަމުގައި އެ ޕާޓީން ވަނީ ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތަށް ބޭނުންވާ ވަރަށް ވުރެ އެތައް ގޮނޑިއެއް އިތުރަށް ހޯދައިފަ އެވެ.

ބޮޑުވަޒީރު ކަމަށް ވަޑައިގަންނަވާ ސްޓާމާ ވަނީ މި ކާމިޔާބީއާ އެކު ރައްޔިތުންނަށް ޝުކުރު އަދާކުރައްވައި، މިއީ މުޅި ގައުމު ވެސް ސިޔާސީ ފިކުރު އެއްފަރާތްކޮށް ރައްޔިތުންނަށް ހިދުމަތްކުރުމަށް ބަދަލުވާންވީ ވަގުތު ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ރައްޔިތުން ވެސް ތިބީ ބަދަލަކަށް ތައްޔާރަށް ކަމަށެވެ.

"އަހަރެމެންނާ މެދު ގޮތް ކަނޑައެޅިގެންދާނީ އިތުބާރު އުފެއްދުމަށް ކުރާ ހަނގުރާމައިން. މި އިންތިހާބުގައި އެހާ ބުރަކޮށް މަސައްކަތްކުރީ ރައްޔިތުންނަށް ހިދުމަތްކުރުމުގެ ގާބިލްކަން ހުރިކަން ކަށަވަރުކޮށްދޭން. ސިޔާސީ ކަންކަން އާންމު ހިދުމަތަށް އަނބުރާ ގެންދަން ޖެހޭ. ސިޔާސީ ކަންކަމަކީ ވެސް ކަންކަން ރަނގަޅު ކުރުމުގެ ބާރެއްކަން ދައްކަން ހިނގާ،" މިހާރުގެ ބޮޑުވަޒީރު ރިޝީ ސުނަކް ބަލި ގަބޫލުކުރެއްވުމާ އެކު ސްޓާމާ ދެއްވި ތަގުރީރުގައި ވިދާޅުވި އެވެ.

އިނގިރޭސި ވިލާތުގެ އާ ބޮޑުވަޒީރުކަމަށް ވަޑައިގަންނަވާ ލޭބާ ޕާޓީގެ ލީޑަރު ކިއާ ސްޓާމާ ޑައުނިން ސްޓްރީޓަށް ވަޑައިގެން ސަޕޯޓަރުންނާ މުހާތަބުކުރައްވަނީ. -- ފޮޓޯ: އޭއެފްޕީ

އިނގިރޭސި ވިލާތުގެ އާ ބޮޑުވަޒީރުކަމަށް ވަޑައިގަންނަވާ ލޭބާ ޕާޓީގެ ލީޑަރު ކިއާ ސްޓާމާ ޑައުނިން ސްޓްރީޓަށް ވަޑައިގެން ސަޕޯޓަރުންނާ މުހާތަބުކުރައްވަނީ. -- ފޮޓޯ: އޭއެފްޕީ

އުމުރުން 61 އަހަރުގެ ސްޓާމާ ވިދާޅުވީ މުޖުތަމައުއަށް ބަދަލެއް ގެންނަން ރައްޔިތުން ވޯޓު ދީފި ކަމަށާއި މިހާރު މިއީ "އަޅުގަނޑުމެން މަސައްކަތް ފަށަންވީ ވަގުތު" ކަމަށެވެ.

އިނގިރޭސި ވިލާތުގައި 2010 ވަނަ އަހަރުން ފެށިގެން ވެރިކަމުގައި އޮތް ކޮންޒަވޭޓިވް ޕާޓީއަށް މި އިންތިހާބުގައި ކުރިމަތިވީ ބޮޑު ނާކާމިޔާބީއެކެވެ. ކޮންޒަވޭޓިވް ޕާޓީ ބަލިވުމުގެ ޒިންމާ ނަންގަވަމުން ރިޝީ ސުނަކް ވަނީ ޕާޓީގެ މެންބަރުންގެ ކިބައިން މާފަށް އެދިވަޑައިގެންފަ އެވެ. ޕާޓީގެ ނާކާމިޔާބީއާ އެކު ސުނަކް އަށް ބޮޑުވަޒީރުކަން ގެއްލުނަސް އޭނާ މެންބަރުކަން އަދާކުރެއްވި ދާއިރާއިން ވަނީ ކާމިޔާބު ހޯއްދަވައި ގޮނޑި ކަށަވަރުކުރައްވައިފަ އެވެ.

އިންތިހާބުގެ ކުރިން ވެސް ލޭބާ ޕާޓީއަށް އިންތިހާބު ކާމިޔާބު ނުވާނެ ކަމަށް އޮތީ ބެލެވިފަ އެވެ. ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކަމުން އައީ ގައުމަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަމާ ހެދި އާންމުންގެ އިތުބާރު އެ ޕާޓީއަށް ކުޑަވެފައިވާ ކަމަށެވެ. ޔޫކޭ 2016 ވަނަ އަހަރު ޔޫރަޕިއަން ޔުނިއަން އިން ވަކިވި ފަހުން "ރިއަލް ވޭޖް" ނުވަތަ އިންފްލޭޝަނާ އަޅާކިޔާއިރު އާމްދަނީން ކުރެވޭ ހޭދަ މަދުވެ ދިރިއުޅުމުގެ ހާލަތު ވަނީ ދަށްވެފަ އެވެ.