Roadha Mihaaru
ތައިލެންޑުން 60 ދުވަހުގެ ވިސާ ލިބޭ ގޮތް ހަދައިފި

ތައިލެންޑަށް ދާ ދިވެހިންނަށް 60 ދުވަހުގެ އޮންއެރައިވަލް ވިސާ ލިބޭ ގޮތް ހަދައިފި

18 ޖުލައި 2024

ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް ވިސާއާ ނުލައި 60 ދުވަހު އެ ގައުމުގައި ތިބެވޭ ގޮތަށް ތައިލެންޑުގެ ސަރުކާރުން ހަމަޖައްސައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް ވިސާއާ ނުލައި 60 ދުވަހު އެ ގައުމުގައި ތިބެވޭ ގޮތަށް ތައިލެންޑުގެ ސަރުކާރުން ހަމަޖައްސައިފި އެވެ.

މީގެ ކުރިން އެ ގައުމަށް ދާ ދިވެހިންނަށް ލިބެނީ 30 ދުވަހުގެ އޮން އެރައިވަލް ވިސާއެކެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ ތައިލެންޑުގެ އިމިގްރޭޝަން އުސޫލުތަކަށް ގެނައި ބަދަލުތަކަކާ ގުޅިގެން، އެ ގައުމަށް ދާ ދިވެހިންނަށް މިދިޔަ ހޯމަ ދުވަހުން ފެށިގެން އިތުރު ލުއި ފަސޭހަތަކެއް ހަމަޖައްސާފައިވާ ކަމަށެވެ.

ތައިލެންޑާ ދެމެދު ހަމަޖައްސާފައިވާ ވިސާ ޕޮލިސީ އަޕްޑޭޓުގައިވާ ގޮތުން ޗުއްޓީއަށާއި ބޭސްފަރުވާ ނުވަތަ ވިޔަފާރީގެ ބޭނުންތަކަށް އެ ގައުމަށް ދަތުރުކުރާ ދިވެހިންނަށް ވިސާއާ ނުލައި 60 ދުވަހު އެ ގައުމުގައި ތިބެވޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

މުއްދަތު އިތުރު ކުރަން ބޭނުންވެއްޖެ ނަމަ ވިސާ ހަމަވުމުގެ ކުރިން ތައިލެންޑް އިމިގްރޭޝަން ޑިޕާޓްމަންޓަށް އެކަން ހުށަހެޅުމުން އިތުރު 30 ދުވަހަށް ވިސާގެ މުއްދަތު އިތުރުކޮށްދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓްރީން ވަނީ ރާއްޖެއިން ބޭރަށް އެކި ބޭނުންތަކުގައި ދަތުރުކުރާ ދިވެހިން ދަތުރަށް ފެށުމުގެ ކުރިން ޓްރެވެލް އިންޝުއަރެންސެއް ހޯދުމާއި އެ ގައުމެއްގެ ގާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އިލްތިމާސް ކޮށްފަ އެވެ.