Roadha Mihaaru
ފީފާގެ ކޮމިޓީއާ އެކު އެފްއޭއެމަށް އެންމެ ފަހުން ދިރުން

މަރު އެނދުގައި އޮތް އެފްއޭއެމަށް ފީފާގެ ކޮމިޓީއާ އެކު އެންމެ ފަހުން ދިރުން

25 ޖުލައި 2024

މިދިޔަ އަންގާރަ ދުވަހުގެރޭ ފީފާ އިން ފުޓްބޯޅަ އަށް ލޯބިކުރާ ދިވެހީންނަށް ވަރަށް އުފާވެރި ހަބަރެކެވެ. ހަމަމަގުން ކައްސާލައިފައި އޮތް އެފްއޭއެމް، އާއްމު ހާލަތަކަށް އެޅުވުމަށް ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކުރަން ނިންމީ އެވެ. މިއީ ފީފާ އިން އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކުރާ ތިން ވަނަ ފަހަރެވެ. ނަމަވެސް މީގެ ކުރީ ދެ ފަހަރަށް ވުރެ މި ފަހަރު އެ ކޮމިޓީގެ މެންޑޭޑް ބޮޑުވެފައި، މަސައްކަތް އިތުރުވާނެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މިދިޔަ އަންގާރަ ދުވަހުގެރޭ ފީފާ އިން ފުޓްބޯޅަ އަށް ލޯބިކުރާ ދިވެހީންނަށް ވަރަށް އުފާވެރި ހަބަރެކެވެ. ހަމަމަގުން ކައްސާލައިފައި އޮތް އެފްއޭއެމް، އާއްމު ހާލަތަކަށް އެޅުވުމަށް ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކުރަން ނިންމީ އެވެ. މިއީ ފީފާ އިން އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކުރާ ތިން ވަނަ ފަހަރެވެ. ނަމަވެސް މީގެ ކުރީ ދެ ފަހަރަށް ވުރެ މި ފަހަރު އެ ކޮމިޓީގެ މެންޑޭޑް ބޮޑުވެފައި، މަސައްކަތް އިތުރުވާނެ އެވެ.

ފީފާ އިން އެންމެ ފުރަތަމަ ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނަށް ނޯމަލައިޒޭޝަން ކޮމިޓީއެއް ލެއްވީ 2008 ވަނަ އަހަރެވެ. އޭރު އެގޮތަށް ނިންމީ، އެފްއޭއެމް އަކީ އުފެދުނީއްސުރެ ސަރުކާރުން އައްޔަންކުރާ ވެރިން ތިބޭ ތަނަކަށް އޮތް އޮތުން ބަދަލުކޮށް، އަސާސީ ގަވާއިދެއް އެކުލަވާލައި ޑިމޮކްރެޓިކް އިންތިހާބެއް ބޭއްވުމަށް މަގުކޮށުމަށެވެ.

ތަޖުރިބާކާރު ފުޓްބޯޅަ އެޑްމިނިސްޓްރޭޓާރު އަހުމަދު ޝާހިރުގެ ރައީސްކަމުގައި، މިހާރުގެ ސްޕޯޓްސް ސްޓޭޓް މިނިސްޓަރު ސަލްސާ އިބްރާހީމް އާމިރާއި، އަހުމަދު ހަފީޒް (ޑިކޭ)، އާއި ކުރީގެ ދެ ކުޅުންތެރިން ކަމަށްވާ ޝާހު އިސްމާއީލާއި، އަހުމަދު އިގުބާލް ހިމަނައިގެން ނެގި އެ ކޮމިޓީން، އެންމެ ފުރަތަމަ ކުރަން ޖެހުނީ ކްލަބްތަކުގެ އަސާސީ ގަވާއިދަށް ބަދަލު ގެނައުމުގެ މަސައްކަތެވެ.

އޭގެ ސަބަބަކީ، އެފްއޭއެމަށް ވެރިން ހޮވަން ފީފާ އިން ބޭނުންވަނީ ކްލަބްތަކުގެ ވޯޓުން ކަމަށްވެފައި، ކްލަބްތަކުގެ ވެރިންނަކީ ވެސް ޑިމޮކްރަޓިކްކޮށް އިންތިހާބުވެފައި ތިބޭ ބަޔަކަށް ވާން ޖެހުމެވެ. ފީފާ އާއި އޭއެފްސީގެ ލޯޔަރުންގެ އެހީގައި އެންމެ ފުރަތަމަކޮށް ނިންމީ އެ މަސައްކަތެވެ.

"އެފަދަ ކަންކަމާ ހެދި ކޮންމެވެސް ވަރަކަށް މަސައްކަތް ދިގުލައިގެން ދިޔަ. އެކަމަކު ސްޕޯޓްސް މިނިސްޓަރު ވަހީދުއްދީނާއި، ސަރުކާރުގެ އެހެން ފަރާތްތަކުގެ އެއްބާރުލުމާ އެކު ވަރަށް އޮމާންކޮށް މަަސައްކަތްތައް ދިޔައީ،" ޝާހިރު ވިދާޅުވި އެވެ.

ޝާހިރު: އޭރު ކޮމިޓީގެ ޗެއާމަން.

ޝާހިރު: އޭރު ކޮމިޓީގެ ޗެއާމަން.

ކަން ދިމާކުރި ގޮތުން އެ ދުވަސްވަރު ދިމާވީ ރާއްޖެ އާއި ސްރީ ލަންކާގައި ބާއްވަން އޮތް ސާފް ޗެމްޕިއަންޝިޕާ އެވެ. އެހެންވެ ރާއްޖޭގައި އޮންނަ އެ މުބާރާތުގެ މެޗުތައް އިންތިޒާމުކުރުމުގެ އިތުރުން މުބާރާތަށް ގައުމީ ޓީމު ތައްޔާރުކުރުމުގެ ޒިންމާ ވެސް އޮތީ އެ ކޮމިޓީގެ މެންޑޭޓުގަ އެވެ.

އެ ފަހަރު ގައުމީ ޓީމަށް ކޯޗުން ހަމަޖެއްސުމާއި، އޮފިޝަލުން ލެއްވުމާއި، ކުޅުންތެރިން ނެގުމުގައި ކޮމިޓީ އަށް ބޮޑެތި ޕްރެޝަރުތަކެއް ވާދަވެރި ކްލަބްތަކުގެ ފަރާތުން އަމާޒުވި އެވެ. އަދި އެ އަހަރު ރާއްޖޭގައި އޮތް ރިޔާސީ އިންތިހާބުގެ ހިޔަނި ވެސް އެޅުނެވެ.

ނަމަވެސް އެ ހުރިހާ ކަމެއްގެ ތެރެއިން ކާމިޔާބުކަމާ އެކު ނޯމަލައިޒޭޝަން ކޮމިޓީން ސާފް ޗެމްޕިއަންޝިޕް ހޯސްޓްކޮށް، އަދި ރާއްޖެ އަށް އަލަށް ތަށި ހޯދައިދިނެވެ. އެހެންކަމުން އެފްއޭއެމްގެ އެންމެ ކާމިޔާބު ދުވަސްތަކުގެ ތެރޭގައި، ވަގުތީ ކޮމިޓީއެއްގެ ދަށުގައި އެ އެސޯސިއޭޝަން އޮތް ދުވަސްވަރު ހިމެނެ އެވެ.

އެ ކޮމިޓީގެ ބެލުމުގެ ދަށުން އަސާސީ ގަވާއިދު އިސްލާހުކޮށް، އިންތިހާބު ބޭއްވީ އެ މުބާރާތް ނިމުނުތާ ކައިރީގަ އެވެ. އެ އިންތިހާބުގައި، މުޅި ރާއްޖެ ހިމެނޭހެން ވޯޓުލުމުގެ ހައްގު ނުލިބޭތީ ބައެއް ފަރާތްތަކުން މުޒާހަރާ ވެސް ކުރި އެވެ. ނަމަވެސް ކޮމިޓީން ބުނީ، އެފަދަ ބޮޑު ބަދަލެއް އެއް ފަހަރުން ގެނައުން ބުއްދިވެރި ނުވާނެ ކަމަށާއި، ކުރިއަށް ދާނީ ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކަމަށެވެ.

ޒުވާނުންގެ މަރުކަޒުގައި ބޭއްވި އިންތިހާބު ކާމިޔާބުކުރައްވައި އެފްއޭއެމްގެ ފުރަތަމަ އިންތިހާބީ ރައީސަކަށް ވެވަޑައިގެންނެވީ އަލީ އާޒިމެވެ.

އެފްއޭއެމް ދެ ވަނަ ފަހަރަށް ނޯމަލައިޒޭޝަން ހާލަތަކަށް ދިޔައީ، އާޒިމްގެ ފަހުން އިންތިހާބުވެވަޑައިގެންނެވި އިލްހާމް އަހުމަދުގެ ދައުރު ފީފާ އިން ނިންމާލުމުންނެވެ. އާޒިމާ ދެކޮޅަށް ގިނަ ކްލަބްތަކެއް އިއްތިހާދުވެ، ރައީސްކަމަށް ގެންނެވި، ފުޓްބޯޅައާ އެއްވެސް ގުޅުމެއް ނެތް އިލްހާމްގެ ދައުރުގައި އެ އެސޯސިއޭޝަނުގެ ހިންގުން ވަރަށް ބޮޑަށް ބޮއްސުންލައި ގޮސް، އޭނާއާ ދެކޮޅަށް އެންމެ ފަހުން ނުކުތީ އޭނާ އެ މަގާމަށް ގެނައުމަށް ވާގިވެރިވީ މީހުންނެވެ. އަދި ފީފާ އިން ނޯމަލައިޒޭޝަން ކޮމިޓީގެ ރައީސަކަށް އެ ފަހަރު އައްޔަންކުރީ ވެސް އިލްހާމްގެ ފަހަތުގައި ކުރިން ހުންނެވި މުހައްމަދު ޝަވީދެވެ.

ދެ ވަނަ ފަހަރަށް އެކުލަވާލި ނޯމަލައިޒޭޝަން ކޮމިޓީގެ ރައީސް ޝަވީދު.

ދެ ވަނަ ފަހަރަށް އެކުލަވާލި ނޯމަލައިޒޭޝަން ކޮމިޓީގެ ރައީސް ޝަވީދު.

ޝަވީދުގެ ލީޑާޝިޕްގެ ދަށުން ނޯމަލައިޒޭޝަން ކޮމިޓީން ވެސް ކުރީ ވަރަށް ކާމިޔާބު މަސައްކަތެކެވެ. އެ ކޮމިޓީން ފީފާ އިން ދިން މުއްދަތުގައި އެފްއޭއެމްގެ އަސާސީ ގަވާއިދު ފާސްކޮށް އިންތިހާބަކާ ހަމަޔަށް އެ އެސޯސިއޭޝަން ގެންދިޔަ އެވެ. މީގެ އިތުރުން ދިވެހި ޕްރިމިއާ ލީގު ތައާރަފްކޮށް، އެ މުބާރާތުގެ ސްޕޮންސާޝިޕް ބޮޑު އަގެއްގައި އުރީދޫ އަށް ދީ ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކަށް ބޮޑު އާމްދަނީއެއް ލިބޭ ގޮތް ހަމަޖެއްސި އެވެ. އަދި ދިވެހި ފުޓްބޯޅައިގެ އޮނިގަނޑު ބަދަލުކޮށް ޕީޕަލްސް ކަޕް ތައާރަފްކޮށް ގައުމީ ޓީމަށް އެކުވެރިކަމުގެ ގިނަ މެޗުތަކެއް ޝަވީދުގެ ލީޑާޝިޕުން ހޯދައިދިނެވެ.

ފީފާ އިން މި ފަހަރު އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކުރީ، އޭރު ޝަވީދުގެ ދައުރުގައި ޖެނެރަލް ސެކްރެޓަރީއަކަށް ހުންނެވި ބައްސާމް އަދީލްގެ ރައީސްކަމުގައި އެފްއޭއެމް، މިހާތަނަށް ނުދާހާ ދަށް ހާލަތަކަށް ދިއުމުންނެވެ.

އެފްއޭއެމްގެ މައްސަލަ ފެށުނީ 2018 ވަނަ އަހަރެވެ. ބައްސާމުގެ ލީޑާޝިޕުގައި އެފްއޭއެމްގެ ހިންގުން ދޯހަޅިކަމަށް ބުނެ ރާއްޖޭގެ އެންމެ ބޮޑު ދެ ކްލަބް ކަމަށްވާ ނިއު ރޭޑިއަންޓާއި، ވިކްޓްރީން އެގްޒެކެޓިވް ކޮމިޓީގެ އިތުބާރު ނެތް ކަމަށް ހުށަހެޅުމުން، އެ ދެ ކްލަބް ސަސްޕެންޑްކުރީ އެވެ. ކުޅުންތެރިންނަށް މުސާރަ ނުދޭ ކަމަށް ސަބަބު ދައްކައިފަ އެވެ.

އޭގެ ފަހުން މައްސަލައަކަށް ފަހު މައްސަލައެއް ކުރިމަތިވެ، ޖުމްލަކޮށް އެންމެންގެ އިތުބާރު ބައްސާމަށް ގެއްލުނީ އެވެ. ކުރިން އޭނާ އަށް ބައިއަތު ހިފައިގެން ތިބި ކްލަބްތައް ވެސް އޭނާއާ ދެކޮޅުވީ އެވެ. ފައިސާގެ މައްސަލަތައް އޮތީ ފުނިޖެހިފަ އެވެ. ގައުމީ ޓީމަށް ދޭން ވިޔަފާރިވެރިޔަކު ދިން ފައިސާ ވެސް ނުދީ އޮތުމުން ކުޅުންތެރިންގެ ރުޅިވެރިކަން އަމާޒުވީ އެވެ. މުބާރާތްތައް ހުއްޓި، ގައުމީ ޓީމުގެ ނަތީޖާތައް ދަށްވުމުން، ސަޕޯޓަރުންގެ ހިތްހަމަޖެހުން ވެސް ބޮޑުވީ އެވެ.

ކޮންމެވެސް ބަޔަކަށް އެފްއޭއެމް ދަރައިގެން ފައިސާ ދައްކަން ކޯޓުން ހުކުމް ނުކުރާ މަހެއް މަދެވެ. ފީފާ އިން ދިން ފައިސާ ވެސް ނަހަމަ ގޮތުގައި ބޭނުންކުރާ ކަމުގެ ތުހުމަތުތައް ކުރެވި ފީފާ އިން ވެސް ބަޖެޓް ދިނުން ހުއްޓާލީ އެވެ. ކަރަންޓު ބިލު ނުދައްކާތީ އެ އިދާރާ އިން ކަރަންޓު ކަނޑާލި އެވެ. ހިޔާނާތުގެ މައްސަލަތަކެއް ބަލަން އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް އެތަނަށް ވަނެވެ.

އިންތިހާބުގައި އިދިކޮޅަށް ނުކުންނެވި ކެންޑިޑޭޓް އަހުމަދު ތޯރިގް (ޓޮމް) އަށް، ބައްސާމްގެ ބޮޑު މަސްލަހަތެއް އޮންނަ ވެލެންސިއާ އިން ތާއީދުކުރުމުން، ކުއްލިއަކަށް ފެނުނީ އެ ކްލަބާ ދެކޮޅަށް ވެސް ފިޔަވަޅު އެޅިތަނެވެ.

އެންމެ ފަހުން ބައްސާމަށް މަނީ ލޯންޑަރިން އާއި ފައިސާ އަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުކޮށް ފީފާ އިން އޭނާ ނުވަ މަސް ދުވަހަށް ސަސްޕެންޑްކުރީ އެވެ. އަދި އިންތިހާބުގެ މަސައްކަތް ހުއްޓާލުމަށް ވެސް ފީފާ އިން އެންގި އެވެ.

އެހެން އޮއްވާ ބައްސާމުގެ ދައުރު ހަމަވެ އެ އެސޯސިއޭޝަން ގާނޫނީ ހުސްކަމަކަށް އައީ އެވެ. ކޮންމެހެން ކުރަން ޖެހޭ ކަމެއް ކުރަން ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފްއާ ހަވާލުކޮށް، ފީފާ އިން ދިޔައީ ދެން ހަދާނެ ގޮތެއް ހޯދުމަށް މަޝްވަރާ އަށެވެ.

އެންމެ ފަހުން މިދިޔަ އަންގާރަ ދުވަހުގެރޭ ފީފާ އިން އިއުލާންކުރީ، އެފްއޭއެމް އާއްމު ހާލަތަކަށް ގެނައުމުގެ ޒިންމާ ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކޮށް، އެ ކޮމިޓީގެ ބެލުމުގެ ދަށަށް އެފްއޭއެމް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް އެ ކޮމިޓީގައި ތިއްބަވާނީ ކޮން ބައެއްކަމެއް އަދި ނުބުނެ އެވެ.

އެފްއޭއެމްގެ އެންމެ ފަހުގެ ރައީސް ބައްސާމް (ވ) ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ އެކު.

އެފްއޭއެމްގެ އެންމެ ފަހުގެ ރައީސް ބައްސާމް (ވ) ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ އެކު.

ފީފާ އިން އެ ކޮމިޓީއާ މަތިކުރީ އަންނަ އަހަރުގެ ޖުލައި 31 ގެ ކުރިން އެފްއޭއެމްގެ ކަންކަން ހައްލުކޮށް، އާ އިންތިހާބެއް ބާއްވައި، އިންތިހާބުވާ އެގްޒެކެޓިވް ކޮމިޓީއަކާ އެތަން ހަވާލުކުރުމަށެވެ. ނަމަވެސް، އެއަށް ވުރެ އިތުރު ޒިންމާތަކެއް ވެސް އޮންނާނެ ކަމަށް ބެލެވެ އެވެ.

ކުރީގެ ނޯމަލައިޒޭޝަން ކޮމިޓީގެ ރައީސް ޝާހިރު ވިދާޅުވީ މި ފަހަރު އޮންނާނީ ހަމައެކަނި އަސާސީ ގަވާއިދަށް ބަދަލު ގެނެސް އިންތިހާބު ބޭއްވުން އެކަނި ކަމަށް ގަބޫލުނުކުރެވޭ ކަމަށާއި އޮޑިޓެއް ހެދުން ވެސް އޮންނާނެ ކަމަށެވެ.

"ފީފާ އިން ވެސް ރައީސް ސަސްޕެންޑްކުރާނީ، ކޮންމެވެސް ކަންތައްތަކެއް ފާހަގަކުރެވުނީމަތާ. އެހެންވެ މިނިވަން އޮޑިޓެއްކޮށް، ފައިސާތަކަށް ވީނުވީ ގޮތް ބަލަން ވެސް ހަވާލުކުރާނެ ކަމަށް ބެލެވޭ،" ފީފާގެ މެޗު ކޮމިޝަނަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރައްވާ ޝާހިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސްޕޮންސަރުންގެ ހައްގުތަކަށް ގެއްލުން ލިބޭ ނަމަ ފީފާ އިން އެކަން ވަރަށް ބޮޑަށް ބަލާނެ ކަމަށާއި، އެފްއޭއެމްގެ އެންމެ ބޮޑު ސްޕޮންސަރަކީ ސަރުކާރު ކަމަށާއި، ސަރުކާރަށް ފައިސާ ލިބެނީ ޓެކްސް ދައްކާ އާއްމުންގެ އަތުން ކަމަށް ވުމުން، އެފްއޭއެމް އިން ގެއްލިފައިވާ ނަމަ އެ ގެއްލުނީ އާއްމުންގެ ފައިސާ ކަމަށެވެ.

"އަނެއްކާ އެފްއޭއެމް އަށް ސަރުކާރުގެ ވަސީލަތްތައް މި އޮންނަނީ ދީފައި ފައިސާ ހޯދާށާއި، މުބާރާތްތައް ބާއްވަން. އެހެންވެ މި ހުރިހާ ކަމަކަށް އިހުމާލުވެފައި އޮތްތޯ ބަލާނެ ފީފާ އިން،" އޭނާ ވިދާޅުވި އެވެ.

މިއީ ހުސް ފުޓްބޯޅަ އަށް ލޯބިކުރާ މީހުންނާއި، ފުޓްބޯޅަ ކުޅުންތެރިންނާއި، ފުޓްބޯޅައިގެ ހިންގުންތެރިންނަށް ހިތްހަމަޖެހޭނެ ފަދަ ވާހަކަތަކެކެވެ. ސަބަބަކީ، ފުޓްބޯޅަ އާއްމު ހާލަތަކަށް ގެނެވެން އޮންނާނީ އެ ހުރިހާ ކަމެއް ބަލައިގެން ކަމަށް ވުމެވެ. އެހެންވެ ދިވެހި ފުޓްބޯޅަ މަރުގެ އެނދުމަތީގައި އޮއްވާ، ފީފާ އިން މި ނިންމި ނިންމުމާ އެކު، އަލުން މި ކުޅިވަރަށް ދިރުން ލިބޭނެ ކަމުގެ އުއްމީދު މިވަނީ އާވެފަ އެވެ.