Roadha Mihaaru
"ކަސްޓަމްސްގެ ސްކޭން ކުރާ އޮފިސަރެއް ސަސްޕެންޑުކުރި"

ވަގަށް ސިގިރޭޓް އެތެރެކުރި މައްސަލާގައި ކަސްޓަމްސްގެ އޮފިސަރަކު ސަސްޕެންޑު ކުރި

16 ޖުލައި 2024

ރާއްޖެ އަށް ވަގަށް ސިގިރޭޓް އެތެރެ ކުރި މައްސަލާގައި ކަސްޓަމްސްގެ މުވައްޒަފަކު ސަސްޕެންޑް ކޮށްފައިވާ ކަމަށް އެ އިދާރާ އިން މިއަދު ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރާއްޖެ އަށް ވަގަށް ސިގިރޭޓް އެތެރެ ކުރި މައްސަލާގައި ކަސްޓަމްސްގެ މުވައްޒަފަކު ސަސްޕެންޑް ކޮށްފައިވާ ކަމަށް އެ އިދާރާ އިން މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގައި ވާހަކަ ދައްކަވަމުން ކޮމިޝަނާ ޖެނަރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު މުހައްމަދު ވިދާޅުވީ، މި ފަހުން ސިގިރޭޓް ކޮންޓެއިނަރެއްގެ އިތުރުން އެއާ ކާގޯ އިން ވެސް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ސިގިރޭޓް ހިފަހައްޓާފައިވާ ކަމަށެވެ.

ނަމަވެސް އެކަން ކުރި މީހުން ހޯދުމަށްޓަކައި އެ ޝިޕްމަންޓުން ބައެއް މާލެ ތެރެއަށް ދޫކޮށްލި ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕޮއިންޓުން އަތުލައިގަތީމާ އަޅުގަނޑުމެންނަކަށް ނޭނގޭ ކޮން ބައެއް ހިއްސާވާ އެއްޗެއް ކަމެއް. އެ ހިސާބުން އެކަންތަކުގައި ވަގުތު އެ ތަނުގައި އުޅޭ މީހުން އެކަނި އެނގޭނީ. އެހެންވެ، އަޅުގަނޑުމެން އެއްބައި އެއްޗެހި މާލެތެރެއަށް ދޫކޮށްލައިގެން ފޮލޯ ކުރީ،" މާނިއު ވިދާޅުވި އެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް މާނިއު 241 ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް މާނިއު 241 ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އެ ތަކެތި އެތެރެކުރި މީހުން ހޯދުމަށް އިންޓެލިޖެންސްގެ ވެސް އެހީތެރިކަން ހޯދައިގެން ކުރި ތަހުގީގުން އޭގެ ފަހަތުގައި ތިބީ ކޮން ބައެއް ކަން އެނގުނު ކަމަށް މާނިއު ވިދާޅުވި އެވެ.

އެ މައްސަލާގައި ސަސްޕެންޑްކުރީ ސްކޭން ކުރާ މެޝިން ކައިރީ ހުރި ކަސްޓަމްސްގެ އޮފިސަރަކު ކަމަށް މާނިއު ވިދާޅުވި އެވެ.

ކަސްޓަމްސް އިން މި ފަހުން ވަނީ ރާއްޖެއަށް މުދާ އެތެރެ ކުރުމުގައި އޮންނަ އިޖުރާއާތު ފުރިހަމަ ނުކޮށް، ސިއްރުން ގެނައި 1.6 މިލިއަން ރުފިޔާގެ ސިގިރޭޓް ކޭސްތަކެއް ވެސް އަތުލައިގެންފަ އެވެ.

މިގޮތުން ހަތަރު ތަނަކުން 173 ކޭސް ސިގިރޭޓް އަތުލައިގެންފައިވާ ކަމަށާއި އިމްޕޯޓު ޑިއުޓީގެ ގޮތުގައި 5.6 މިލިއަން ދިވެހި ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.