Roadha Mihaaru
ތިން މެޗުން ވެސް ސެޓެއް ނުލިބި، ސެމީގެ މެޗު މާދަމާ

ތިން މެޗުން ވެސް ޒުވާން ޓީމަށް ސެޓެއް ނުލިބުނު، ސެމީގައި މާދަމާ ލަންކާއާ ދެކޮޅަށް

21 ޖުލައި 2024

ލީގު ބުރުގެ ފަހު މެޗުގައި ނޭޕާލް އަތުން ވެސް ސީދާ ތިން ސެޓުން ބަލިވުމާއެކު، ތިން މެޗުން ވެސް ސެޓެއް ނުލިބި ރާއްޖޭގެ ޒުވާން ޓީމަށް، މިހާރު ކުރިއަށްދާ ކާވާ 20 އަހަރުން ދަށުގެ އަންހެން ވޮލީބޯޅަ ޗެމްޕިއަންޝިޕްގެ ސެމީފައިނަލުގައި ވާދަކުރަން ޖެހިއްޖެ އެވެ.

ލީގު ބުރުގެ ފަހު މެޗުގައި ނޭޕާލް އަތުން ވެސް ސީދާ ތިން ސެޓުން ބަލިވުމާއެކު، ތިން މެޗުން ވެސް ސެޓެއް ނުލިބި ރާއްޖޭގެ ޒުވާން ޓީމަށް، މިހާރު ކުރިއަށްދާ ކާވާ 20 އަހަރުން ދަށުގެ އަންހެން ވޮލީބޯޅަ ޗެމްޕިއަންޝިޕްގެ ސެމީފައިނަލުގައި ވާދަކުރަން ޖެހިއްޖެ އެވެ.

މާލޭގެ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގައި އިއްޔެ ހަވީރު ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުގައި ނޭޕާލުން ސެޓްތައް ގެންދިޔައީ، 25-16، 25-9 އަދި 25-10 އިންނެވެ.

ބުރާސްފަތި ދުވަހުގެ ހަވީރު ކުޅުނު މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެއާ ވާދަކޮށް ކިރިގިސްތާނުން ސެޓްތައް ގެންދިޔައީ، 25-11، 25-11 އަދި 25-17 އިންނެވެ. އަދި ހުކުރު ދުވަހުގެ ހަވީރު ރާއްޖެއާ ދެކޮޅަށް ސްރީ ލަންކާ އިން މެޗުގެ ސެޓްތައް ގެންގޮސްފައި ވަނީ 25-8، 25-9 އަދި 25-16 އިންނެވެ.

ރާއްޖެ އާއި ނޭޕާލް ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރާއްޖެ އާއި ނޭޕާލް ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ކޯޗު ފަތުހުﷲ ވަހީދު (ފައްލޯ) ގެ އިރުޝާދުގެ ދަށުން ކުޅޭ ރާއްޖޭގެ ޓީމަކީ މުބާރާތުގައި ވާދަކުރާ އެންމެ ޒުވާން ޓީމެވެ. އެގޮތުން ރާއްޖޭގެ ސްކޮޑުގެ އެވްރެޖް އުމުރަކީ ގާތްގަނޑަކަށް 17 އަހަރެވެ. އެންމެ ތަޖުރިބާކާރު ކުޅުންތެރިއަކަށް ހުރީ މިދިޔަ އަހަރުން ފެށިގެން ސީނިއާ ސްކޮޑުގައި ވެސް ހިމެނޭ މާޔާ ހުސެއިން ސޮލާހެވެ.

ލީގު ބުރުގައި ރޭންކިންގެ އެއް ވަނަ ހޯދީ ރޭ 3-2 ސެޓުން ކިރިގިސްތާނު ބަލިކުރި ލަންކާ އެވެ. ފަސް ސެޓަށް ދެމިގެންދިޔަ މި މެޗުގެ ސެޓްތައް ގެންގޮސްފައި ވަނީ 25-16، 19-25، 24-26، 25-17 އަދި 15-10 އިންނެވެ.

ލަންކާ ވަނީ ކުޅުނު ތިން މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ. ރޭންކިންގެ ދެ ވަނައަށް ދިޔައީ ދެ މެޗުން މޮޅުވި ކިރިގިސްތާނެވެ.

ރާއްޖެ ބަލިކުރި ނޭޕާނުން ވަނީ ތިން ވަނަ ހޯދައިފަ އެވެ. ރާއްޖެ އަތުން ހޯދި ތިން ސެޓުގެ އިތުރުން އެޓީމުން ވަނީ ލަންކާ އަތުން ވެސް ސެޓެއް ހޯދައިފަ އެވެ.

މުބާރާތުގެ ސެމީ ފައިނަލްގެ މެޗުތައް މާދަމާ ކުޅުމަށް ހަމަޖެހިފައި ވާއިރު، ހަވީރު 4 ޖަހާއިރު ލަންކާއާ ދެކޮޅަށް ރާއްޖެ ނުކުންނާނެ އެވެ. އަދި ރޭގަނޑު 8 ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ކިރިގިސްތާނާއި ނޭޕާލެވެ.

ސެމީ ފައިނަލުން ބަލިވާ ދެ ޓީމު ބައްދަލުކުރާ ތިންވަނަ ހޮވާ މެޗު އަންގާރަ ދުވަހުގެ ހަވީރު ކުޅުމަށް ހަމަޖެހިފައި ވާއިރު، ފައިނަލް މެޗު އޮންނާނީ އަންގާރަ ދުވަހުގެ ރެ އެވެ.