Roadha Mihaaru
ގައުމުގެ ކުރިއެރުމަށް ނަޒާހަތްތެރިކަން މުހިންމު: ނައިބު

ގައުމުގެ ކުރިއެރުމަށް ނަޒާހަތްތެރިކަމާއި އަމާނާތްތެރިކަން ވަރަށް މުހިންމު: ނައިބު ރައީސް

09 ޖުލައި 2024

ގައުމުގެ ކުރިއެރުމާއި ކާމިޔާބީ ދެމެހެއްޓުމަށްޓަކައި ނަޒާހަތްތެރިކަމާއި އަމާނާތްތެރިކަން ވަރަށް މުހިންމު ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ރޭ ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ގައުމުގެ ކުރިއެރުމާއި ކާމިޔާބީ ދެމެހެއްޓުމަށްޓަކައި ނަޒާހަތްތެރިކަމާއި އަމާނާތްތެރިކަން ވަރަށް މުހިންމު ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ރޭ ވިދާޅުވެއްޖެ އެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މުވައްޒަފުންގެ އަގުވަޒަންކުރުމަށާއި އެ ކޮމިޝަނުގެ "ކޮރަޕްޝަން ރިސްކް ސެލްފް އެސެސްމަންޓް ޓޫލްކިޓުގެ ޑިޖިޓައިޒް ޕްލެޓްފޯމް" ރަސްމީކޮށް އިފުތިތާހުކުރުމަށްޓަކައި ރޭ އުމަރު ޒާހިރު ބިލްޑިންގައި ބޭއްވި ރަސްމިއްޔާތުގައި ހުސެއިން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން، ރާއްޖޭގެ ތަރައްގީ ހުއްޓި ފުދުންތެރިކަން ގެއްލިގެން ދިޔަ ނުދިނުމަށްޓަކައި، އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ކޮރަޕްޝަން ހުއްޓުވަން ހަރުދަނާ ފިޔަވަޅުތަކެއް އެޅުއްވި ކަމަށެވެ.

އޭސީސީގެ މުވައްޒަފުންގެ އަގުވަޒަންކުރަން ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ހުސެއިން ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

އޭސީސީގެ މުވައްޒަފުންގެ އަގުވަޒަންކުރަން ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ހުސެއިން ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު، މަގާމުގެ ހުވާކުރައްވައި ދެއްވި ފުރަތަމަ ރިޔާސީ ތަގުރީރުގައި ވެސް ރައްޔިތުންނަށް ދެއްވި އެންމެ ބޮޑު އެއް ޔަގީންކަމަކީ އެ ދުވަހުން ފެށިގެން ސަރުކާރުން ޝަރީއަތްތަކަށް ނުފޫޒުފޯރުވުން މުޅިން ހުއްޓުނީކަން ފާހަގަކުރައްވައި ހުސެއިން ވަނީ، އެއީ ކޮރަޕްޝަންގެ ދޮރުތައް ބަންދުކުރައްވަން އެ މަނިކުފާނު އެޅުއްވި މުހިންމު ފިޔަވަޅެއް ކަމަށް ވިދާޅުވެފަ އެވެ.

ނައިބު ރައީސް ވިދާޅުވީ ކޮރަޕްޝަނަށް މަގުފަހިވާ މައްސަލަތައް ތަހުގީގުކުރަން އޭސީސީން އިސްކަންދޭ ގޮތަށް ކޮރަޕްޝަނަށް މަގުފަހިވާ ކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތަށް ވެސް އިސްކަންދޭން ޖެހޭ ކަމަށެވެ. އަދި ސްކޫލު ކުދިންނަށް އަމާޒުކޮށްގެން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގަން ޖެހޭ ކަން ވެސް ފާހަގަކުރެއްވި އެވެ.

އޭސީސީގެ މުވައްޒަފުންގެ އަގުވަޒަންކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ހުސެއިން، އެ ކޮމިޝަނަށް ގިނަ ދުވަހު ހިދުމަތްކުރެއްވި މުވައްޒަފަކަށް ހަދާނީ ފިލާ އަރުއްވަނީ.-- ފޮޓޯ: ރައީސް އޮފީސް

އޭސީސީގެ މުވައްޒަފުންގެ އަގުވަޒަންކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ހުސެއިން، އެ ކޮމިޝަނަށް ގިނަ ދުވަހު ހިދުމަތްކުރެއްވި މުވައްޒަފަކަށް ހަދާނީ ފިލާ އަރުއްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރޭގެ ރަސްމިއްޔާތުގައި އޭސީސީގެ "ކޮރަޕްޝަން ރިސްކް ސެލްފް އެސެސްމަންޓް ޓޫލްކިޓުގެ ޑިޖިޓައިޒް ޕްލެޓްފޯމް" އިފްތިތާހުކޮށްދެއްވީ ނައިބު ރައީސް އެވެ. އަދި އޭސީސީ އަށް ހިދުމަތްކުރާތާ 30 އަހަރުވެފައިވާ ދެ މުވައްޒަފަކަށް އެ ކޮމިޝަނުގެ ފަރާތުން ދިން "ސާވިސް އެވޯޑް"އެ ދެ ބޭފުޅުންނާ ހަވާލުކޮށްދެއްވީ ވެސް އެމަނިކުފާނެވެ.