Roadha Mihaaru
ދުނިޔޭގެ ތާރީހުގައި އެންމެ ހޫނުވީ މިދިޔަ ހޯމަ ދުވަހު

ދުނިޔޭގެ ތާރީހުގައި ވެސް އެންމެ ހޫނުވީ މިދިޔަ ހޯމަ ދުވަހު

25 ޖުލައި 2024

ދުނިޔޭގެ ތާރީހުގައި މިހާތަނަށް އެންމެ ހޫނު ގަދަ ދުވަސް ކަމަށް މިދިޔަ އާދީއްތަ ދުވަސް ރެކޯޑް ކުރެވިފައި ވަނިކޮށް، ޖެހިގެން އައި ހޯމަ ދުވަހު އެއަށްވުރެ ހޫނު ގަދަވެ އާ ރެކޯޑެއް ގާއިމުވެފައިވާ ކަމަށް ޔޫރަޕުގެ މޫސުމާ ބެހޭ އިދާރާއިން ބުނެފި އެވެ.

ދުނިޔޭގެ ތާރީހުގައި މިހާތަނަށް އެންމެ ހޫނު ގަދަ ދުވަސް ކަމަށް މިދިޔަ އާދީއްތަ ދުވަސް ރެކޯޑް ކުރެވިފައި ވަނިކޮށް، ޖެހިގެން އައި ހޯމަ ދުވަހު އެއަށްވުރެ ހޫނު ގަދަވެ އާ ރެކޯޑެއް ގާއިމުވެފައިވާ ކަމަށް ޔޫރަޕުގެ މޫސުމާ ބެހޭ އިދާރާއިން ބުނެފި އެވެ.

ކޮޕޭނިކަސް ކްލައިމެޓް ޗޭންޖް ސާވިސް (ސީ3އެސް)ގެ ވަގުތީ ޑޭޓާތައް ދައްކާ ގޮތުގައި، މިދިޔަ ހޯމަ ދުވަހުގެ ހޫނުމިން ހުރީ 17.15 ޑިގްރީސް ސެލްސިއަސް ނުވަތަ 62.9 ޑިގްރީސް ފެރެންހައިޓްގަ އެވެ.

މިއީ ދުނިޔޭގެ ތާރީހުގައި އެންމެ ހޫނަ ގަދަ ދުވަހުގެ ގޮތުގައި ރެކޯޑު ކުރެވުނު، އޭގެ ކުރީ ދުވަހަށް ވުރެ 0.06 ސެލްސިއަސް މަތި އަދަދެކެވެ.

"މިއީ ސީދާ ކްލައިމެޓް ސައިންސުން ބުނަމުން އައި ވާހަކަ. ތިމާވެއްޓަށް ނުވިސްނައި ތެލާއި ވިހަ ގޭސް ބޭރުކުރުމުގެ ނަތީޖާ މި ފެންނަނީ،" ލަންޑަންގެ އިމްޕީރިއަލް ކޮލެޖުގެ ކްލައިމެޓް ސައިންޓިސްޓް ޖޮއިސް ކިމުޓައި އޭއެފްޕީ ނޫހަށް ބުންޏެވެ.

މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ބޮޑުވަމުން އަންނަ އިރު، ދުނިޔޭގެ އެކި ހިސާބުތަކުގައި ހޫނުމިން ވަނީ ރެކޯޑު މިންވަރަކަށް އުފުލިފަ އެވެ. ހޫނުގަދަވުމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީހުން ވެސް ވަނީ މަރުވެފަ އެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އިންޑިއާ އާއި ސައުދީ އަރަބިއްޔާ އާއި އެމެރިކާ އަދި މެކްސިކޯގައި ވެސް އާދަޔާ ހިލާފަށް ހޫނު ގަދަވެ އެތައް ބަޔަކު މަރުވެފަ އެވެ.

މިދިޔަ އަހަރަކީ ދުނިޔޭގެ ތާރީހުގައި އެންމެ ހޫނުގަދަ އަހަރުގެ ގޮތުގައި ރެކޯޑު ކުރެވިފައިވާ އިރު، މި އަހަރު އެ ރެކޯޑު އާވާނެ ކަމަށް ސައިންސްވެރިން ވަނީ ލަފާކޮށްފަ އެވެ.