Roadha Mihaaru
ދިވެހި ޓީމު އަތުން ކިރިގިސްތާނަށް ޗެމްޕިއަން

ހިތްވަރުގަދަ ދިވެހި ޓީމު އަތުން ކިރިގިސްތާނަށް ޗެމްޕިއަންކަން

12 ސެޕްޓެމްބަރ 2024

އޭޝިއާގެ ސެންޓްރަލް ޒޯން އަންހެން ވޮލީ ޗެލެންޖް ކަޕްގެ ފައިނަލުގައި ހިތްވަރު ގަދަ ކުޅުމެއް ދެއްކި ރާއްޖޭގެ ޓީމު 3-2 ސެޓުން ބަލިކޮށް ކިރިގިސްތާނުން ޗެމްޕިއަންކަން ހޯދައިފި އެވެ.

އޭޝިއާގެ ސެންޓްރަލް ޒޯން އަންހެން ވޮލީ ޗެލެންޖް ކަޕްގެ ފައިނަލުގައި ހިތްވަރު ގަދަ ކުޅުމެއް ދެއްކި ރާއްޖޭގެ ޓީމު 3-2 ސެޓުން ބަލިކޮށް ކިރިގިސްތާނުން ޗެމްޕިއަންކަން ހޯދައިފި އެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި މިރޭ ފަސް ސެޓަށް ދެމިގެން ދިޔަ މެޗުގެ ސެޓްތައް ކިރިގިސްތާނުން ގެންދިޔައީ 25-17، 24-26، 25-18، 22-25 އަދި 15-9 އިންނެވެ.

ފުރަތަމަ ސެޓް 25-17 އިން ރާއްޖެއަށް ގެއްލުނު ނަމަވެސް ދެވަނަ ސެޓު ރާއްޖޭން ވަނީ 26-24 ޕޮއިންޓުން ކާމިޔާބު ކޮށްފަ އެވެ. ތިންވަނަ ސެޓުގައި ރާއްޖޭން ގިނަ ވަގުތު ލީޑުގައި އޮތް ނަމަވެސް ފަހު ވަގުތު ކިރިގިސްތާނުން ކުޅުން ރަނގަޅުކޮށް 25-18 އިން ކާމިޔާބު ކޮށްގެން އިތުބާރު ހޯދި އެވެ.

ނަމަވެސް ހަތަރުވަނަ ސެޓްގައި ރާއްޖޭން ލީޑުގައި އޮވެ 25-22 އިން ކުރި ހޯދުމުން ފަސްވަނަ ސެޓެއް ކުޅެން ޖެހުނީ އެވެ. ފަހު ސެޓުގެ ކުރީކޮޅު ކިރިގިސްތާނުން ބޮޑު ލީޑެއްގައި ކުރިއަށް ދިޔައިރު ރާއްޖޭގެ ޓީމު ހަމަޔަކަށް އެޅެން ވަގުތުކޮޅެއް ނެގި އެވެ. ނަތީޖާއެއްގެ ގޮތުން ކިރިގިސްތާނުން ވަނީ 15-9 އިން ފަހު ސެޓް ގެންގޮސް ޗެމްޕިއަންކަން ހޯދައިފަ އެވެ.

މުބާޜާތުގެ ޑްރީމް ޓީމުގައި ރާއްޖޭގެ ދެ ކުޅުންތެރިން ހިމެނިފައިވެ އެވެ. އެއީ އޮޕަސިޓް ސްޕައިކަރު އައިޝަތު ޝަހާ ޝާމިން އާއި ސެޓަރު ފާތިމަތު ޖޫޒާން ޒަރީރެވެ.

ޑްރީމް ޓީމުގައި ދެން ހިމެނެނީ ކަޒަކިސްތާނުގެ ކީޒީ ރޯޒާ އާއި އާމިރަކުލޯވާ ސައިކަލް އަދި އެގައުމުގެ ލިބަރޯ ސެއިޓްބެކޯވާ އަސިމާގެ އިތުރުން ތަޖިކިސްތާނުގެ ގޯޑޯފަރީދް އަގްނަޒަރޯވާ އާއި އަފްޣާނިސްތާނުގެ މުހައްމަދީ ރޮގްހާޔޭ އެވެ.

ހަތަރު ޓީމު ވާދަކުރި މުބާރާތުގެ ރައުންޑް ރޮބިން ބުރުގައި ރާއްޖެ ވަނީ ސީދާ ތިން ސެޓުން ކިރިގިސްތާން އަތުން ބަލިވެފަ އެވެ. ނަމަވެސް އެ މެޗުގައި ވެސް ރާއްޖޭން ހިތްވަރުގަދަ ކުޅުމެއް ދެއްކި އެވެ. ރާއްޖެ ފައިނަލަށް ދަތުރު ކުރީ ރޭންކިންގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލް ކުޅެގެން ތަޖިކިސްތާން ބަލިކޮށްފަ އެވެ. ތަޖިކިސްތާނުން ވަނީ މިއަދު ހަވީރު 3-1 ސެޓުން ޣާނިސްތާން ބަލިކޮށް މުބާރާތުން ބްރޯންޒް މެޑަލް ހޯދައިފަ އެވެ.

ކިރިގިސްތާނުން ވަނީ ޖުލައި މަހު ރާއްޖޭގައި ބޭއްވި 20 އަހަރުން ދަށުގެ ކާވާ އަންހެނުންގެ ޗެމްޕިއަންޝިޕް ވެސް ކާމިޔާބު ކޮށްފަ އެވެ.