Roadha Mihaaru
ޑޭވިޑް އަވަހާރަކޮށްލުން ހަރުކަށި ފިކުރާ ގުޅުވައިފި

ޑޭވިޑް އަވަހާރަކޮށްލުން އިސްލާމީ ހަރުކަށި ފިކުރާ ގުޅުވައިފި

16 އޮކްޓޯބަރ 2021

ލަންޑަން (އޮކްޓޯބަރު 16) - އިނގިރޭސި ޕާލަމެންޓުގެ ކޮންޒަވެޓިވް މެންބަރު ސާ ޑޭވިޑް އެމެސް އަވަހާރަކޮށްލާފައި ވަނީ ޓެރަރިސްޓް ހަމަލާއެއްގައި ކަމަށާއި އެ ހާދިސާ އިސްލާމީ ހަރުކަށި ފިކުރާ ގުޅުވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ލަންޑަން (އޮކްޓޯބަރު 16) - އިނގިރޭސި ޕާލަމެންޓުގެ ކޮންޒަވެޓިވް މެންބަރު ސާ ޑޭވިޑް އެމެސް އަވަހާރަކޮށްލާފައި ވަނީ ޓެރަރިސްޓް ހަމަލާއެއްގައި ކަމަށާއި އެ ހާދިސާ އިސްލާމީ ހަރުކަށި ފިކުރާ ގުޅުވައިފި އެވެ.

ވަޅިން ހަމަލާދީ ޑޭވިޑް އަވަހާރަކޮށްލާފައި ވަނީ އޭނާގެ ދާއިރާގެ މެންބަރުންނާ ވަކިވަކިން ބައްދަލުވުންތަކެއް ބާއްވަމުން ދަނިކޮށެވެ. ޑޭވިޑަށް ދިން ހަމަލާއާ ގުޅިގެން އެ ސަރަހައްދުން ވަނީ 25 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފަ އެވެ.

މެޓްރޯޕޮލިޓަން ޕޮލިސް އިން ބުނީ ހައްޔަރުކޮށްފައި ވަނީ ސޯމާލިއާ ދަރިކޮޅުގެ އިނގިރޭސި ރައްޔިތެއް ކަމަށެވެ. މެޓުން ބުނީ ތަހުގުގައި ވަނީ ލަންޑަން ސަރަހައްދުގެ ދެ ގެއެއް ބަލައި ފާސްކޮށްފައި ކަމަށެވެ. ތަހުގީގުގައި އިސްކޮށް ހަރަކާތްތެރި ވަނީ ކައުންޓަ ޓެރަރިޒަމް ފުލުހުންނެވެ.

ސައުތުއެންޑް ވެސްޓް ތަމްސީލް ކުރައްވާ ޑޭވިޑް، 69، ދާއިރާގެ މީހުންނާ ބައްދަލު ކުރަން ބޭއްވި ބައްދަލުވުމުގައި ކޮންމެ މީހަކަށް ވެސް މައްސަލަތައް ހުށަހަޅައި ބަހުސް ކުރެވެ އެވެ.

ޑޭވިޑް، 69، ގެންދަވަނީ 1983 ވަނަ އަހަރުން ފެށިގެން ޕާލަމެންޓުގެ މެންބަރުކަން ކުރައްވަމުންނެވެ. އަދި މިހާރު ވެސް ކައިވެނި ބައްލަވައިގެން އުޅުއްވާ ޑޭވިޑަށް ފަސް ބޭފުޅުން ލިބިވަޑައިގެންފައިވެ އެވެ.

ޑޭވިޑަކީ ވޭތުވެދިޔަ ފަސް އަހަރު ތެރޭ އިނގިރޭސިވިލާތުގައި އަވަހާރަކޮށްލި ޕާލަމެންޓުގެ ދެ ވަނަ މެންބަރެވެ. ލޭބާ ޕާޓީގެ ޕާލަމެންޓުގެ މެންބަރެއް ކަމަށްވާ ޖޯ ކޮކްސް ވަނީ 2016 ވަނަ އަހަރު އަވަހާރަކޮށްލައިފަ އެވެ. ކޮކްސް ވެސް އަވަހާރަކޮށްލާފައި ވަނީ ދާއިރާގެ މެންބަރުންނާ ބައްދަލު ކުރައްވަނިކޮށެވެ.