Roadha Mihaaru

މާލެ ސަރަހައްދުގެ ވައި ނުރައްކާ މިންވަރަށް ނުސާފުވެއްޖެ

ނޭވާލާ ނިޒާމުގެ ބަލިތައް ތަހަައްމަލުކުރާ މީހުންނާއި ކުޑަކުދިންގެ ސިއްހަތަށް ސަމާލުކަން ދޭންޖެހޭ މިންވަރަށް މާލެ އާއި ރާއްޖޭގެ އެހެން ބައެއް ސަރަހައްދުތަކުގައި މި ދުވަސްވަރު ވައި ނުސާފު ކަމަށް، އެއާ ކޮލިޓީ އިންޑެކްސް މޮނިޓާތަކުން ދައްކައިފި އެވެ.

މާލެ ސަރަހައްދުގެ ވައި ނުރައްކާ މިންވަރަށް ނުސާފުވެއްޖެ
މުހައްމަދު ނަސީމް
މުހައްމަދު ނަސީމް

10 ޑިސެމްބަރ 2025

ނޭވާލާ ނިޒާމުގެ ބަލިތައް ތަހަައްމަލުކުރާ މީހުންނާއި ކުޑަކުދިންގެ ސިއްހަތަށް ސަމާލުކަން ދޭންޖެހޭ މިންވަރަށް މާލެ އާއި ރާއްޖޭގެ އެހެން ބައެއް ސަރަހައްދުތަކުގައި މި ދުވަސްވަރު ވައި ނުސާފު ކަމަށް، އެއާ ކޮލިޓީ އިންޑެކްސް މޮނިޓާތަކުން ދައްކައިފި އެވެ.

"އައިކިއު އެއާ" ގައި ހުރި މައުލޫމާތުން ދައްކާ ގޮތުގައި "ފައިން ޕާޓިކިއުލޭޓް މެޓާ" (ހިރަފުސް ކުނޑި) ނުވަތަ ޕީއެމް2.5 މިހާރު ހުރީ ކޮންމެ ކިއުބިކް މީޓަރެއްގައި 41.3 މައިކްރޯ ގްރާމްގަ އެވެ.

މިއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރައްކާތެރި ކަމަށް ކަނޑައަޅާފައިވާ އެންމެ ދަށް މިންވަރަށް ވުރެ 8.3 ގުނަ މަތީ މިންވަރެކެވެ.

މިއީ ނޭވާލާ ނިޒާމުގެ ތެރެއިން ފުއްޕާމެއަށާއި ލޭގެ ތެރެއަށް އެތެރެވާހާ ހިމުން ކުނޑި އެވެ.

އެ މިންވަރަށް އެހާ ހިމުން ހިރަފުސް ނުވަތަ ކުނޑި ވައިގެ ތެރޭގައި ހުރުމަކީ ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ މީހުންނާއި ކުޑަކުދިންނަށް ކެއްސުމާއި ނޭވާލާން އުނދަގޫވުން ފަދަ މައްސަލަތައް ކުރިމަތިވާނެ ކަމެކެވެ.

އައިކިއުއެއާ އިން ލަފާކޮށްފައިވާ ގޮތުގައި ވައިގެ ނުސާފުކަން ކުރިއަށް އޮތް ދެތިން ދުވަސް ތެރޭ މިއަދަށްވުރެ ކުޑަ ތަންކޮޅެއް ރަނގަޅުވުމަށް ފަހު އަންނަ ހަފްތާގެ އަންގާރަ ދުވަހާ ހިސާބަށް ދާއިރު މިހާރަށް ވުރެ ވެސް ގޯސްވާނެ އެވެ.

މިއަދު މާލެ ސަރަހައްދު އޮތީ ވަރަށް ބޮޑަށް ފުސްވެ ދުރު ފެންނަ މިންވަރު ވަރަށް ބޮޑަށް ދަށްވެފަ އެވެ.

ކޮންމެ އަހަރެއްގެ ހުޅަނގުމޫސުން ނިމި އިރުވައި މޫސުން ފެށޭ ދުވަސްވަރު ނުވަތަ ދިވެހިން އާއްމުކޮށް ކިޔައި އުޅޭ ގޮތުން ނަމަ ދެ މޫސުން ބެދޭ ދުވަސްވަރު ރާއްޖޭގެ ވައި އާންމުކޮށް ނުސާފުވެ އެވެ. އަދި ބައެއް ފަހަރު މި މައްސަލަ ވަރަށް ބޮޑުވެ އެވެ.

މޫސުން ދިރާސާކުރާ އިދާރާތަކުން ބުނާ ގޮތުގައި މި މޫސުމުގައި ރާއްޖޭގެ ވައި ނުސާފުވަނީ އިންޑިއާ އާއި ޕާކިސްތާން އަދި ޗައިނާ ހިއްސާކުރާ ފަރުބަދަ ޗޭނު "ހިމާލަޔާސް" އަށް ޖެހޭ ވައި ރާއްޖެއާ ދިމާލަށް ދަތުރުކުރާތީ އެވެ. އެ ވައިގައި އެކުލެވޭ ނުސާފުކަމަކީ ހިރަފުހާއި ފެކްޓްރީތަކުން އަރާ ދުން އެކުލެވޭ ނުސާފުކަމެކެވެ.

މި މައުލޫމާތު ގެނެސްދޭ ވެބްސައިޓްތަކާއި އެޕްލިކޭޝަންތަކުން އާއްމުކޮށްފައިވާ މައުލޫމާތުން ދައްކާ ގޮތުގައި އިންޑިއާގެ މަތީގައި އޮތް ހިރަފުސްގަނޑުގެ އަސަރު އެންމެ ބޮޑަށް މިހާރު ކުރަމުން ދަނީ މަލިކު ހިމެނޭ ލަކްޝަދީޕްގެ ރަށްތަކަށެވެ.

އެކަމުގެ އަސަރު، ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ރާއްޖޭގެ އުތުރުގެ ބޮޑު ބަޔަަކަށް ކުރާނެ ކަމަށް ވެސް އެ މައުލޫމާތަށް ބަލައި ލަފާކުރެވެ އެވެ.

ވައި އެންމެ ނުސާފު ވެރިރަށް ކަމަށްވާ އިންޑިއާގެ ނިއު ދިއްލީގައި ވެސް މި ދުވަސްވަރު ވައި ނުސާފުވުމުގެ މައްސަލަ ބޮޑެވެ. އެ ސަރަހައްދުގައި ވަނީ ވަޔާއި އެއްގަމު ދަތުރުފަތުރަށް ހުރަސްއެޅޭ ވަރަށް ވައި ނުސާފުވެފަ އެވެ.